ސަންލޭންޑް ނަޒީރު އަވާހަރަވެއްޖެ

ސަންލޭންޑް ހޮޓެލްސްގެ ޑިރެކްޓަރު، މުހައްމަދު ނަޒީރު: މިރޭ ވަނީ އަވަހާރަވެފައި -- ފޮޓޯ/ އަވަސް

ކޮކޯ ކަލެކްޝަން ރިސޯޓް ބްރޭންޑް ހިންގާ ކުންފުނި ކަމަށްވާ ސަންލޭންޑް ހޮޓެލްސްގެ ޑިރެކްޓަރު، މުހައްމަދު ނަޒީރު މިރޭ އަވަހާރަވެއްޖެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އުމުރުން 65 އަހަރުން މަތީގެ ނަޒީރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ނަޒީރަކީ ސަންލޭންޑުގެ ޑިރެކްޓަރުގެ އިތުރުން، ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދޭ ސަންލެންޑް ޖާނީސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު ވެސްމެއެވެ. އަދި މި ދާއިރާގެ އިންވެސްޓްމެންޓުތަކަށް ޚާއްސަކޮށް، 2004 ވަނަ އަހަރު އޭނާ 'ދެކުނުދުނި އިންވެސްޓްމެންޓްސް' ކިޔާ ކުންފުންޏެއް އުފައްދަވާފައިވެއެވެ.

އައްޑޫ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ ނަޒީރު ސަންލެންޑުގެ ޑިރެކްޓަރަކަށް ވެވަޑައިގަތީ 1998ގައެވެ. އެ ކުންފުނި އުފެދިގެންއައި 1985ގައި އުފެއްދި ޓްރެވެލް އޭޖެންސީއަކުން ކަމަށްވާއިރު، ސަންލެންޑުން ހިންގާ ލަގްޒަރީ ކޮކޯ ކަލެކްޝަން ބްރޭންޑުގެ ދެ ރިސޯޓެއް މިހާރު އޮވެއެވެ. އެއީ 'ކޮކޯ ބޮޑު ހިތި'އާއި 'ކޮކޯ ޕާމް ދުނިކޮޅު' ރިސޯޓެވެ.

ނަޒީރަކީ ދީނީ އިލްމުވެރިޔާ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ބޭބެއެކެވެ.

comment ކޮމެންޓް