އުމްރާއަށް ދާން ފައިސާ ދެއްކި ބަޔަކު އުމްރާއަށް ނުގެންދިކަމަށް ބުނާ މައްސަލަ ބެލުމަށް ފަހު, އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑް, 130000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
މިދިޔަ މާޗު މަހުގެ ކުރީކޮޅު ސޯޝަލް މީޑިއާގައި ބަޔަކު ވަނީ އަސްކޮއި ގުރޫޕުގެ އެހީގައި ރަމަޟާން މަހު އުމްރާއަށްދާން ފައިސާ ދެއްކި ބަޔަކަށް ނުފުރިފައިވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި، އަސްކޮއި ގުރޫޕުން ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެތައް ދުވަހަކު އެ މީހުން އޮޅުވާލުމެއްގެ ތެރޭގައި ބައިތިއްބާފައިވާ ކަމަށެވެ.
އަދި ދިމާވި މައްސަލައެއްގެ ސަބަބުން ފައިސާ ދައްކައިފައިވާ އުމްރާ ދަތުރު ކުރެވެން ނެތް ކަމަށް މިދިޔަ ރޯދަ މަހުގެ ހަވަނަ ދުވަހުގެރޭ ބުނެފައިވާކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. އެ މީހުން އުމްރާއަށްދަން ދެއްކި ފައިސާ އަނބުރާ ދެވޭނީ މިދިޔަ އޭޕްރީލް މަހުގެ 15ގައި ކަމަށާއި އުމްރާއަށް ދިއުމަށް ދައްކާފައިވާ 252,000 ރުފިޔާ އަނބުރާ ދީފައި ނުވާކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ.
އެއާއެކު އިސްލާމިކް މިނިސްޓްރީން ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މި މައްސަލައިގައި އަސްކޮއި އެ 130,000 ރުފިޔާއިން ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައިވާނެ ކަމަށެވެ. އަދި ރޯދަ މަހުގެ އުމްރާއަށް ގެންދިއުމަށް ކުރިއާލާ ފައިސާ ދެއްކި އެ ނުވަ މީހުންނަށް ރިފަންޑު ދިނުމަށް ވެސް އަންގާފައިވާނެ ކަމަށް, އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އަސްކޮއި ޖޫރިމަނާ ކޮށްފައިވާއިރު ލަނޑު ލިބުނު މީހުންނާއި އެ މީހުންގެ އާއިލާތަކުން ސޯޝަލް މީޑިއާގައި ގޮވާލާފައި ވަނީ އެ ޖަމާއަތުގެ ހުއްދަ ބާތިލް ކުރުމަށެވެ.
މިއީ ރާއްޖޭގައި އާ ކަމެއް ނޫނެވެ. ޒަމާންވެ, އެތައް ބަޔަކަށް ލަނޑު ލިބިފައިވާ ކަމެކެވެ. އެންމެ މާތް އަޅުކަންތަކުގެ ތެރޭގައި ހިމެނޭ ހައްޖާއި އުމްރާއަށް ދިއުމަށް, ބުރަ މަސައްކަތުން ހޯދި ފައިސާ ދައްކައިގެން އެ އަޅުކަމަށް ދިއުމުގެ ފުރުސަތު ނުލިބުންފަދަ އެތައް ލަނޑެއް ގިނަ އަދަދެއްގެ ދިވެހީންނަށް ލިބިފައި އެބަހުއްޓެވެ. އެހެން އެކަން ދިމާވަނީ ޖަމާއަތްތަކުން އޮޅުވާލައި ފައިސާއަށް ހިޔާނާތްތެރި ވާތީއެވެ.