އިންޑިއާގެ ފިލްމު ފެޑެރޭޝަންގެ އިންޒާރު ދިލްޖީތަށް

އިންޑިއާގެ ޕަންޖާބު ލަވަކިޔުންތެރިޔާ އަދި މިހާރު އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ދިލްޖީތު ދޮސާންޖަށް އިންޑިއާގެ ދަ ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސައިން އެމްޕްލޯއީސްގެ ރައީސް ބީއެން ތިވާރީ އިންޒާރުތަކެއް ދީފިއެވެ.

އިންޑިއާގެ ފިލްމު ފެޑެރޭޝަންއިން ދިލްޖީތަށް އިންޒާރުތަކެއް ދީފައި މިވަނީ ދިލްޖީތުގެ ކުރިއަށް އޮތް ފިލްމު "ސަރުދާރު ޖީ 3"ގައި ޕާކިސްތާނުގެ ފިލްމީ ތަރިންތަކެއް ހިމަނާފައިވާ ކަމަށް އާއްމުންގެ ބަޔަކު ތުހުމަތުކުރުމާ ގުޅިގެންނެވެ.

މި ފިލްމުގެ ޝޫޓިންގް ނިންމާލުމަށްފަހު ފިލްމުގެ ކްރޫއިންނާއި ކާސްޓުންނާ އެކު ނަގާފައިވާ ފޮޓޯއެއް ދިލްޖީތު ސޯޝަލް މީޑިއާގައި ޕޯސްޓުކުރުމާ ގުޅިގެން ގިނަ ބަޔަކު ބުނެފައި ވަނީ ނުފެންނަ ގޮތަށް ޕާކިސްތާނު ބަތަލާ ހާނިއާ އާމިރު ވެސް އެ ފޮޓޯގައި ހުރި ކަމަށެވެ.

ފިލްމު "ސަރުދާޜު ޖީ 3"ގެ ޝޫޓިންގް ނިންމާލުމަށްފަހު ދިލްޖީތު ސޯޝަލްމީޑިއާއަށް ދޫކޮށްލި ފޮޓޯ--ފޮޓޯ/ފޭސްބުކް

މި ފިލްމަކީ ޕާކިސްތާނު ބަތަލާ ހާނިއާ އާމިރު ބޮލީވުޑަށް ތައާރަފްވުމަށް ނިންމި ފިލްމެވެ. ނަމަވެސް ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ޕަހަލްގަމްއަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ގޯސްވެ ޕާކިސްތާނުގެ ފިލްމީ ތަރިން އިންޑިއާގައި އަދި އިންޑިއާގެ ފިލްމުތަކުގައި މަސައްކަތް ކުރުން ވަނީ މަނާކޮށްފައެވެ.

ދިލްޖީތު ސޯޝަލްމީޑިއާގައި ހިއްސާކުރި ފޮޓޯއާ އެކު ޕާކިސްތާނުގެ ފިލްމީ ތަރިން ކަމަށްވާ ނާސިރު ޗިނޯތީ، ޑެނިއެލް ހާވަރު އަދު ސަލީމް އަލްބޭލާ ފަދަ ތަރިންނާ އެކު އެކްޓަރު މަސައްކަތްކުރާ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ.

އިންޑިއާގެ ފިލްމު ފެޑެރޭޝަންގެ ރައީސް ބީއެން ތިވާރީ ބުނެފައި ވަނީ ދިލްޖީތު ވެސް އަދި އެހެން އާޓިސްޓުން ވެސް އެ ފެޑެރޭޝަނުން ނިންމާފައިވާ ނިންމުންތަކާ ޚިލާފުވާނަމަ އެ ބަޔަކު އުފެއްދި ފިލްމުގެ އިތުރުން އެ އާޓިސްޓުންނާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

އިންޑިއާއާ ދެކޮޅު އެއްވެސް ބަޔަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އެ ޤައުމުގެ ފިލްމު އިންޑަސްޓްރީގެ އެއްވެސް ބަޔަކަށް ނުދޭނެ ކަމަށް ބީއެން ތިވާރީ ވަނީ ބުނެފައެވެ. އެފަދަ އާޓިސްޓުންގެ ނަންތައް އެ ފެޑޭރަޝަންއަށް ލިބެމުން އަންނަ ކަމަށާއި އެ ބަޔަކު ފިލްމު އިންޑަސްޓްރީއިން ބޭރުކުރާނެ ކަމުގެ އިންޒާރުވެސް ފިލްމު ފެޑެރޭޝަންގެ ރައީސް ވަނީ ދީފައެވެ.

ފިލްމު "ސަރުދާރު ޖީ 3"ގެ ޓީޒަ މިއަދު ރިލީޒްކޮށްފައިވާއިރު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި މަހުގެ 27ގައެވެ.

comment ކޮމެންޓް