ފުރާޅެއް މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮތް މައްސަލައިގައި ޒުވާނުން މިހާރު ކުރަމުން އަންނަ ސިލްސިލާ އިހުތިޖާޖުތަކުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ މުވައްޒަފުން ބައިވެރިނުވުމަށް އެ ކޮމިޝަނުން މުވައްޒަފުންނަށް އަންގައިފިއެވެ.
އެޗްއާރްސީއެމްގެ މިޑިއާ ގްރޫޕުގައި ނޫސްވެރިން އެކަމާ ގުޅިގެން ސުވާލުކުރުން އެ ކޮމިޝަނުން ބުނީ, އެޕްރީލް 23، 2025 ވަނަ ދުވަހުން ފެށިގެން މާލޭގައި ކުރިއަށްދާ މުޒާހަރާތައް މޮނިޓާ ކުރުމުގެ ގޮތުން އެޗްއާރުސީއެމްގެ މުވައްޒަފުން މުޒާހަރާގެ އޮން-ސައިޓް މޮނިޓަރިންގެ އިތުރަށް މީޑިއާ މޮނިޓަރިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ މުޒާހަރާތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ކޮމިޝަންގެ މެންޑޭޓްގެ ދަށުން ކުރާ މަސައްކަތެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން، މި ކޮމިޝަނުގެ އޯވަ-ސައިޓް މެންޑޭޓްގެ ދަށުން، އެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އަމަލުކުރަމުންދާ ގޮތް ވެސް ކޮމިޝަނުން ބަލަމުންދާކަމަށް ބުންޏެވެ.
"މި މަސައްކަތްތައް ކުރުމުގައި، މި ކޮމިޝަނަކީ ތައައްސުބުން އެއްކިބާވެފައިވާ ފަރާތަކަށް ވާން ޖެހެއެވެ. އަދި އެފަދައިން އާންމުންނާއި އެންމެހާ ސްޓޭކްހޯލްޑަރުންނަށްވެސް އެނގި ހާމަވާންޖެހެއެވެ،" ކޮމިޝަންގެ ވަޓްސްއެޕް މެސެޖުގައި ބުނެފައިވެއެވެ.

އެޗްއާރުސީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ އެޗްއާރުސީއެމް
އެ ކޮމިޝަނުން ބުނީ, ދުނިޔޭގެ ނޭޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަންތަކުން އަމަލުކުރާ އުސޫލުތަކުގެ ދަށުން މިފަދަ މުއައްސަސާތަކުގެ މުވައްޒަފުން މަސްލަހަތު ފުށުއަރާނެ ފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން ދުރުހެލިވެ ތިބެންޖެހޭ ކަމަށެވެ. ހަމަ އެފަދައިން، އެޗްއާރުސީއެމްގެ މުވައްޒަފުންނަށް ވެސް މަސްލަހަތު ފުށުއަރާނެފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން ދުރުހެލިވުމަށް އިރުޝާދު ދެވިފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އެއީ, އަމިއްލަ ހައިސިއްޔަތުން އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން ކޮމިޝަނުގެ މަސައްކަތުގެ ސައްހަކަމަށް އަސަރުކޮށްފާނެތީ ކަމަށާއި އެ ފިޔަވަޅަކީ ކޮމިޝަންގެ ދައުރުގެ ސުލޫކު ހިފެހެއްޓުމަށާއި ކޮމިޝަންގެ އެންމެހާ މަސައްކަތްތައް ތައައްސުބުން އެއްކިބާވެ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހުރިކަން ޔަގީންކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ކޮމިޝަނުން ބުންޏެވެ.
ފުލުހުން ބުނީ، ޔުމްނު އެރޭ ހ. ފެންޓެނޯއީ ގޭގެ ފުރާޅު މައްޗަށް ވެއްޓުނީ އަމިއްލައަށް ކަމަށެވެ.

23 އޭޕްރީލް 2025: ވެއްޓުނު އަންހެން ކުއްޖާއަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން މަގުމައްޗަށް: ހެންވޭރު ކޮޅުގައި ހުންނަ، ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކައިރިއަށް ގިނަ އަދަދެއްގެ ޒުވާނުން އެއްވެ އަޑުއުފުލި -- ސަން ފޮޓޯ/ މޫސާ ނަދީމް
އެ ހާދިސާ ހިނގި ދުވަހުގެ ރޭ ޔުމްނު އުޅުނީ އިތުރު އަށް މީހަކާ އެކު ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ. އެ އެންމެންގެ ޕާސްޕޯޓު ހިފަހައްޓައި، އެ މީހުންނާ ގުޅޭ ތަންތަން ބަލައި ފާސްކުރާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެ ހާދިސާ ހިނގާފައިވަނީ ހ. ފެންޓެނޯއީ ކިޔާ ގެއެއްގައެވެ. އޭގެ ކުރިން އެ ރޭ ޔުމްނުއާއި ރައުދުު މއ. މާންދޫގޭދެކުނުގެ އާއި ހ. ކަށިވެލިގެއަށް ގޮސްފައިވެއެވެ.
ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ގިނަ ޒުވާނުންތަކެއް ވަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތަކެއް ފަށައިފައެވެ.
މި މުޒާހަރާތަކުގައި ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ)ގެ މަގާމުގައި ހުންނެވި އަލީ ޝުޖާއުއާއި، ހޯމް މިނިސްޓަރު އަލީ އިހުސާނު އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިސްތުފާ ދިނުމަށް ދަނީ ގޮވާލަމުންނެވެ.
މި އަޑުތައް ގަދަވެފައި ވަނިކޮށް، ސީޕީގެ މަގާމުން ޝުޖާއު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއާއެކު އެކްޓިން ސީޕީއަކަށް ފަރުހާދު ފިކުރީ އައްޔަން ކުރިތާ ގަޑިއިރެއް ނުވެ، އޭނާގެ އަތުން މަގާމު ނަގައި، އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އިސްމާއީލް ނަވީން ވަނީ އައްޔަނުކޮށްފައެވެ.