ކާޑެއްދޫ އެއާޕޯޓުގައި ހުވަނީގެ އުނދަގޫ ބޮޑުވެއްޖެ

ކާޑެއްދޫ އެއާޕޯޓުގައި ހުވަނި އަޅާފައި --- ފޮޓޯ/ ފޭސްބުކް، ޖައިޝަމް އަހުމަދު

ކާޑެއްދޫ އެއާޕޯޓުގައި މިފަހުން ހުވަނީގެ އުނދަގޫ ބޮޑުވެއްޖެއެވެ.

އެ އެއާޕޯޓުގެ މެނޭޖުމަންޓުގައި މަސައްކަތްކުރާ އިސް އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ، އެއާޕޯޓުގެ އިތުރުން އަތޮޅުގެ އިތުރު އެހެން ރަށްރަށުގައި ވެސް ހުވަނި އަޅާފައިވާ ކަމަށެވެ.

އެގޮތުން، އެއާޕޯޓުގައި އެންމެ ފުރަތަމަ އެޅީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށާއި އެފަހަރު ތިން ހަފުތާއެއްހާ ދުވަހުގެ މަސައްކަތުން އެއްކޮށް ނައްތާލެވުނު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހުވަނި ނައްތާލަން ގަސްތަކަށް ޖަހާފައިވަނީ ސައިބޯނި ފެނެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، ފަޔާ ލޮރީތައް ބޭނުންކޮށްގެން ސައިބޯނި ފެން ޖެހުމުން ހުވަނިތައް ބިމަށް ފޭބުމުން ކެމިކަލެއް ޖަހައިގެން ނައްތާލަނީއެވެ.

އެ ހުވަނިތައް ބިމަށް ފައިބައިގެން އެއްތަނަކަށް އެއްވާތީ، އެތަކެތި ނައްތާލަން ފަސޭހަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކާޑެއްދޫ އެއާޕޯޓުގެ ގަސްތަކުގައި ހުވަނި އަޅައިގެން ސައިބޯނި ފެން ޖަހަނީ --- ފޮޓޯ/ ހަބީބް

އޭގެފަހުން، އަނެއްކާ ވެސް މިހާރު ކާޑެއްދޫގައި މިހާރު ވަނީ ހުވަނި އަޅާފައެވެ. އެތަކެތި ވެސް ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި މިހާރަށް ވުރެ މަދުކުރެވޭނެ ކަމަށް އޮފިޝަލް މައުލޫމާތުދެއްވިއެވެ.

"އަޅުގަނޑުމެނަށް މިދަންނަވާހެން ބިންމައްޗަށް ބޭސް ޖަހައިގެން [ހުވަނި ނައްތާލަން] އެންމެ އިފެކްޓިވް ނުވެގެން މިއުޅެނީ މިދުވަސްކޮޅު ވާރޭވެހޭތީ. ވާރެވެހޭތީ ގަސްތަކުގަ ހުރި ހުރިހާ އެއްޗެހި ބިންމައްޗަށް ފައިބަނީ،" އޮފިޝަލް ވިދާޅުވިއެވެ.

ރައްކާތެރި ދުރުމިނެއް ބަހައްޓައިގެން އެ މަސައްކަތް އެއާޕޯޓުގެ މީހުން ކުރަނީ، ކަމާ ގުޅޭ ތަޖުރިބާކާރުންގެ ލަފާގެ މަތިން ކަން ފާހަގަކުރެއްވިއެވެ. އަދި، ބިމަށް ހުވަނި ފޭބުމުން ޖަހަނީ މިނިސްޓްރީން ވެސް ދޭ ބޭސް ކަމަށް މައުލޫމާތު ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަ މިހާތަނަށް އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓްރީއަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.

ކާޑެއްދޫ އެއާޕޯޓް ހިންގަނީ ވިލާ އެއާއިންނެވެ. ނަމަވެސް އެއާޕޯޓުގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށްނުދާ ކަމަށާއި ވިލާ އެއާއިން އެއާޕޯޓާ ހަވާލުވި ފަހުން ޚިދުމަތުގެ ފެންވަރު ދަށްވެ، ވީރާނާވަމުންދާ ކަމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

ހުވަނީގެ ފަނި، ގަސްތަކުގެ ފަތްތައް ކެއުމުން ގަހަށް ގެއްލުން ލިބެ އެވެ. އަދި ހުވަނީގެ ކެހެރި އިންސާނުންގެ ގައިގައި ޖެހުމުން އެ ތަނެއް ގަދައަށް ހިރުވާ، ކަހާ، ފިތްގަނޑު ނަގާ، ރަތްވެ ދުޅަވާގޮތް ވެސްވެއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިދިޔަ އަންގާރަ ދުވަހު އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ހުވަނީގެ މައްސަލައަކީ ރާއްޖޭއަށް ކޮންމެ އަހަރެއްގެ ވަކި މޫސުމެއްގައި ވަރަށް ބޮޑަށް ގިނަވާ އެއްޗެކެވެ. މިހާރު ލޯކަލް ކައުންސިލްގެ ގާނޫނުގައިވާ ގޮތުން، ހުވަނީގެ އުނދަގުލުން ސަލާމަތްވުމަށް ކައުންސިލްގެ ބަޖެޓްގައި ހިމަނައިގެން ކުރިއަށް ގެނދިއުމަކީ ކައުންސިލްގެ ޒިންމާއެކެވެ. އެހެންނަމަވެސް ފަންނީ އެހީތެރިކަން އެ ވުޒާރާއިން ފޯރުކޮށްދޭނެއެވެ

.

comment ކޮމެންޓް