އަތޮޅުތަކުގައި ޚުޠުބާ ކިއުމަށް ހުރި ދަތިތައް ޙައްލުކުރުމަށް ކައުންސިލަރުންނަށް ޚުތުބާ ކިޔުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީއިން މިއަދު ނިންމައިފިއެެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ކައުންސިލަރުންނަށް ޚުޠުބާ ކިއުމުގެ ހުއްދަ ދިނުމަށް، ކައުންސިލަރުންގެ ތެރެއިން އެ ކަމަށް ޝައުޤުވެރިކަން ހުރި މީހުންނަށް، ޚަޠީބުކަމުގެ ތިން މަސް ދުވަހުގެ ކޯހެއް ޤުރުއާން މަރުކަޒު މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވަނީ އެ ކޯހުގެ ކޮންމެ ބުރެއްގައި 50 ކައުންސިލަރުންނަށް ބައިވެރިވެވޭނެ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި އެ ކޯހުގައި ޚަޠީބު ކަމަށް ބޭނުންވާ ފިޤުހާއި، ޤުރުއާނާއި، ޢަޤީދާ، ހަދީސް އިލްމު ކިޔަވައިދޭނެ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވަނީ އެ ކޯހުގައި ޤުރުއާން ފިޔަވައި އެހެން މާއްދާތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވަފައެވެ. ނަމަވެސް ޤުރުއާން ކިޔަވައިދޭނީ ކައުންސިލަރުން މާލެެ އައިސްގެން ނުވަތަ އަތޮޅުތަކުގައި ޤުރުއާން މަރުކަޒުގެ ގޮފިތައް މެދުވެރިކޮށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ފުންނާބު އުސް އިލްމުވެރިން ކަމަށެވެ.
އަދި އަންނަ ޖޫންމަހުގެ އެއްވަނަ ދުވަހު ޕްރޮގްރާމަށް ހުޅުވައިލާނެ ކަމަށާއި އެ ޕްރޮގްރާމަކީ ހަމައެކަނި ކައުންސިލަރުންނަށް ޚާއްސަ ޕްރޮގްރާމެއް ކަމަށް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.
ދާދިފަހުން ވަނީ ހުޅުމާލޭ މިސްކިތެއްގައި ޢީދު ނަމާދުކުރަން ހަވާލުކުރި މީހާއާއި އޭނާގެ ބަދަލުގައި ހަވާލުކުރި މީހާ ވެސް ނަމާދަށް ނުދިއުމުން ބިދޭސީއަކު އިމާމުވެ ޢީދު ނަމާދުކޮށްފައެވެ.