ފުވައްމުލަކުގައި މިރޭ މީހަކު ކާރެއް ދަށުނުވެ ސަލާމަތްވީ ކިރިޔާ

ފުވައްމުލަކު ސިޓީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ގައިގައި ކާރަކުން ޖެހި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދިން ގޮތުގައި, މި އެކްސިޑެންޓް ހިނގީ މިރޭ އިރުއޮއްސުނު ވަގުތެވެ. އެ ނުރައްކާތެރި އެކްސިޑެންޓްގެ ވީޑިއޯ ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އެ ވީޑިއޯއިން ފެންނަނީ އެ ސިޓީގެ މިސްކިތް މަގު އަވަށުގެ, ގާޒީ މަގުގެ އެއްފަރާތުގައި ސައިކަލެއް ކައިރި މީހަކު މަޑުކޮށްގެން ހުއްޓައެވެ. އެ މަގުން ދުއްވާފައި އައި ހުދު ކުލައިގެ ޕްރައިވެޓް ކާރެއް ކުއްލިއަކަށް މަގުގެ އެއް ފަރާތުގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހޭއިރު އެ މީހާ ހުރީ އޭގެ ތެެރެއިން ދެވަނައަށް ހުރި ސައިކަލް ކައިރި މަޑުކޮށްލައިގެންނެވެ.

ކާރުން ޖެހުނު ވަގުތު, ނަސީބު ގަދަކަމުން އެ މީހާ ވިއްސައިގެން ދިޔައީ ސައިކަލްތައް މަތިން މަގުގެ އަނެއް ފަރާތަށެވެ. އޭނާ ދަށު ނުވެ ސަލާމަތްވީ ކިރިޔާއެވެ. އޭނާ ވެއްޓުމާއެކު ތެދުވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި އަނިޔާވި މީހާއަކީ ފުވައްމުލަކަށް ނިސްބަތްވާ 44 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ އެ ސިޓީގެ ފެނަކައިގެ ސުޕަވައިޒަރަކަށް މަސައްކަތް ކުރާ މީހެކެވެ. އޭނާއަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށްވެއެވެ.

މި އެކްސިޑެންޓް ހިނގި ކާރު ދުއްވާފައި އައީ އާއްމު އުސޫލަކުންނެއް ނޫނެވެ. އެ ކާރު ދުއްވަން ވެސް އިނީ ފުވައްމުލަކު މީހެއް ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުންނާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ގަވާއިދާ ޚިލާފަށް އުޅަނދު ދުއްވާ މީހުންގެ ސަބަބުން ކުށެއް ނެތް އެތައް ބައެއްގެ ފުރާނަ ގެއްލުމާއި ބޮޑެތި އަނިޔާތައް ލިބުމަކީ ރާއްޖޭގައި އާއްމު ކަމެކެވެ.

comment ކޮމެންޓް