އިންޑިއާ-ޕާކިސްތާނު ހަމަލާތައް: ދުނިޔޭގެ ލީޑަރުން ދެކޭގޮތް

އިންޑިއާއިން ދިން ހަމަލާތަކުގެ ސަބަބުން ޕާކިސްތާނުގެ މުޒައްފަރުއާބާދުގައި ހުރި މިސްކިތެއް ހަލާކުވެފައި. ފޮޓޯ/އޭޕީ

އިންޑިއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން ގޯސްވެ ރޭ ދަންވަރުގެ ވަގުތެއްގައި އިންޑިއާއިން ޕާކިސްތާނަށް ދިން މިސައިލް ހަމަލާތަކުގެ ރައްދުގައި ޕާކިސްތާނުން ވެސް ވަނީ އިންޑިއާއަށް ހަމަލާދީފައެވެ.

"އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި އިންޑިއާއިން ދިން ހަމަލާތަކުގައި 26 މީހުން މަރުވެފައިވާ ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. ރައްދުގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަތް އިންޑިއާގެ ފަސް ފައިޓާޖެޓް ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުން ވަނީ ކަށަވަރުކޮށްދީފައެވެ.

ހަމަލާތަކާއެކު ދުނިޔޭގެ ބޮޑެތި ގިނަ ގައުމުތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަމަލާތަކާމެދު ދުނިޔޭގެ ލީޑަރުން ދެކޭގޮތް ބަލާލާނަމެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

"އެއީ ލަދުވެތި ކަމެއް. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މާޒީގައި ހިނގި ކުޑަކުޑަ ކަމަކާހެދި ދެ ގައުމުން ހަނގުރާމަ ކުރާތާ އެތައް ދުވަހެއްވެއްޖެ. އެކަން ވަރަށް އަވަހަށް ނިމޭނެ ކަމަށް އުންމީދުކުރަން." ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ

ދެ ގައުމުގެ ދެމެދުގައި ގޯސްވަމުންދާ އަސްކަރީ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފައެވެ.

"އަޅުގަނޑު މިދަނީ އިންޑިއާ އާއި ޕާކިސްތާނުގެ ހާލަތު ވަރަށް ގާތުން ބަލަމުން. މިކަން ވަރަށް އަވަހަށް ނިމޭނެ ކަމަށް އުންމީދު ކުރަން. މިކަމަށް ސުލްހަވެރި ހައްލެއް ގެނައުމަށް އިންޑިއާ އަދި ޕާކިސްތާނާއެކު ވެސް މަސައްކަތްކުރާނަން." ރޫބިއޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްގެ ތަރުޖަމާނު

"ލައިން އޮފް ކޮންޓްރޯލާއި ބައިނަލްއަގްވާމީ ބޯޑަރު ހުރަސްކޮށް އިންޑިއާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކާ މެދު ސެކްރެޓަރީ ޖެނެރަލް ވަރަށް ކަންބޮޑުވެވަޑައިގަންނަވާ. ދެ ގައުމުން ވެސް އެންމެ ފުރިހަމައަށް ހަމަލާތައް ކޮންޓްރޯލު ކުރުމަށް ގޮވައިލައްވާ." ގުޓަރެސްގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

އިންޑިއާއިން ދިން ހަމަލާތަކުގައި ޕާކިސްތާނުގެ ޕަންޖާބު އަވަށުގައި ހުރި އިމާރާތެއް ހަލާކުވެފައި. ފޮޓޯ/އޭޕީ

ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު

ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާއި ޕާކިސްތާނާއި ދެމެދު މި ފަހުން ބަދަލުނުކުރާވަރުގެ ހަމަލާތައް ބަދަލުކޮށްފައިވާ މި ދަނޑިވަޅުގައި ހަމަލާތައް އިތުރަށް ވަރުގަދަ ނުކުރުމަށް ފަރަންސޭސިވިލާތުން ވަނީ ދެ ގައުމަށްވެސް ގޮވައިލާފައެވެ.

"ޓެރަރިޒަމުން ރައްކާތެރިވުމަށް އިންޑިއާއިން ބޭނުންވާކަން އަޅުގަނޑުމެންނަށް ވިސްނޭ. ނަމަވެސް ދެ ގައުމުންވެސް ހަމަލާތައް އިތުރަށް ފުޅާނުކޮށް ހަމަލާތަކުން އާންމުން ރައްކާތެރިކުރަންޖެހޭ." ޚާރިޖީ ވަޒީރު ޖީން ނޯއެލް ބާރޯޓް ޓީއެފް1 ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިމާސާ ހަޔާޝީ

"އެޕްރީލް 22 ވަނަ ދުވަހު ކަޝްމީރުގައި ހިނގި ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން ދަންނަވަން. އަޅުގަނޑުމެންގެ ގައުމުން މިފަދަ ޓެރަރިޒަމްގެ އަމަލުތައް ވަރުގަދައަށް ކުށްވެރިކުރަން. މީގެ އިތުރުން، މި ހާލަތުގެ ސަބަބުން އިތުރު ބަދަލު ހިފުމަކަށްގޮސް އަސްކަރީ ހަމަނުޖެހުމަކަށް ބަދަލުވެދާނެތީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވަން." ހަޔާޝީ ވިދާޅުވިއެވެ.

"ދެކުނު އޭޝިއާގެ ސުލްހައާއި ހަމަޖެހުމަށްޓަކައި އިންޑިއާ އާއި ޕާކިސްތާނުން ވެސް ހަމަލާތައް ދިނުން ހުއްޓާލައި މަޝްވަރާގެ ތެރެއިން ހާލަތު ހަމައަކަށް އެޅުވުމަށް ވަރަށް ބޮޑަށް އިލްތިމާސް ކުރަން."

ޕާކިސްތާނުގެ ލާހޯރާ ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި އޮންނަ މުރިދުކޭގައި ހަލާކުވެފައިވާ އިމާރާތެއްގެ ދަށުން މީހުން ހޯދުމުގެ މަސައްކަތްކުރަނީ. ފޮޓޯ/އޭއެފްޕީ

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ޚާރިޖީ ވަޒީރު

ޔޫއޭއީގެ ޚާރިޖީ ވަޒީރު އަދި ނާއިބު ރައީސް އަބްދުﷲ ބިން ޒައިދު ބިން ސުލްތާން އަލް ނަހްޔާން ވަނީ ހަމަލާތައް ވަރުގަދަ ނުކޮށް ފިތުނަވެރިކަން ކުޑަކުރުމަށް ގޮވާލާފައި ކަމަށް އެ ގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޑިޕްލޮމެސީ އާއި މަޝްވަރާ އަކީ ސުލްހަވެރިކަމާއެކު މުސީބާތްތައް ހައްލުކުރުމަށް، އަދި ސުލްހައާއި ހަމަޖެހުމާއި ތަނަވަސްކަމަށް ގައުމުތަކުގެ ހިއްސާވާ އުންމީދުތައް ހާސިލްކުރުމަށް އެންމެ ފައިދާހުރި ވަސީލަތްކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އިސްރާއީލުން އިންޑިއާއަށް ކަނޑައަޅާފައިވާ ސަފީރު

އިސްރާއީލުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ރޫވެން އަޒާރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަމިއްލަ ދިފާއުގައި އިންޑިއާއިން ދޭ ހަމަލާތަކަށް ތާއީދުކުރާ ކަމަށެވެ.

"އިންޑިއާއިން އަމިއްލަ ދިފާއުގައި ދޭ ހަމަލާތަކަށް އިސްރާއީލުން ތާއީދުކުރަން. މައުސޫމު މީހުންނާ ދެކޮޅަށް ހިންގާ ނަފްރަތުގެ ބޮޑެތި ޖަރީމާތައް ނުފޮރުވޭނެކަން ޓެރަރިސްޓުންނަށް އެގެންޖެހޭ."

ރަޝިއާގެ ޚާރިޖީ ވުޒާރާ

ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އަސްކަރީ ކުރިމަތިލުންތައް އިތުރުވަމުންދާތީ، ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ދެ ގައުމުން ވެސް ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

ދެ ގައުމާވެސް ގުޅުން އޮންނަ ރަޝިއާގެ ޚާރިޖީ ވުޒާރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އެ ބަޔާނުގައި ވަނީ ޓެރަރިޒަމްގެ ހުރިހާ ބާވަތެއް ކުށްވެރިކުރާ ކަމަށްވެސް ބުނެފައެވެ.

ޤަޠަރުގެ ޚާރިޖީ ވުޒާރާ

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރިއަށްގެންދާ ހަމަލާތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި، ޑިޕްލޮމެޓުން މެދުވެރިކޮށް މައްސަލަ ހައްލު ކުރުމަށް ޤަޠަރުން ވަނީ ގޮވާލާފައެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ގޯހުން ގޯހަށް ބަދަލުވަމުން ދާއިރު ގިނަ ގައުމުތަކުން ދަނީ އިތުރަށް ގޯސްވިޔަނުދީ ސުލްހަޔަށް އިސްކަން ދިނުމަށް ގޮވާލަމުންނެވެ.

comment ކޮމެންޓް