މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލާ އެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން މިއަދު ބައްދަލުކޮށްފިއެވެ.
ރައުދު ހުރީ މި މައްސަލައިގެ ތުހުމަތަށް މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ބަންދުގައެވެ. ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފައެވެ.
ރިޔާސީ ކޮމިޝަނުން މިއަދު ބުނީ، ކޮމިޝަނުން މިއަދު ވަނީ ރައުދާ ބައްދަލުކޮށް، ހާދިސާއާ ގުޅޭގޮތުން އޭނާއާ ސުވާލުކޮށްފައި ކަމަށެވެ.
އިތުރު އެއްވެސް ތަފުސީލެއް އެކަމާ ގުޅޭގޮތުން ކޮމިޝަނުން ހާމައެއް ނުކުރެއެވެ.
ރިޔާސީ ކޮމިޝަނުން އިއްޔެ ވަނީ މި މައްސަލައާ ގުޅުންހުރި ތަންތަނަށް ގޮސް, މައްސަލައާ ގުޅުން ހުރި މީހުންނާ ސުވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.
އެކާވީސް އަހަރުގެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދާ ފުލުހުން ސުވާލުކޮށް، މަސްތުވާތަކެއްޗަށް ޓެސްޓު ކުރި ނަމަވެސް ފުރަތަމަ އޭނާ ހައްޔަރެއް ނުކުރެއެވެ. އެ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުން ފުލުހުން ބޭއްވި ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ރައުދު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އޭގެ ފަހުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ ފަހުން، އިތުރު ދިހަ ދުވަސް ޖަހައި، އެ މުއްދަތު ހަމަވުމުން މިދިޔަ ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިތުރަށް ފަސް ދުވަސް ޖަހައިފައެވެ.
ފުލުހުން އާއްމު ކުރި ސީސީޓީވީ ފްޓޭޖުން ފެންނަނީ ޔުމްނުއާއި ރައުދު ކަމަށް ބެލެވޭ ދެ މީހުން, ޔުމްނު ވެއްޓުމުގެ ކުރިން ގެއެއްގެ ސިޑި ގޮޅީމަތީގައި ބަދުއަހުލާގީ އަމަލު ހިންގާ ތަނެވެ.
ފުލުހުން ބުނެފައިވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ޔުމްނުއާ ހަވާލާދީ އޭނާގެ އާއިލާއިން މި ފަހުން ބުނި ގޮތުގައި އޭނާ ވެއްޓުނީ އަމިއްލައަކަށް ނޫނެެވެ. އަދި، ރައުދާ އެކު އިތުރު ހަތަރު މީހުން އެ ރޭ އުޅުނު ކަމަށް ޔުމްނު ބުނި ކަމަށް އެ އާއިލާއިން ބުނެއެވެ.
މި ހާދިސާ ހިނގި ރޭ މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރީ މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީންގެ އާއިލީ ގެކޮޅުގައި ކަމަށް ބުނާއިރު މި މައްސަލައަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވާ ކަމަށް ގިނަ ތުހުމަތުތަކެއް އާއްމުން ދިޔައީ ކުރަމުންނެވެ. މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން ދިޔައީ ވަކި އަތަކަށް ޖެހި, ނުފޫޒުގެ ތެރޭގައި ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މި މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އެކުލަވާލީ އެހާ ހިސާބުންނެވެ. އެ ކޮމިޝަން އެކުލަވާލީ ގިނަ ބާރުތަކެއް ލިބޭ ގޮތަށެވެ. އެ ކޮމިޝަންގެ ރިޔާސަތު ހަވާލުކުރެއްވީ ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއެވެ.