މިދިޔަ އޭޕްރީލް މަހުގެ ކަރަންޓު ބިލުތައް ކުޑަވީ މި އަހަރުގެ ރޯދަމަސް ކަމަށްވާ މާރިޗު މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވާ ފަދައިން އޭޕްރީލް މަހު ވެސް ޑިސްކައުންޓު ދިނުމުން ކަމަށް ފެނަކައިން މިއަދު ބުނެފިއެވެ.
މާރިޗު މަހާއި އޭޕްރިލް މަހުގެ ކަރަންޓު ބިލަށް އެއްވަރަކަށް ފައިސާ ދައްކަން ޖެހުމުން، ބައެއް މީހުން ވަނީ ދެ ބިލަށް ވީގޮތާ ގުޅޭ ގޮތުން ސުވާލު އުފައްދައިފައެވެ.
އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ފެނަކައިން ބުނީ، މި އަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައިވާ ފަދައިން އޭޕްރީލް މަހުގެ ކަރަންޓު ބިލަށް ވެސް ޑިސްކައުންޓު ދީފައިވާނެ ކަމަށެވެ.
އެގޮތަށް ޑިސްކައުންޓު ދިނީ އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން އާންމުކޮށް ކަރަންޓު ބިލުތައް ބޮޑުވާ މަހަކަށްވާތީ ކަމަށް ފެނަކައިން ބުންޏެވެ. އެއީ، ރައްޔިތުންނަށް އިތުރު ލުޔެއް އޭޕްރީލް މަހު ވެސް ދިނުމަށްޓަކައި ކަމަށް ފެނަކައިން ބުންޏެވެ.
"އެހެންކަމުން އޭޕްރީލް މަހުގެ ކަރަންޓު ބިލު އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު، އެ ބިލުގައިވާ "ކަރަންޓު ބޭނުންކުރެވުނު ވަރު" އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް ބައެއް ބިލުތަކުގައި ބިލު އެމައުންޓު ރަމަޟާން މަހުގެ ބިލާއި، ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ އެ ލުއި ދިނުމުން،" ފެނަކައިގެ ބަޔާނުގައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ ސްޓެލްކޯއިން ވެސް ވަނީ ހަމަ އެފަދައިން ބުނެފައެވެ. މާރިޗު މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވަނިކޮށް، ޖެހިގެން އައި މަހުގެ ކަރަންޓު ބިލު ވެސް އެ ބިލާ އެއްވަަރުވީ، އޭޕްރިލް މަހަށް ވެސް ޑިސްކައުންޓު ދިނުމުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލުން މުޅި ޖުމްލަ 160 މިލިއަން ރުފިޔާ ޑިސްކައުންޓު ރައްޔިތުންނަށް ވަނީ ދީފައެވެ. މި އަހަރުގެ ރަމަޟާންމަހު ކަރަންޓާއި ފެންބިލުން 10 ޕަސެންޓު ޑިސްކައުންޓެއް ވަނީ ދީފައެވެ.
ކަރަންޓް ބިލުތައް މިހާރު ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑުވާ ކަމަށާއި މިކަމުގެ ފަހަތުގައި އޮޅުވާލުންތަކެއް އުޅޭ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. ނަމަވެސް، ސްޓެލްކޯއިން ބުނަނީ ބިލުކުރަނީ ރަނގަޅަށް ކަމަށާއި އެކަމުގައި ގޯހެއް ނުހަދާ ކަމަށެވެ. އަދި، ބިލުތައް މިހާރު ބޮޑު ވަނީ ހޫނުގަދަވުމުން ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވުމުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ފެނަކައިން ކަރަންޓު ބިލުތަކަށް ޑިސްކައުންޓު ދީފައިވާއިރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އައްޑޫ ބްރާންޗުން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމާއި، އެ ކަމުގެ ސަބަބުން އެ ކުންފުންޏަށް 76 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ނިޔަލަށް މި ހަތަރު ޕްރޮޖެކްޓަށް ޖުމްލަ 117،472،485 ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި ޕްރޮޖެކްޓުތައް އެއްކޮށް ނިންމުމަށް ޚަރަދުވަނީ 109،063،500 ރުފިޔާ ކަމަށް އޮޑިޓު ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް މި ހަތަރު މަޝްރޫއުގެ މަސައްކަތް ގޮސްފައިވާ ހިސާބުން ފެށިގެން އެއްކޮށް ފުރިހަމަކުރުމަށް އިތުރު 68،500،884 ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައިވެއެވެ.
އެހެން ކަމުން މިއީ އެ ކުންފުންޏަށްވީ 76،910،869 ރުފިޔާގެ ބޮޑު ގެއްލުމެކެވެ.