މައިންބަފައިންނާމެދު ދެތިން ވާހަކައެއް

ޖޫން 7، 2024: ހައްޖުވެރިން ފުރުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މައިންބަފައިންނަކީ ދަރިން ދުނިޔެއަށް އައުމުގެ ސަބަބެވެ. އެހެންކަމުން އިންސާނާއަށް ވާޖިބުވެގެން ވަނީ އޭނާ ދުނިޔެއަށް އައުމަށް ﷲ މެދުވެރިކުރެއްވި ސަބަބު ކަމުގައި ވާ މައިންބަފައިންނަށް ހެޔޮކޮށްހިތުމެވެ. އެ މީހުންނަށް އިޙުސާންތެރިވުމެވެ. އެ މީހުންނަށް ޓަކައި ރައްކާތެރިކަމާއި އަމާންކަން ހޯދައިދިނުމެވެ.

ޖިހާދަށްވުރެ ކުރިން މައިންބަފައިންގެ ޙައްޤު

މައިން ބަފައިންނަށް އިޙުސާންތެރިވުމަކީ ބައެއް ހާލަތްތަކުގައި ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް އިސްވެގެންވާ ކަމެކެވެ. أَبَا عَمْرٍو الشَّيْبَانِيَّ يَقُولُ‏:‏ «حَدَّثَنَا صَاحِبُ هَذِهِ الدَّارِ، وَأَوْمَأَ بِيَدِهِ إِلَى دَارِ عَبْدِ اللهِ قَالَ‏:‏ سَأَلْتُ النَّبِيَّ صلى الله عليه وسلم‏:‏ أَيُّ الْعَمَلِ أَحَبُّ إِلَى اللهِ عَزَّ وَجَلَّ‏؟‏ قَالَ‏:‏ الصَّلاَةُ عَلَى وَقْتِهَا، قُلْتُ‏:‏ ثُمَّ أَيٌّ‏؟‏ قَالَ‏:‏ ثُمَّ بِرُّ الْوَالِدَيْنِ، قُلْتُ‏:‏ ثُمَّ أَيٌّ‏؟‏ قَالَ‏:‏ ثُمَّ الْجِهَادُ فِي سَبِيلِ اللهِ قَالَ‏:‏ حَدَّثَنِي بِهِنَّ، وَلَوِ اسْتَزَدْتُهُ لَزَادَنِي‏.»‏ (صحيح البخاري) އަބޫ ޢަމްރޫ އައްޝައިބާނީ (އަބްދުﷲ ބިން މަސްޢޫދުގެ ގެކޮޅަށް އިޝާރާތްކުރައްވައި) ވިދާޅުވިއެވެ. މި ގޭގެ ވެރި މީހާ (ތިމަންނާ ގާތު) ބުންޏެވެ. "ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އަރިހުން ތިމަންނާ ސުވާލު ދެންނެވީމެވެ. "الله عَزَّ وَجَلއަށް ލޮބުވެތިކަން އެންމެ ބޮޑު ޢަމަލަކީ ކޮބައިތޯއެވެ؟" އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ." ތިމަންނާ ދެންނެވީމެވެ. "ދެން ކޮން ކަމެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ދެން އެއަށްފަހު މައިންބަފައިންނަށް އިޙުސާންތެރިވުމެވެ." ތިމަންނާ ދެންނެވީމެވެ. "ދެން ކޮން ކަމެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ދެން އެއަށްފަހު ﷲގެ މަގުގައި ޖިހާދުކުރުމެވެ."

ޖިހާދުގެ އަހަންމިއްޔަތު އެއްވެސް ހާލެއްގައި ކުޑަވަނީއެއް ނޫނެވެ. އެހެނެއްކަމަކު އިންސާނާގެ މައްޗަށް ޒިންމާވާ މައިންބަފައިންގެ ޙައްޤު ބޮޑުވަނީއެވެ. އޭނާގެ މައްޗަށް އެއީ ޢައިނިއްޔަ ފަރުޟަކަށް ވަނީއެވެ. ޖިހާދު ދެމިއޮންނަނީ ކިފާޔަތުގެ ފަރުޟެއްގެ ގޮތުގައެވެ. ދެން ވިސްނަވާށެވެ! މައިންބަފައިނަށް ޚިދުމަތްކުރުމަށް އޮތް އުޒުރެއް ކަމުގައި ތިމާއަދާކުރާ ވަޒީފާއާއި އެނޫން އެހެން ކަންކަން ހެދޭނެހެއްޔެވެ؟

ހިޖުރަކުރަން އައި މީހާ އަނބުރާ ފޮނުވައިލެއްވުން

އިސްލާމްދީނަށް ޓަކައި ހިޖުރަކުރުމަކީ އެންމެ މާތް ޢަމަލުތަކުގެ ގޮތުގައި ހިމެނިފައި އޮންނަ ޢަމަލެކެވެ. އެހެނަސް މައިންބަފައިން ރޮއްވައިފައި ހިޖުރަޔަށް ދިއުމެއް ނުވެއެވެ. عَنْ عَبْدِ اللهِ بْنِ عَمْرٍو قَالَ‏:‏ «جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم يُبَايِعُهُ عَلَى الْهِجْرَةِ، وَتَرَكَ أَبَوَيْهِ يَبْكِيَانِ، فَقَالَ‏:‏ ارْجِعْ إِلَيْهِمَا، وَأَضْحِكْهُمَا كَمَا أَبْكَيْتَهُمَا‏.» (آداب المفرد: 13) ޢަބްދުﷲ ބިން ޢަމްރޫގެ އަރިހުން ރިވާވެގެން ވެއެވެ. މީހަކު އޭނާގެ މައިންބަފައިން ރޮއްވާފައި، ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް އައިސް، ހިޖުރައަށް ދިޔުމަށް ބައިޢަތުހިފިއެވެ. ފަހެ، އެކަލޭގެފާނު އޭނާއަށް ޙަދީޘްކުރެއްވިއެވެ. ތިބާ އެނބުރި އެ ދެ މީހުން ކައިރިއަށް ދާށެވެ. އަދި އެ ދެ މީހުން ރޮއްވިފަދައިން އެ ދެ މީހުން ހެއްވާށެވެ."

މި ޙަދީޘުގައި ވެސް ބަޔާން އެ ވަނީ ހިޖުރަކުރުމުގެ އަހައްމިއްޔަތު ކުޑަވާ ވާހަކައެއް ނޫނެވެ، އެހެނެއްކަމަކު މައިންބަފައިންނަށް އޮންނަންޖެހޭ އިޙުތިރާމާއި ޤަދަރު ބޮޑުވާ ވާހަކައެވެ. އެބައިމީހުންނަށް ހިތާމަދީފައި ދީނުގެފަރާތުން ހޯދާ ހިތްހަމަޖެހުން ވެސް ލިބިގަންނަން ނުވާކަމެވެ. އަދި ހަމައެހެންމެ ދީނީ ކަންކަން ކުރުމުގައި މަޝްޣޫލުވާން އެދޭ ނަމަ، މައިންބަފައިން އުފާކޮށްފައި އެ ކަން ކުރުމަށް ބާރުއަޅުއްވަނީއެވެ. މިއީ އަޅުގަނޑުމެންނަށް އޮތް ކިހާ މަތިވެރި ފިލާވަޅެއްތޯއެވެ؟

މައިންބަފައިންގެ ނަމުގައި ޞަދަޤާތްކުރުން

މައިންބަފައިން ދުނިޔެ ދޫކުރުމަށް ފަހު އެ މީހުންގެ ނަމުގައި ޞަދަޤާތްކުރުމަކީ އެ މީހުންނާ މެދު ހެޔޮކޮށް ހިތުމެވެ. عَنِ ابْنِ عَبَّاسٍ، أَنَّ رَجُلاً قَالَ‏:‏ «يَا رَسُولَ اللهِ، إِنَّ أُمِّي تُوُفِّيَتْ وَلَمْ تُوصِ، أَفَيَنْفَعُهَا أَنْ أَتَصَدَّقَ عَنْهَا‏؟‏ قَالَ‏:‏ نَعَمْ‏.‏» (آداب المفرد: 39) އިބުނު ޢައްބާސް ރިވާކުރެއްވިއެވެ. މީހަކު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް އައިސް ދެންނެވިއެވެ. "ﷲގެ ރަސޫލާއެވެ. ތިމަންނާގެ މަންމަ މަރުވީ އެއްވެސް ވަޞިއްޔަތެއްނުކޮށެވެ. ތިމަންނާ އެކަމަނާގެ ނަމުގައި ޞަދަޤާތެއްކޮށްފިއްޔާ އޭގެން އެކަމަނާއަށް ފައިދާކުރާނެތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އާނ އެކެވެ." (އެބަހީ: ފައިދާކުރާނެއެވެ.)

އެހެންކަމުން އަޅުގަނޑުމެންނަށް ކެރިކުޅަދާނަ ވީވަރަކުން މައިންބަފައިންގެ ނަމުގައި ޞަދަޤާތްކުރުން ގިނަކުރާށެވެ. އެބައިމީހުންގެ ޙައްޤު އަދާކުރުމުގައި ކުރިން އިހުމާލުވެވިފައި ވީ ނަމަވެސް، އަދި އެ ދެ މީހުން މިއަދު ދުނިޔޭގައި ނެތަސް އެ ދެ މީހުންނަށް ޓަކައި ތިބާއަށް ކުރެވެން އޮތް ހެޔޮ ކޮންމެ ކަމެއް ކޮށްދޭށެވެ! އެންމެ ކުޑަމިނުން ދުޢާކުރުމުގައި ދެމިހުންނާށެވެ.

މައިންބަފައިންގެ ޙައްޤުތަކަށް ފުރިހަމައަށް ރައްކާތެރިވުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! އެ މީހުންނަށް ނުކިޔަމަންތެރިކަމާއި ބޭއަދަބީވުމުގެ ހުރުތު ސިފަ އަޅަމެންގެ ކިބައިން ދުރުކުރައްވާނދޭވެ! ލޯތްބާއި އުފަލާ އެކު އެ މީހުންނަށް ޚިދުމަތް ކުރުމަށް އަޅަމެންގެ ހިތްތަށް ތަނަވަސްކޮށްދެއްވާނދޭވޭ! آمين.

comment ކޮމެންޓް