މިހާރު ކުރިޔަށްދާ ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހަތަރު ޓީމަކުން ކަށަވަރު ކޮށްފިއެވެ.
ސެމީ ފައިނަލް ފުރަތަމަ މެޗްގައި ވާދަކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ޓީމް މަލާއެވެ. ދެވަނަ މެޗްގައި ވާދަކުރާނީ ދަނޑިމަގު ސްޕޯޓްސް އެންޑް ރިކެޝަން ކުލަބާއި އެސްޓީއޯ ރިކްރޭޝަން ކުލަބެވެ.
މިއީ ހަތަރު އަތޮޅަކަށް ހުޅުވާލައިގެން ފުވައްމުލަކު ކައުންސިލުން ކުރިޔަށްގެންދާ މުބާރާތެކެވެ. މި މުބާރާތް ހުޅުވާލީ ގއ, ގދ. އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ބެޑްމިންޓަން ކުޅުންތެރިންނަށެވެ.

މިހާރު ކުރިޔަށްދާ ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތުގެ ތެރެއިން-- ފޮޓޯ: ފުވައްމުލަށް ސިޓީ ކައުންސިލް
މި މުބާރާތުގައި ޖުމްލަ ހަތް ޓީމުން ވާދަކުރެއެވެ. މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މާދަމާއެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މުބާރާތް ދެކުނުގެ ހަތަރު އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާއިރު ފުވައްމުލައް ސިޓީ ކައުންސިލުން އަންނަނީ ކޮންމެ އަހަރެއްގެ ކުޅިވަރު ކަލަންޑަރުގައިވެސް ހިމަނައިގެން ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަމުންނެވެ.
އެގޮތުން ދެން އެންމެ އަވަހަށް ފުވައްމުލައް ސިޓީ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ހޭންޑްބޯޅަ މުބާރާތެވެ.