ޝަމްއާން ފްރޭމްކުރަން ޖެހޭ ސަބަބެއް ނެތް، އިހުސާންގެ ވީޑިއޯއެއްގެ ވާހަކަ މި ތަހުގީގަށް މުހިންމެއް ނޫން: ފުލުހުން

އިހުސާނާއި ޝަމްއާން: ޝަމްއާންގެ އާއިލާއިން ވަނީ އޭނާ ހައްޔަރުކުރީ ފްރޭމްކޮށްފައި ކަމަށް ބުނެ، އިހުސާނަށް ތުހުމަތުކޮށްފައި -- ފޮޓޯ/ އިމިގްރޭޝަން

ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު އެ މައްސަލައިގައި ފްރޭމް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މާރިޗް މަހުގެ 21 ވަނަ ދުވަހުގެ ރޭގައެވެ. އޭގެ ފަހުން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ނާކާމިޔާބުވެ، ސުޕްރީމް ކޯޓުން ވަނީ މައްސަލަ ނުބަލަން ނިންމައިފައެވެ.

ފުލުހުން އިއްޔެ ވަނީ، ޝަމްއާނާއި އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު ހަތަރު މީހުންނަށް ދައުވާ ކުރަން, ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައެވެ.

https://sun.mv/205972

އެ މައްސަލައިގައި ޝައްމާންގެ އާއިލާއިން ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުންނެވެ. އަދި ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމެވެ. އިހުސާނަށް އެނގިލެއްވިކަމަށް އެ ބުނަނީ ކޮން "ވީޑިއޯ"އެއް ކަމެއް އާއިލާގެ ބަޔާނުގައި ނުބުނެއެވެ.

މީގެ އިތުރުން ހޯމް މިނިސްޓްރީ ހިންގުމާއި އިމިގްރޭޝަން ބެލެހެއްޓުމުގައި އިހުސާން ވަނީ ކޮރަޕްޝަނުގެ އެތައް އަމަލުތަކެއް ހިންގައިފައި ކަމަށް އާއިލާއިން ތުހުމަތުކުރިއެވެ.

https://sun.mv/205158

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މައްސަލައާ ގުޅޭ ގޮތުން "ސަން" އިން ސުވާލު ކުރުމުން, ޝަރީފް ވިދާޅުވީ، މި މައްސަލައިގައި ބަޔަކު ފްރޭމްކުރުމަށްޓަކައި އެއްވެސް ކަމެއް ކުރަން ނުޖެހޭކަން ތަހުގީގުން މިހާތަނަށް އެނގޭ ކަމަށެވެ.

"އެހެންވީމަ އަދި އާއިލާގެ ފަރާތުން މިނިސްޓަރާއި ޝައްމާނާ ދޭތެރޭގައި ހުރި ކަންތައްތަކެއްގެ ވާހަަކަ ދެއްކި ކަމުގައިވީ ނަމަވެސް، އަޅުގަނޑުމެންނަށް މި ތަހުގީގަށް މިހާހިސާބަށް ފާހަގަކުރެވިފައި ހުރި އެއްވެސް ކަމެއް އަޅުގަނޑަކަށް ނެތް ލިބިފައެއް އެކަހަލަ އެއްވެސް މައުލޫމާތެއް،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ވަރަށް ރަނގަޅަށް ސާފުވާ ކަމަށާއި، އެއްވެސް ހާލެއްގައި ވަކި މީހަކު ފްރޭމްކޮށްގެން މިކަން ހިނގައިފައި އޮތް ކަމަށް ތަހުގީގަށް ފާހަގަނުވާ ކަމަށެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް: ޝަމްއާން ފްރޭމްކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

އެ މައްސަލައިގައި މިހާތަނަށް އިހުސާނާ ސުވާލުކޮށްފައިނުވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިނިސްޓަރުގެ ވީޑިއޯއެއް ކަމަށް ބުނާ ވާހަކައަކީ މައްސަލައާ ގުޅުން ނެތް ކަމަކަށް ވުމުން އެކަމަށް ޖަވާބުދާރީވާން އުނދަގޫވާ ކަމަށެވެ. އަދި އެފަދަ ވީޑިއޯއަކާ ގުޅޭ އިންޓެލިޖެންސް މައުލޫމާތެއް ހުރިތޯ ނުވަތަ ނެތްތޯ ވެސް ވިދާޅުވާން އުނދަގޫ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މި މައްސަލައާ ގުޅިގެން އެއްވެސް މީހެއްގެ ވީޑިއޯއެއް ވެސް އެއްވެސް މީހެއްގެ އަތުގައި އޮތް ވާހަކައަކީ، އެއީ އަޅުގަނޑުމެން މި ތަހުގީގަށް އެހާ މުހިންމު ވާހަކައަކަށް ނުވާތީވެ އަޅުގަނޑުމެން މި ތަހުގީގުގެ ތެރެއިން އެބައި ކުރިއަކަށް ނުގެންދަން،" އޭނާ ވިދާޅުވިއެވެ.

ޝަމްއާންގެ އާއިލާއިން ބުނެފައިވާ ގޮތުގައި ޝަމްއާންވަނީ އިހުސާނު ހިންގަމުން ދިޔަ ކޮރަޕްޝަނުގެ ކަންތައްތައް މިދިޔަ އަހަރުގެ ޑިސެންބަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެންގެވި ނަމަވެސް އެ މަނިކުފާނު އެކަމަކަށް ސަމާލުކަމެއް ނުދެއްވިއެވެ.

ރައީސާއި އިހުސާން ވެސް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.

comment ކޮމެންޓް