ޑާކާ (30 ޖޫން 2025) : ބަންގްލަދޭޝްގެ ޓެކްސް އާއި ކަސްޓަމްސްގެ މަސްއޫލުވެރިންނާއި މުވައްޒަފުން މަސައްކަތް ހުއްޓާލައި ހަޅުތާލުކުރަމުންދާތާ ދެ ދުވަސްވެ ޝިޕިންގެ ހަރަކާތްތައް ހުއްޓުމަކަށް އައިސްފައިވާތީ ވަގުތުން ހަޅުތާލު ހުއްޓާލައި މަސައްކަތަށް އެނބުރި ރުޖޫއަވުމަށް އެ ގައުމުގެ ސަރުކާރުން ހަޅުތާލުކުރާ ފަރާތްތަކަށް ގޮވާލައިފިއެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިޔާ މުޙައްމަދު ޔޫނުސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކްސްޕޯޓް އިންޕޯޓުގެ ހަރަކާތްތައް ހުއްޓުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ގައުމުގެ އިގްތިސާދު ހުއްޓުމަކަށް ގެނައުުން ކަމުގައެވެ. އެހެންކަމުން ހަޅުތާލު ހުއްޓާލައި މަސައްކަތަށް އެނބުރި ރުޖޫއަވުމަށް ޓެކްސް އާއި ކަސްޓަމްސްގެ މަސްއޫލުވެރިންނާއި މަސައްކަތްތެރިންނަށް އެ ބަޔާނުގައިވަނީ ގޮވާލާފައެވެ.
ބަންގްލަދޭޝްގެ ޓެކްސް އާއި ކަސްޓަމްސް ގެ މަސްއޫލުވެރިންނާއި މަސައްކަތްތެރިން ހަޅުތާލުފެށީ އެ ގައުމުގެ, ނެޝަނަލް ބޯޑް އޮފް ރެވެނިއު (އެންބީއާރު) އުވާލައި ދައުލަތަށް ލިބޭ އާމްދަނީ ބަލައިގަތުމަށް މުޅިން އައު އިދާރާއެއް އުފެއްދުމުގެ އަމުރެއް ވަގުތީ ސަރުކާރުގެ ވެރިޔާ މުހައްމަދު ޔޫނުސް ނެރުއްވުމުންނެވެ. އިދާރާ ވުޖޫދަށް އައުމާއެކު މިހާރު ޓެކްސް އާއި ކަސްޓަމްސްގައި ތިބި ވެރިންނާއި މުވައްޒަފުންނަށް ވަނީ އެ މީހުންގެ ވަޒީފާތައް ގެއްލިދާނެކަމުގެ ބިރު ހީވެފައެވެ. ހަޅުތާލު ފެށީ އެކަމާ ގުޅިގެންނެވެ.
ވަގުތީ ސަރުކާރު ބުނާގޮތުން އާމްދަނީއާބެހޭ އައު އިދާރާއެއް އުފައްދަން ނިންމީ މަސައްކަތް އަވަސްކޮށް އަދި އިދާރީ ކަންކަން އިތުރަށް ހަރުދަނާކޮށް ޒަމާނާ އެއްގޮތަށް އޮޓޮމޭޓް ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް މިހާރު މުވައްޒަފުން މެނުއަލްކޮށް ކުރާ ގިނަ ކަންކަން އޮޓޮމޭޓް ކުރުމުން އިދާރީ މުވައްޒަފުން ވަރަށް ބޮޑަށް މަދުވާނެކަމަށް ވަނީ ބެލެވިފައެވެ. މިއީ ބައެއް މުވައްޒަފުން އެންމެ ކަންބޮޑުވާ ސަބަބެވެ.
ހަޅުތާލާއެކު ބަންގްލަދޭޝްގެ އެންމެ ބޮޑު ކަނޑުގެ ބަނދަރު ކަމަށްވާ ޗިޓަގޮން ބަނދަރުގެ މަސައްކަތް ވަނީ އެއްކޮށް ހުއްޓިފައެވެ. މިއީ އެވްރެޖްކޮށް ދުވާލަކު 7000 އާއި 8000 އާ ދެމެދުގެ ކޮންޓެއިނަރު މެނޭޖްކުރާ ބަނދަރެކެވެ.
ހަޅުތާލަށް ދެ ދުވަސް ވެފައިވާއިރު އަންނަ ކޮންޓެއިނަރުތައް ވަނީ ތޮއްޖެހިފައެވެ. އަދި ބަންގްލަދޭޝްއިން މުދާ ބޭރުކުރުން ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ބަންގްލަދޭޝްއިން އެންމެ ބޮޑަށް އެކްސްޕޯޓް ކުރަނީ ޓެކްސްޓައިލް އާއި ގާމެންޓްސް ނުވަތަ އެކި ބާވަތުގެ ތައްޔާރީ ހެދުމާއި ފޮއްޗެވެ. ދެން މޭވާ އަދި ތަރުކާރީގެ ބާވަތްތަކެވެ.
ބަންގްލަދޭޝްގެ ގާމެންޓްސް، މެނުފެކްޗާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަނުން ވަނީ މިއީ އެތައް ސަތޭކަ މިލިޔަން ޑޮލަރުގެ ގެއްލުމެއްވާނެ ކަމެއްކަން ބަޔާންކޮށް ހަޅުތާލު ދިގުލައިފިނަމަ އެތައް ބިލިޔަން ޑޮލަރެއްގެ ގެއްލުން ވެސް ލިބިދާނެކަމުގެ އިންޒާރުދީ ހަޅުތާލު ހުއްޓާލުމަށް ގޮވާލާފައެވެ.
ހަޅުތާލު ކުރާ ފަރާތްތަކުގެ މަންދޫބުންނާއި ސަރުކާރާ ދެމެދު ދަނީ ވާހަކަތައް ދައްކަމުންނެވެ. ނަމަވެސް އަދި ހައްލެއް ނާދެއެވެ. ބަންގްލަދޭޝް އަކީ ދުނިޔޭގައި ދެވަނަ އެންމެބޮޑު ޓެކްސްޓައިލް އާއި ގާމެންޓް ސިނާއަތު އޮތްގައުމެވެ. މި ސިނާއަތުގެ ހުރިހާ މަރުހަލާތަކަކަށް ބަލާއިރު 4.4 މިލިޔަނަށް ވުރެ ގިނަމީހުން މި ސިނާއަތުގައި މަސައްކަތް ކުރާކަމަށްވެއެވެ.
ދިގު މުއްސަތެއް ވަންދެން މި ސިނާއަތަށް ލޮޅުން އަރައިފިނަމަ ބަންގްލަދޭޝް އިގްތިސާދީ ގޮތުން އިނދަޖެހިދާނެކަމުގެ ބިރުވެސް ބޮޑެވެ. އެހެންކަމުން ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ނެރުނު ބަޔާނުގައި މަސައްކަތްތެރިންނަށް ވަނީ އިންޒާރެއް ވެސް ދީފައެވެ. އެއީ އެ މީހުން ހަޅުތާލު ހުއްޓާލައި މަސައްކަތަށް އަނބުރާ އިއާދަ ނުވެއްޖެނަމަ ގައުމުގެ އިގްތިސާދުގެ ހިމާޔަތުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ސަރުކާރަށް މަޖުބޫރުވާނެކަމުގެ އިންޒާރެވެ.
މިއީ ހަޅުތާލު ހުއްޓައި ނުލާނަމަ އެ މީހުން ވަޒީފާއިން ވަކިކުރާނެކަމުގެ ބިރުކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް ހަޅުތާލުކުރުމަކީ ބަންގްލަދޭޝްގައި ގާނޫނީ ގޮތުން ކުރުން ހުއްދަ ކަމެކެވެ. އަނެއްކޮޅުން އެންމެން އެއްކޮށް ހަޅުތާލުކުރާނަމަ އެންމެންނާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ކުރެވޭނެ ކަމެއްނޫންކަން ހަޅުތާލުކުރާ ފަރާތްތަކަށް އެނގެއެވެ. ހަޅުތާލުކުރާ ފަރާތްތައް ބޭނުން ވަނީ އެ މީހުންގެ ވަޒީފާ ގެއްލިގެން ނުދާނެކަމުގެ ގެރެންޓީ ލިބުމެވެ.