އިންޑިއާ-ޕާކިސްތާން: ހަމަލާ ހުއްޓަން އެއްބަސްވުމަށްފަހު ވެސް ހަމަލާދޭކަމުގެ ތުހުމަތު

ކަޝްމީރުގެ ޖަމްމޫއަށް ދިން ހަމަލާއެއްގައި ހަލާކުވެފައިވާ ކާރުތަކެއް. ފޮޓޯ/އީޕީއޭ

އިންޑިއާއި ޕާކިސްތާނުން މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ބޯޑަރު ހުރަސްކޮށް ދޭން ފެށި ހަމަލާތައް ހުއްޓާލުމަށް އިއްޔެ އެއްބަސްވި ނަމަވެސް ހަނގުރާމަ ހުއްޓާލަން އެއްބަސްވި ކަމަށް ބުނިތާ ގަޑިއެއްހާއިރު ފަހުން އަނެއްކާ ވެސް ހަމަލާތައް ދޭންފެށި ކަމަށް އެއްގައުމު އަނެއްގައުމަށް ތުހުމަތުކޮށްފިއެވެ.

ހަމަލާތައް އަލުން ދޭން ފަށާފައިވާ ކަމަށް އިންޑިއާއިން ބުނީ ކަޝްމީރުގެ އިންޑިއާ ފަޅީގައި ގޮވުމުގެ އަޑުތައް އިވެން ފެށުމުންނެވެ. ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ އެއްބަސްވުމާ ޚިލާފު އެތައް ކަމެއް މިހާރު ހިނގާފައިވާ ކަމަށެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ އެއްބަސްވުމާ ޚިލާފަށް ކަޝްމީރުގެ ބައެއް ސަރަހައްދުތަކަށް އިންޑިއާއިން ހަމަލާދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

"އިންޑިޔާއިން އެއްބަސްވުމާ ޚިލާފަށް އަމަލު ކުރި ނަމަވެސް، އަޅުގަނޑުމެންގެ ބާރުތަކުން މި އަންނަނީ ޒިންމާދާރުކަމާއެކު ހާލަތު ކޮންޓްރޯލު ކުރަމުން," އިންޑިއާގެ ތުހުމަތަށް ރައްދު ދިނުމުގެ ގޮތުން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ޑްރޯން، މިސައިލް އަދި އާޓިލަރީ ބޭނުންކޮށްގެން ދެ ގައުމުން ހަމަލާތައް ބަދަލުކުރަން ފެށީ، ފެށީ މިދިޔަ މަހު ޕަހަލްގަމްގައި ދިން ހަމަލާއެއްގެ ރައްދުދީ ޕާކިސްތާނާއި ޕާކިސްތާނުގެ ވެރިކަންކުރާ ކަޝްމީރަށް އިންޑިއާއިން ހަމަލާދިނުމުންނެވެ.

އެ ހަމަލާ ދިން ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ ދެ މީހުން ކަމަށް އިންޑިއާއިން ބުނެއެވެ. އަދި އެކަމުގެ ފަހަތުގައި ވަނީ ޕާކިސްތާނު ކަމަށް އިންޑިއާ އިން ވަނީ ބުނެފައެވެ.

ނަމަވެސް ޕާކިސްތާނުން އެކަން ދޮގުކުރެއެވެ.

ބޯޑަރު ހުރަސްކޮށް ދިން ހަތަރު ދުވަހުގެ ހަމަލާތަކަށް ފަހު އިންޑިއާ އާއި ޕާކިސްތާނުން ވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ.

އިންޑިއާގެ މުމްބާއީގައި އާޓް ސްކޫލެއްގެ ދަރިވަރުންނާއި އެ ސްކޫލެއްގެ ޓީޗަރުން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އުފާފާޅުކުރަނީ. ފޮޓޯ/އޭޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު އެމަނިކުފާނުގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި އެކަން އިއުލާން ކުރައްވާފައެވެ. އަދި އެއްބަސްވުމަކަށް އައީ އެމެރިކާ މެދުވެރިވެގެން ކުރި މަޝްވަރާތަކަށްފަހު ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ފަހުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ހަމަލާތައް ހުއްޓާލާފައި ވަނީ އެންމެންގެ ފައިދާއަށް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވެސް ވަނީ ވިދާޅުވެފައެވެ.

ހަނގުރާމަ ހުއްޓާލިކަން ކަށަވަރުކޮށްދެއްވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަން ޖައިޝަންކަރު ވިދާޅުވީ ދެ ގައުމުން ހުއްޓާލައި އަސްކަރީ ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު އިންޑިއާއިން ހަމަލާ ދޭން ފެށުމާ އެކު މަސްރަހު ހޫނުވެ، ރައްދު ދޭން ފެށި ފަހުން މިހާތަނަށް ދެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 60 އަށްވުރެ މައްޗަށް ގޮސްފައެވެ.

އިންޑިއާގެ ހަމަލާ ވެފައިވަނީ 1947 ވަނަ އަހަރު އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބުނު ފަހުން އެތައް ހަނގުރާމައެއް ކޮށްފައިވާ ދެކުނު އޭޝިއާގެ އަވަށްޓެރި މި ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އިތުރު ނުރައްކަލަށް ގެންދިޔަ ކަމަކަށެވެ.

އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދެމުން ދާއިރު މަސްރަހު އިތުރަށް ގޯސް ނުކުރަން އެކި ގައުމުތަކުން ދަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް