ޕާކިސްތާނުން އިންޑިއާގެ ޖަމްމޫއަށް ޑްރޯން ހަމަލާތަކެއް ދީފި

އިންޑިއާގެ ކޮންޓްރޯލް އޮންނަ ކަޝްމީރުގެ ޕުލްވާމާ ޑިސްޓްރިކްޓްގެ ޕަމްޕޫރުގައި ހުންނަ މިސްކިތެއްގެ ގޯތިތެރޭގައި ވެއްޓިފައިއޮތް މަތިންދާބޯޓެއްގެ ބައެއް -- ފޮޓޯ/އޭޕީ

އިންޑިއާގެ ކަޝްމީރު ފަޅީގައި އޮންނަ ޖަމްމޫއަށް ޕާކިސްތާނުން ޑްރޯން ހަމަލާތަކެއް ދީފިއެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެފައިވާ ގޮތުގައި ބޮޑެތި ގޮވުންތަކެއް ގޮވައި ސައިރެންގެ އަޑު އިވިފައިވެއެވެ. އަދި އެ ސަރަހައްދުން ވަނީ ކަރަންޓު ވެސް ކެނޑިފައެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝައްކުކުރެވޭ ޑްރޯންތަކެއް މިއަދު ވަނީ އެ ސަރަހައްދުގެ މަތިން އުދުހިފައެވެ.

އެކަމާ ގުޅިގެން އިންޑިއާ އަދި ޕާކިސްތާނުން ވެސް ރަސްމީކޮށް މިހާތަނަށް އެއްޗެއް ބުނެފައެއްނުވެއެވެ.

ޕާކިސްތާނުގެ އެތައް ސަރަހައްދަކަށް ބުދަ ދުވަހުގެ ރޭ އިންޑިއާއިން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް ޢަދާވާތްތެރިކަން އިތުރުވަމުންދާއިރު، ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ އިންޑިއާގެ 29 ޑްރޯން ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ޖެނެރަލް އަހުމަދު ޝަރީފް ޗައުދަރީ ބުރާސްފަތި ދުވަހު ވިދާޅުވީ އިންޑިއާގައި އުފައްދާފައިވާ އިސްރާއީލުގެ ހާރޯޕް ޑްރޯންތައް ކަރާޗީ އާއި ލާހޯރު ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކަށް ފޮނުވާފައިވާ ކަމަށެވެ.

އިންޑިއާއިން ޕާކިސްތާނުގެ ލާހޯރުގެ ވައިގެ ދިފާއީ ނިޒާމު ހަލާކުކޮށްލާފައިވާ ކަމަށް ވެސް އެ ގައުމުގެ ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ. ނަމަވެސް ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފްއާ ހަވާލާދީ ރޮއިޓާސް އިން ބުނީ އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ލާހޯރުގެ އެއްވެސް އަސްކަރީ މަރުކަޒަކަށް ނުވަތަ ވައިގެ ދިފާއީ ނިޒާމަކަށް އިންޑިއާގެ ޑްރޯންތަކުން އެއްވެސް ގެއްލުމެއް ނުދޭ ކަމަށެވެ.

ޕާކިސްތާނުން އިންޑިއާއަށް ދިން ހަމަލާތަކުގައި ތިން އަންހެނުންނާއި ފަސް ކުޑަކުދިން ހިމެނޭ ގޮތަށް 16 މީހުން މަރުވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކުގައި 31 މީހުން މަރުވެފައިވާ ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ.

"އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި އިންޑިއާއިން ޕާކިސްތާނަށް ހަމަލާދޭން ފެށީ މިދިޔަ މަހު 22 ވަނަ ދުވަހު ކަޝްމީރުގެ އިންޑިއާ ފަޅީފައި ދިން ހަމަލާއެއްގައި އިންޑިއާގެ 25 މީހުންނާއި ނޭޕާލް އެކަކު މަރުވުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

އެ ހަމަލާދިން ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ ދެ މީހުން ކަމަށާއި ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާނު ކަމަށް އިންޑިއާއިން ތުހުމަތުކުރެއެވެ. ނަމަވެސް ޕާކިސްތާނުން އެކަން ދޮގުކުރެއެވެ.

comment ކޮމެންޓް