'ޑީ' ފާހުގެ ރިސާޗަރެއް ދިވެހިބަހުގެ މިނިސްޓްރީން ހޯދަނީ، މުސާރައަށް 30،000

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓަރު, އާދަމް ނަސީރު އިބްރާހީމް: -- ފޮޓޯ: މަޖިލިސް

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން، 30،000 ރުފިޔާގެ މުސާރައާއި އިނާޔަތް ލިބޭ، ފެންވަރު ދަށް ރިސާޗަރެއް ހޯދަން މިއަދު އިއުލާންކޮށްފިއެވެ.

އެ ވުޒާރާއިން ގެޒެޓުކުރި އިއުލާނުގައިވަނީ ދިވެހިވަންތަ ކަމުގެ ބަހާތަކާގުޅޭ ގޮތުން ރިސާޗުކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. އެ މަގާމުގެ މަސްއޫލިއްޔަތުތަކަކީ:

  • ދިވެހިވަންތަކަމުގެ ބަހާތައް ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމާ ބެހޭ މައުލޫމާތު އެއްކުރުމާއި ދަސްކުރުމާ ދިރާސާކުރުމާއި ހުށަހަޅައިދިނުމުގެ މަސައްކަތް ވިލަރެސް ކުރުން
  • ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ ދިރާސާތައް ޝާއިއުކުރުމަށް ތައްޔާރުކުރާ ތަކެތީގެ ފުރިހަމަކަން ޗެކްކުރުން
  • ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިކަންހުރުން
  • ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް އެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުން

މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

  • ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން
  • 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔާ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން
  • ދިވެހިވަންތަކަމުގެ ބަހާތައް ދިރާސާކުރުމަށް ޝައުގުވެރިމުވާއެކު މަދުވެގެން 3 އަހަރު ދުވަހުގެ އިދާރީ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން
  • ދިވެހިބަހާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އަދި ޕްރެޒެންޓޭޝަން ހުށަހަޅަން އެނގޭ ފަރާތެއް ކަމުގައިވުން
  • އުމުރުން 35 އަހަރުން ދަށުގެ މީހަކަށް ވުން

މި މަގާމުގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 25،000 ރުފިޔާއެވެ. އަދި ރިސާޗް އެލަވަންސްގެ ގޮތުގައި މަހަކު 5،000 ރުފިޔާ ވެސް ކަނޑައަޅާފައިވެއެވެ. މި ވަޒީފާގެ އެއްބަސްވުމުގެ މުއްދަތަކީ ދެ އަހަރު ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ކަމާ ގުޅިގެން ދަނީ އެ ވުޒާރާއަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ، 'ސީ' އަދި 'ޑީ' ފާހެއް އޮވެގެން ރިސާޗަރަކަށް މުސާރައިގެ ގޮތުގައި 30،000 ރުފިޔާ ދޭއިރު، ދައުލަތުގެ މައިބަދަ ކަމަށްވާ ސިވިލް ސާވިސް މުވައްޒަފުންނާއި ޑޮކްޓަރުންނާއި އިންޖިނިއަރުން ފަދަ ވަޒީފާތައް އަދާކުރާ މީހުންނަށް ވެސް އެ ވަރުގެ މުސާރަ ނުލިބޭ ކަމަށެވެ.

މި ފަދަ ރިސާޗުތަކުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއަށް ހާސިލްވީ ކޮން ކަމެއްތޯ އޭނާވަނީ ސުވާލު ކުރައްވައިފައެވެ.

މީގެ އިތުރުން ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވެސް ވަނީ މި ކަމަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވަނީ އެ ވަޒީފާއަށް ބޭނުންވަނީ ވަރަށް ދަށް ފާހެއްކަން ފާހަގަކުރައްވައި، 'އެހެން ހުރިހާ ކަމެއް ހުއްޓާލައި' އެ ވަޒީފާ ހޯދަން އުޅެން ޖެހޭ ކަމަށް މަޖާޒީ ގޮތަކަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހިބަހުގެ ވުޒާރާގައި ދިރާސާތައް ކުރުމުގެ މަސައްކަތަށް މިހާރު ވެސް ނުވަ ބޭފުޅުން ތިއްބަވައެވެ. އެ ބޭފުޅުންގެ މުސާރައަކީ ވެސް 30،000 ރުފިޔާއެވެ. އަދި 45،000 ރުފިޔާގެ މުސާރަ ލިބޭ ފަސް އިސްވަރުން ތިއްބަވައެވެ. އެއީ ބަހުގެ އިސްވަރާއި ތާރީޚު އިސްވަރާއި ފަންނު އިސްވަރާއި ޓެކްނޮލޮޖީ އިސްވަރާއި ޖިއޯގްރާފީ އިސްވަރެވެ.

ތަރިކައާބެހޭ ވުޒާރާއިން ހޯދަން އިއުލާންކޮށްފައިވާ ރިސާޗަރުގެ މަގާމަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ގައުމީ ދާރުލްއާސާރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައިގަންނާނެއެވެ.

ދިވެހިބަހުގެ މިނިސްޓްރީއަށް ދައުލަތުގެ ބަޖެޓުގައި 73.1 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ.

comment ކޮމެންޓް