ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ ސިލްސިލާ "އަނޫޕަމާ"ގެ ބަތަލާ ރުޕާލީ ގަންގޫލީ ތުރުކީ ބޮއިކޮޓް ކުރުމަށް އިންޑިއާގެ ރައްޔިތުންގެ ކިބައިން އެދެފިއެވެ.
ރުޕާލީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އިންޑިއާގެ ރައްޔިތުންނާއި، ސެލެބްރިޓީން އަދި އިންފްލުއެންސާސްގެ ގާތުން އެދުނީ ތުރުކީއަށް ދިއުމަށް ޕްލޭންކޮށްފައިވާ ނަމަ ވީހާވެސް އަވަހަކަށް އެ ދަތުރު ކެންސަލްކުރުމަށެވެ. އަދި މިއީ އިންޑިއާ ރައްޔިތެއްގެ ހައިސިއްޔަތުން އަމިއްލަ ޤައުމަށް ކޮށްދޭ ކަމެއްކަން ދެކިގެން ތުރުކީ ބޮއިކޮޓް ކުރުމަށް ރުޕާލީ ވަނީ އެދިފައެވެ.
މަޝްހޫރު ޓެލެވިޒަން ބަތަލާ މިގޮތަށް އެދުނީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ބަދަލު ކުރެވެމުންދާ ހަމަލާތަކާ އެކު ވެސް ތުރުކީއިން ޕާކިސްތާނު ސަރުކާރަށް ފުރިހަމަ އެއްބާރުލުންދެމުން އަންނާތީ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ޓެލެވިޒަން ބަތަލާ ރުޕާލީ ސޯޝަލް މީޑިއާގައި ތުރުކީ ބޮއިކޮޓް ކުރުމަށް ގޮވާލާފައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ރުޕާލީގެ މި ޕޯސްޓަށް ތާއީދުކޮށް ގިނަ ބަޔަކު ވާހަކަ ދައްކާފައިވާއިރު ތުރުކީ ބޮއިކޮޓް ކުރުމަށް ގޮވާލުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހޭ ބަޔަކު ރުޕާލީ އަންފޯލޯ ކޮށްލިޔަސް އެކަމުން ބަތަލާއަށް ލިބޭނެ މާބޮޑު ގެއްލުމެއް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ރުޕާލީގެ ޕޯސްޓަށް ތާއީދުކޮށް ވާހަކަ ދެއްކި އާއްމުންގެ ގިނަ ބަޔަކު ވަނީ ޕާކިސްތާނާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ތުރުކީއިން އިތުރަށް ބަދަހި ކުރުމުން އެ ޤައުމަށް ކުރުމަށް ނިންމި ދަތުރުތައް ކެންސަލްކޮށްފައިވާނެ ކަމަށް ބުނެފައެވެ.
އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ފެށި އަސްކަރީ ހަރަކާތް "އޮޕަރޭޝަން ސިންދޫރު"އާ ގުޅިގެން ޕާކިސްތާނުގެ ފިލްމީ ތަރިންގެ ބަހުގެ ހަމަލާތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އިންޑިއާގެ ފަންނާނުންނަށް އަމާޒުކޮށްފައިވާއިރު ރުޕާލީ ވަނީ ޕާކިސްތާނު އެކްޓަރު ފަވާދު ޚާން ބޮލީވުޑް ފިލްމުތަކުގައި މަސައްކަތް ކުރުމަކީ ލަދުގަންނަންޖެހޭނެ ކަމެއް ކަމަށް ބުނެފައެވެ.
ކަޝްމީރުގެ ޕަހަލްގަމްގައި އާންމުންގެ 26 މީހަކު މަރާލި ހާދިސާއަށް ފަހު އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާއާ ވިދިގެން ދެ ގައުމުން ބަދަލުކުރަން ފެށި ހަމަލާތައް ބޮޑުވެ ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް ހޮނިހިރު ދުވަހު މެންދުރު ފަހު ކުއްލި ގޮތަކަށް ދެ ގައުމުން ވަނީ ހަމަލާތައް ހުއްޓާލަން އެއްބަސްވެފައެވެ.
ނަމަވެސް އަދިވެސް ދެ ޤައުމުގެ އާއްމު ރައްޔިތުންނާއި މަޝްހޫރު ފަންނާނުން އަންނަނީ ސޯޝަލް މީޑިއާގައި މި ހަމަލާތައް ކުށްވެރިކޮށް އަދު އުފުލަމުންނެވެ.