ތެރަޕީއަށް ދިޔަ ކުއްޖަކަށް އަނިޔާކުރުން: ދެ މުވައްޒަފުން ވަކިކޮށް، ކްލިނިކް ވަގުތީ ގޮތުން ބަންދުކޮށްފި

ފިޒިއޯ ކްލިނިކް-މޯލްޑިވްސް: ތެރަޕީއަށް ދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ދެ މުވައްޒަފުން ވަކިކޮށް، ކްލިނިކް ވަގުތީ ގޮތުންވަނީ ބަންދުކޮށްފައި --

ތަފާތު ތެރަޕީތައްދޭ ފިޒިއޯ ކްލިނިކް-މޯލްޑިވްސްއަށް ތެރަޕީއަށް ދިޔަ ކުއްޖަކަށް ޖިސްމާނީ އަނިޔާ ލިބޭ ގޮތަށް މުވައްޒަފަކު އަމަލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އެ މުވައްޒަފާއި އެ ވަގުތު އެ ތަނުގައި ދެން ހުރި މުވައްޒަފުން ވަޒީފައިން ވަކިކޮށްފައިވާ ކަމަށް ފިޒިއޯ ކްލިނިކުން މިއަދު ބުނެފިއެވެ.

ފިޒިއޯ ކްލިނިކުން ދޭ ތެރަޕީތަކުގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދޭން ޖެހޭ ތަފާތު ތެރަޕީތައް ހިމެނެއެވެ.

މިއަދު ސޯޝަލް މީޑީއާގައި އާންމުވެފައިވާ އެ ކްލިނިކްގެ ވީޑިއޯއަކުން، ދެ މީހަކު ވެގެން ގަދަ ކަމުން ކުޑަކުއްޖަކު ހިފަހައްޓަން އުޅޭ މަންޒަރު ފެނެއެވެ. އެ ވީޑިއޯއިން ފެންނަނީ އަންހެން މީހަކު އިތުރު މީހަކާއެކު އައިސް ކުޑަކުއްޖަކު ހިފަހައްޓަން އުޅޭ މަންޒަރެވެ.

އެ ވީޑިއޯގައިވަނީ އެ ކުއްޖާ ހިފެހެއްޓުމުގެ ތެރޭގައި އޭނާގެ އަތަށް ލިބުނު ކަމަށް ބެލެވޭ އަނިޔާގެ މަންޒަރު ވެސް ދައްކައިފައެވެ. އެއިން ފެންނަ ގޮތުގައި ކޮނޑަށްވުރެ ތިރިން، ދެ ތަނަކުން އެ ކުއްޖާއަށް އަނިޔާވެފައިވެއެވެ.

މިދިޔަ ހޯމަ ދުވަހު އެ ހާދިސާ ހިނގި ވަގުތު ހަމަ އެ ތަނުގައި ހުރި ކުޑަ މޭޒެއް ދޮށުގައި ފޮތެއް ހިފައިގެން އެހެން ކުޑަކުއްޖަކު އިންނަ މަންޒަރު ވެސް ފެނެއެވެ.

އެ މައްސަލަ ފުލުހުން ބަލަން ފަށައިފައިވާއިރު، ފިޒިއޯ ކްލިނިކުން ވަނީ މައްސަލައާ ގުޅޭ ގޮތުން ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުުގައި ވަނީ، އެ ކްލިނިކްގެ މުވައްޒަފުގެ ފަރާތުން ފެނިފައިވާ އަމަލުތަކަކީ ބަލައިގަނެވޭނެ ފަދަ އަމަލުތަކެއް ނޫން ކަމަށާއި އެއީ އެ ކްލިނިކުން ދަމަހައްޓާ މިންގަނޑުތަކާ މުޅިން ޚިލާފު އަމަލުތައް ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން، އެ މައްސަލަ ކްލިނިކްގެ ސަމާލުކަމަށް އައުމާއެކު ފިޔަވަޅު ވަނީ އަޅައިފައެވެ. އެގޮތުން ކުއްޖާ ހިފަހައްޓާތަން ފެންނަ މުވައްޒަފާއި، އެ ވަގުތު އެ ތަނުގައި ހުރި ދެވަނަ މުވައްޒަފު މަގާމުން ވަކިކޮށްފައިވާ ކަމަށް ކްލިނިކުން ބުންޏެވެ.

ހަމައެއާއެކު ފުލުހުންނަށް ވަގުތުން މައްސަލަ ރިޕޯޓުކޮށް، ކަމާ ގުޅުންހުރި ސީސީޓީވީ ފުޓެޖް ހަވާލުކުރި ކަމަށް އެ ކްލިނިކުން ބުންޏެވެ. އަދި މައްސަލައިގެ ސީރިއަސްކަމަށް ބަލައި، ފިޒިއޯ ކްލިނިކްގެ އިމާރާތް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފައިވާ ކަމަށް ވެސް އެ ކްލިނިކުން ބުންޏެވެ.

ފިޒިއޯ ކްލިނިކުން އެންމެ އިސްކަންދޭ ކަމަކީ ކުޑަކުދިންނާއި އާއިލާތަކަށް ރައްކާތެރި، އިޙުތިރާމު ލިބިދެވޭ މާހައުލެއް ގާއިމުކުރުން ކަމަށްވާތީ، ތެރަޕީ ރޫމްތަކުގެ ވީޑިއޯ ލައިވްކޮށް ބެލުމުގެ ފުރުސަތު ބެލެނިވެރިންނަށް ދޭކަން އެ ކްލިނިކުން ފާހަގަކުރިއެވެ.

ފިޒިއޯ ކްލިނިކްގެ ބަޔާނުގައި ވަނީ އެ މައްސަލަ ވަރަށް ސީރިއަސްކޮށް ނަގައި، މައްސަލަ ބެލުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާތީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިއްޔެ ފާހަގަކުރި ކުޑަކުދީންގެ ދުވަހާ ގުޅުވައި، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިންވަނީ ކުޑަކުދިންނާ ގުޅޭ ތަފާސްހިސާބެއް ހިއްސާކޮށްފައެވެ. އޭގެ ތެރެއިން 2023 ވަނަ އަހަރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 236 މައްސަލަ ހުށަހަޅައިފައިވާއިރު، ޖިސްމާނީ އަނިޔާކުރުމުގެ 169 މައްސަލަ ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް