ފިލްމު 'ޓޮކްސިކް'ގެ މަންޒަރުތައް އުނިކުރުމަށް ކިއާރާ އެދިފައިނުވާނެ ކަމަށް ބުނެފި

ބަތަލާ ކިއާރާ އަދުވާނީ އަދި ކަންނާޑާ އެކްޓަރު ޔަޝް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބޮލީވުޑްގެ ބަތަލާ ކިއާރާ އަދުވާނީ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނެ ފިލްމު "ޓޮކްސިކް"ގެ ބައެއް މަންޒަރުތައް އުނިކުރަން ބަތަލާ އެދިފައިވާ ކަމަށް ބުނެ މީޑިއާގައި ދެކެވެމުން އަންނަ ވާހަކަ ކިއާރާގެ ޓީމުން ދޮގުކޮށްފިއެވެ.

ނިމިދިޔަ ހަފުތާ ބަންދުން ފެށިގެން އިންޓަނެޓުގައި ފެތުރެމުންދިޔަ ރިޕޯޓުތަކެއްގައި ބުނެފައި ވަނީ، ޑައިރެކްޓަރު ގީތޫ މޯހަންދާސްގެ ފިލްމު "ޓޮކްސިކް"ގައި ކިއާރާ ވަނީ ޔަޝް އާއެކު ލޯބީގެ ބައެއް މަންޒަރުތައް ކުޅެފައި ކަމަށެވެ.

ނަމަވެސް، ކަށަވަރު ނުކުރެވޭ ބައެއް މަސްދަރުތަކާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވަނީ، އެ މަންޒަރުތައް ފަހުން ބަލައިލުމަށްފަހު، ފުރަތަމަ އެއްބަސްވި ވަރަށްވުރެ ބޮޑަށް އެ މަންޒަރުތައް ހުރި ކަމަށް ފެންނާތީ ކިއާރާ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެ މަންޒަރުތައް ކުރުކުރުމަށް ނުވަތަ މުޅިން އުނިކުރުމަށް ކިއާރާ އެދުނު ކަމަށްވެސް އެ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް، މި ހުރިހާ ވާހަކަތަކެއް ކިއާރާގެ ޓީމުން ދޮގުކޮށްފައި ވަނިކޮށް ބަތަލާ ވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ވެސް އެ ޚަބަރުތައް ދޮގުކޮށްފައެވެ.

ފިލްމު "ޓޮކްސިކް"ގައި ބަތަލާ ކިއާރާ ކުޅޭ ކެރެކްޓާ ދައްކާލި ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކޭ.ވީ.އެން ޕްރޮޑަކްޝަންސް އާއި ޔަޝްގެ މޮންސްޓަ މައިންޑް ކްރިއޭޝަންސްއިން އުފައްދާ "ޓޮކްސިކް" އަކީ ގޯއާގެ މަސްތުވާތަކެތީގެ ވިޔަފާރީގެ މައްޗަށް ބިނާކޮށް އުފައްދާ ވަރަށް ވަރުގަދަ އެކްޝަން ތުރިލާ ފިލްމެކެވެ.

މިއީ ކަންނަޑާ ސިނަމާގައި ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ބަޖެޓެއް ހޭދަކޮށްގެން އުފައްދާ އެއް ފިލްމެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ނަޔަންތާރާ، ހުމާ ގުރޭޝީ، ތާރާ ސުތާރިއާ އަދި ރުކުމިނީ ވަސަންތު ފެނިގެންދާނެއެވެ.

ފުރަތަމަ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތީ އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ނަމަވެސް، އެ ތާރީޚު މިހާރު ފަސްކޮށްފައިވާކަން ޔަޝް ވަނީ ކަށަވަރުކޮށްދީފައެވެ. ފިލްމު ރިލީޒްކުރާނެ އާ ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ.

މިއީ އަލަތު ދަރިފުޅު ވިހެއުމަށްފަހު ކިއާރާ ބެލުންތެރިންނަށް ފެންނާނެ ކަމަށް ބެލެވޭ ބަތަލާގެ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް