ދިވެހިރާއްޖެއާއި ކުވައިތާ ދެމެދު އިތުރު ދާއިރާތަކުން ގުޅުންބަހިކުރުމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ޚަލީލް މިހާރު ކުވައިތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މަޝްވަރާކުރައްވައިފިއެވެ.
ޚަލީލް މިހާރު ކުވޭތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަނީ, ކުވޭތުގެ އެކްޓިން ޕްރައިމް މިނިސްޓާ އަދި މިނިސްޓާ އޮފް އިންޓީރިއާ ޝެއިޚް ފަޙަދު ޔޫސުފު ސަޢުދު އަލް-ސަބާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
އެ ޒިޔާރަތުގައި މިނިސްޓަރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ކުވޭތުގެ އަމީރު ޝެއިޚު މެޝަލް އަލް-އަޙްމަދު އަލް-ޖަބިރު، އަލް- ސަބަޙް އަދި ކުވޭތުގެ ލީޑާޝިޕަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
އަދި ރާއްޖެއާއި ކުވޭތާ ދެމެދު އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަފާތު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރާއްޖޭގެ ތަރައްގީގެ ތަފާތު އެކި މަޝްރޫޢުތަކަށް ކުވޭތު ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ކުވޭތު ލީޑާޝިޕަށާއި، ކުވޭތު ސަރުކާރުގެ އިސްވެރިންނަށް މިނިސްޓަރު ވަނީ ޝުކުރުއަދާކުރައްވައިފައެވެ.

ރާއްޖެއާ ކުވައިތާ ދެމެދު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި -- ފޮޓޯ/ ފޮރިން މިނިސްޓްރީ
ޚާއްސަގޮތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢަށް ކުވޭތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓުން ދޭ އެހީތެރިކަމާއި ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ދޭ އެހީތެރިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
ކުވޭތުގެ އެކްޓިން ޕްރައިމް މިނިސްޓަރު އަދި މިނިސްޓާ އޮފް އިންޓީރިއާ ޝެއިޚް ފަޙަދު ޔޫސުފު ސަޢުދު އަލް-ސަބާގެ ވާހަކަފުޅުގައި ރާއްޖެއާއި ކުވޭތާ ދެ ގައުމުގެ ދެމެދު އުފެދިފައިވާ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި އެގުޅުން އިތުރަށް ބަދަހި ކުރުމުގެ މައްޗަށް ވަނީ ވާހަކަދައްކާފައެވެ.
އެ ބައްދަލުވުމުގައި ކުވޭތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓާ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒް ޝަރީދާ ޢަބްދުﷲ ސާދު އަލް-މައުޝަރީ، ޕްރައިމް މިނިސްޓާ އޮފީހުގެ ޗީފް، ޢަބްދުލް އަޒީޒު ދާޚިލް އަލް-ދާޚިލް އަދި އެސިސްޓަންޓް ފޮރިން މިނިސްޓާ ފޯ އޭޝިއަން އެފެއާޒް، ސާމިޙު އީޞާ ޖައުހަރު ހަޔާތު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ފޮރިން މިނިސްޓަރު ޑރ. ޚަލީލުގެ އަރިހުގައި އެ މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާއާއި ޕޮލިޓިކަލް ޑިރެކްޓަރު ފާތިމަތު ނަޝާ އިސްމާއީލް ބައިވެރިވެވަޑައިގަތެވެ.