އިންޑިއާ-ޕާކިސްތާން ހަމަލާތައް: އިންޑިއާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އިންޑިއާގެ ޖާސޫސީ ޑްރޯނެއް ޕާކިސްތާނުގެ ލާހޫރު ސަރަހައްދުން ވައްޓާލާފައިވާ ކަމަށް ރިޕޯޓުތައް ބުނޭ. ފޮޓޯ/ސަމާ ޓީވީ

ޕާކިސްތާނުގެ ލާހޯރު ވޯލްޓަން މަގު ކައިރިން އިންޑިއާގެ ޖާސޫސީ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުގެ ސަމާ ޓީވީން ރިޕޯޓުކޮށްފިއެވެ.

އެ ސަރަހައްދުން މިއަދު ހެނދުނު ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ފުލުހުންގެ އޮފިޝަލުންނާ ހަވާލާދީ ސަމާ ޓީވީން ބުނެފައިވެއެވެ.

ވޯލްޓަން އެއާޕޯޓް ކައިރީގައި އޮންނަ ލާހޯރުގެ ގޯޕާލް ނަގަރާއި ނަސީރުބާދު ސަރަހައްދުގެ އެތައް ގޮވުންތަކެއް ގޮވުމުގެ އަޑު އިވިފައިވެއެވެ. އެ އަޑުތަކާއެކު އެ ސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ މީހުން ބޭރަށް ނުކުމެފައިވާ ކަމަށާއި އެ ސަރަހައްދުން ކަޅު ދުން އަރާތަންވެސް ފެނިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަސް ފޫޓާއި ހަ ފޫޓާ ދެމެދުގެ ދިގުމިނުގެ އެ ޑްރޯން އޮޕަރޭޓް ކުރަމުން ދިޔައީ ބޯޑަރު ހުރަސްކޮށް ކަމަށާއި ޑްރޯން ވައްޓާލީ ސިސްޓަމް ޖޭމްކޮށްގެން ކަމަށް މައުލޫމާތު އެގޭ ފަރާތަކާ ހަވާލާދީ ސަމާ ޓީވީން ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާގެ ޑްރޯން އުދުއްސާލީ ތަންތަނަށް ޖާސޫސް ކުރުމަށް ކަމަށް ފުލުހުންގެ މަސްދަރުތަކުން އިތުރަށް ބުނެފައިވެއެވެ. އަދި ގޮވާތަކެތި ހިފައިގެން ދިޔަ ޑްރޯން އިމާރާތަކާ ވަރަށް ކައިރިއަށް ފޯރާފައިވާ ކަމަށްވެސް ސަމާ ޓީވީން ރިޕޯޓުކޮށްފައިވެއެވެ.

ސަރަހައްދީ ހަމަނުޖެހުމުގެ ސަބަބުން ލާހޯރާއި ސިއަލްކޮޓްގެ މުހިންމު ބައެއް ވައިގެ މަގުތައް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް އެއާޕޯޓްގެ މަސްދަރުތަކުން ބުނެއެވެ.

ވައިގެ ސަރަހައްދު ހަނިވުމުގެ ސަބަބުން, ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)ގެ އެތައް ފްލައިޓަކަށް ވަނީ އަސަރުކޮށްފައެވެ. މަދީނާއިން ލާހޯރަށް ދަތުރުކުރި ޕީއައިއޭގެ ފްލައިޓެއް ކަރާޗީއަށް ޑައިވާޓް ކުރިއިރު، މުލްތާނުން ލާހޯރަށް ދިޔަ އިތުރު ފްލައިޓެއް ވެސް އޮޕަރޭޝަނަލް ލަސްވުމުގެ ސަބަބުން ކަރާޗީއަށް ބަދަލުކޮށްފައިވެއެވެ.

ޕާކިސްތާނުން ކަޝްމީރު ކޮންޓްރޯލުކުރާ ސަރަހައްދަށް އިންޑިއާއިން އިއްޔެ ރޭ މިސައިލް ހަމަލާތަކެއް ދިނީ މިދިޔަ މަހު އިންޑިއާ ފަޅީގެ ކަޝްމީރުގައި ދިން ހަމަލާއަކާ ގުޅިގެން އިންޑިއާގެ 25 މީހުން މަރުވި ހާދިސާގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ އެ ހަމަލާގެ ރައްދުގައި ޕާކިސްތާނުން ވެސް ވަނީ ހަމަލާދީފައެވެ. އެގޮތުން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަތް އިންޑިއާގެ ފަސް ފައިޓާޖެޓް ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުން ބުނެއެވެ.

އިންޑިއާގެ މިސައިލް ހަމަލާތަކުގައި ޕާކިސްތާނުގެ 31 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެއެވެ.

comment ކޮމެންޓް