ދެކޮޅު ހަދަނިކޮށް ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމެޓީ ސިއްރު ކުރުމުން އެމްޑީޕީން ބޮއިކޮޓްކޮށްފި

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިތީގެ ބައްދަލުވުން: ދެކޮޅު ހަދަނިކޮށް ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމެޓީ ސިއްރު ކުރުމުން އެމްޑީޕީން ބޮއިކޮޓްކޮށްފި --

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ހުށަހަޅާފައި އޮތް މައްސަލަ ބަލަމުން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން މިއަދު ސިއްރުކޮށްފިއެވެ.

ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ފަސްވަނަ ދުވަހެވެ.

މި މައްސަލައިގައި މިއަދު ބޭއްވި ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދުއެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ހުރިހާ މެންބަރުންގެ ތާއީދާއެކު ސިއްރުކުރުމަށް ފާސްކުރިއެވެ. ފާސްކުރުމަށް ވޯޓު ދެއްވި މެންބަރުންނަކީ:

  • ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
  • ތިމަރަފުށި ދާއިރާގެ މެންބަރު އަހުމަޒު ރިޔާޒު
  • ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު
  • ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު
  • ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު
  • ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު

ނަމަވެސް އެގޮތަށް ފާސްކޮށްފައި ވަނީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ދެކޮޅު ހައްދަވަމުން ދަނިކޮށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮމިޓީ ސިއްރުކުރުމަށް މެންބަރު ޝާހިދު ހުށަހެޅުއްވީ އެ މައްސަލައިގައި ޒާތީ މައްސަލަތަކެއް ހިމެނޭ ކަމަކަށް ވާތީ އެކަން ފާހަގަކުރެއްވުމަށްފަހުއެވެ.

"ބައެއް ބޭބޭފުޅުންގެ ޒާތީ މަސްލަހަތު މީގައި ހިމެނޭތީ, އެކަންކަން މީޑިއާގައި ހާމަ ކުރުމަށްވުރެ އަޅުގަނޑު ހަމަ ހުށަހަޅަން ސިއްރު ވެސް ކުރަން،" ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ދެ މެންބަރުން ވަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވައި ކޮމިޓީ ބޮއިކޮޓް ކުރައްވައިފައެވެ.

"އަޅުގަނޑުމެން ދާނީ. ކޮމިޓީ ސިއްރު ކުރަންޏާ އަޅުގަނޑުމެން ކޮންމެހެނެއް ނުތިބޭނަން. ސިއްރުކޮށްގެން ދައްކާ ވާހަކައެއް ތިބޭފުޅުން [ޕީއެންސީ މެންބަރުން] ދައްކާ،" ކޮމިޓީ ރޫމް ދޫކުރައްވައި ނުކުންނަވަމުން ނާޒިލް ވިދާޅުވިއެވެ.

"ލައިވް ޓީވީގަ އެ ވާހަކަ އޮތީ ދައްކާފަ،" މެންބަރު މައުރޫފް ތަކުރާރުކޮށް ވިދާޅުވިއެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާ, ވަކިކުރަން ޖޭއެސްސީއިން ނިންމާފައިވާއިރު އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ފަސްވަނަ ދުވަހެވެ.

ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި ހުށަހަޅާފައި އޮތް މައްސަލަ ބަލަމުން އަންނަނިކޮށެވެ. ފަނޑިޔާރުން ސަސްޕެންޑުކުރީ އެ މައްސަލައިގެ އަޑުއެހުމެއް ފައްޓަން ކުޑަތަންވެފައި އޮއްވައެވެ.

މި މައްސަލައިގައި އަޒްމިރަލްދާ އާއި މަހާޒް އެދިވަޑައިގެންފައި ވަނީ، އެ ބޭފުޅުން މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ބޭފުޅުންގެ ފަރާތުން ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ވަކީލާއެކު ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތު ދިނުމަށެވެ.

https://sun.mv/205828

ނަމަވެސް އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީއަށް ހާޒިރުވެ، ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދޭން ކޮމިޓީން ނިންމިއެވެ.

އޭރު ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ. އޭނާގެ ބަދަލުގައި ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ހުސައިން ޝަހީދު ވަނީ މިހާރު ސުޕްރީމް ކޯޓަށް އައްޔަންކޮށްފައެވެ.

ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަން ކުރަނީ ސަރުކާރުން ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށް އެ ބޭފުޅުން ތުހުމަތުކުރައްވައެވެ.

ޝަރުއީ ދާއިރާ ނުފޫޒުން މިނިވަންކުރުމާއި ނުފޫޒު ނުފޯރުވުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދުފުޅެވެ. އެ މަނިކުފާނު ގެންދަވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށާއި ދުވަހަކު ވެސް ނުފޯރުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

comment ކޮމެންޓް