ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި މި ދެ ފިލްމު އަލުން ސިނަމާތަކަށް

ފިލްމު "ދަޅްކަން" އަދި ހަމްތުމް"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާ ބެލުންތެރިންގެ މަގުބޫލުކަން ހޯދި ބޮލީވުޑްގެ ފިލްމު "ހަމް ތުމް" އަދި "ދަޅްކަން" އަލުން ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.

ބޮލީވުޑްގެ އެންމެ އައިކޮނިކް ދެ ފިލްމު ކަމަށްވާ "ހަމް ތުމް" އަދި "ދަޅްކަން" އަލުން ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ، މި ފިލްމުތައް ރިލީޒްކުރިތާ 21 އަހަރު އަދި 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.

ފިލްމު "ހަމް ތުމް" މި މަހުގެ 16 ވަނަ ދުވަހު ތިއޭޓަރުތަކުގައި ރީ-ރިލީޒްކުރުމަށް ނިންމާފައި ވާއިރު "ދަޅްކަން" އަލުން ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އޭގެ ހަފްތާއެއް ފަހުންނެވެ.

ސައިފް އަލީ ޚާނާއި، ރާނީ މުކަރުޖީ ލީޑް ރޯލް ކުޅުނު ފިލްމު "ހަމް ތުމް" އަކީ، ކުނާލް ކޮލީ ޑައިރެކްޓްކޮށް އަދިތިޔަ ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

ފިލްމު ހަމްތުމް"ގެ މަންޒަރެއްގައި ސައިފް އަލީ ޚާން އަދި ރާނީ މުކަރުޖީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ޔަޝް ރާޖް ފިލްމްސްއިން ގެނެސްދިން މި ލޯބީގެ ފިލްމުގައި އެކްޓަރު ސައިފް އަލީ ޚާން ކުޅެފައިވާ ރޯލަށް އެ އަހަރުގެ އެންމެ މޮޅު އެކްޓަރުގެ ޤައުމީ އެވޯޑު ސައިފަށް ލިބުނުއިރު ބޮކްސް އޮފީހުގައި މި ފިލްމަށް ލިބުނު އާމްދަނީގެ އަގު 426.3 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ.

މި ފިލްމު އުފައްދާފައި ވަނީ 85 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

އަކްޝޭ ކުމާރު، ސުނިލް ޝެޓީ އަދި ބަތަލާ ޝިލްޕާ ޝެޓީ މުހިއްމު ރޯލް ކުޅެފައިވާ ފިލްމު "ދަޅްކަން" އަކީ، ދަރުމޭޝް ދަރުޝަން ޑައިރެކްޓްކޮށް ވީނަސް ރެކޯޑްސް އެންޑް ޓޭޕްސްއިން ގެނެސްދިން މިއުޒިކަލް ރޮމޭންޓިކް ޑްރާމާއެކެވެ.

އެންމެ ނުވަ ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީގެ އަދަދު 26.47 ކްރޯޑު (3.17 މިލިއަން ޑޮލަރު)އަށް ވަނީ އަރާފައެވެ.

މި ދެ ފިލްމަކީ ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ދެ ފިލްމަށްވާއިރު ފިލްމުގެ ލަވަތަކަށް ވެސް ބޮޑު މަޝްހޫރު ކަމެއް ވަނީ ލިބިފައެވެ.

comment ކޮމެންޓް