"އަބަދަށް"ގެ ވަދާއީ ޝޯތައް މިރޭ ފަށަނީ

މިއަހަރު އޮލިމްޕަހުގައި އެންމެ ފުރަތަމަ އެޅުވި ފިލްމު "އަބަދަށް"ގެ ވަދާއީ ޝޯތައް ދައްކައި ސިނަމާއިން ނެގުމަށް ތައްޔާރުވެއްޖެއެވެ.

މިދިޔަ މަހުގެ 28ގައި އޮލިމްޕަހުގައި ދައްކަންފެށި މި ފިލްމަކީ ތަފާތު އެކި ކަހަލަ ވަރުގަދަ ފިލްމުތައް ނެރެފައިވާ މޫމިން ފުވާދު ލިޔެ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

މިއަހަރުގެ އެންމެ ފުރަތަމަ ފިލްމު ދައްކަން ފެށީ ގިނަ ހައުސް ފުލް ޝޯތަކާއެކުގައެވެ. ފިލްމުގެ ޓިކެޓު ދޫކުރަން ފެށުމާއެކު ފިލްމުގެ ފުރަތަމަ ތިން ޝޯގެ ޓިކެޓުތައް ވަގުތުން ވަނީ ފުރިފައެވެ. އެއަށްފަހު ވެސް އޭގެ ގިނަ ކާމިޔާބު ޝޯތަކެއް ވަނީ މި ފިލްމުގެ ދައްކާފައެވެ.

މިހާރު ތައްޔާރުވަމުން އަންނަނީ ފިލްމުގެ ވަދާއީ ޝޯތައް ދައްކާށެވެ. ޕްރޮޑަކްޝަނުން ހާމަކޮށްފައިވާ ގޮތުގައި މިރޭ ފިލްމުގެ ފުރަތަމަ ވަދާއީ ޝޯ ދައްކަން ފަށާނެއެވެ. އަދި ވަދާއީ ތިން ޝޯ ދެއްކުމަށް ހަމަޖެހިފައިވާއިރު އެންމެ ފަހު ޝޯ ދައްކާނީ ހޮނިހިރު ދުވަހުގެ ރޭގައެވެ.

މިހާރު އަންނަނީ މި ތިން ޝޯއަށް ޓިކެޓު ދޫރަމުންނެވެ.

މި ފިލްމަކީ ނަފުސާނީ ބަލިމަޑުކަމެއްގެ ޝިކާރައަކަށް ވެފައިވާ މީހެއް އެ ބައްޔާއެކު އުޅޭއިރު އަމިއްލަ ނަފުސާ ދައްކާ ވާހަކަތައް ކިޔައިދޭ ފިލްމެކެވެ. އޭގެ އިތުރުންވެސް މުޖުތަމައުގައި ހުރި ތަފާތު އެކި ކަހަލަ މައްސަލަތައް ވެސް މި ފިލްމުން ދައްކައިދޭނެއެވެ.

މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އާއި އިސްމާއީ ރަޝީދު (ކޮޕީ އިއްސެ)އާއި ވާޝިޔާ މުހައްމަދުގެ އިތުރުން ޝާރިފް އަހުމަދު އަދި ސޫޒަން އިބްރާހީމްފުޅެވެ.

ނޫރު އެން މޫވީސްގެ ދަށުން ގެންދީފައިވާ މި ފިލްމުގެ ކާސްޓަކީ މީގެ ކުރީން ވެސް މޫމިނާ އެކު މަސައްކަތް ކޮށްފައިވާ ކާސްޓެކެވެ. "ލޫދިފާ" އާއި "ގޮށްރާޅު" އަދި "ނިވައިރޯޅި" ފަދަ ފިލްމުތައް ގެނެސްދީފައިވާ މޫމިންގެ އާ ފިލްމުން ވެސް މިފަދަ ތީމުތަކެއް ފެނިގެން ގޮސްފައިވާ ކަން މިފަހަރު މިއޮތީ އެނގިގެން ގޮސްފައެވެ.

comment ކޮމެންޓް