ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އެނިމަލް"ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ އާ ފިލްމު "ސްޕްރިޓް" ބަތަލާ ދީޕިކާ ޕަދުކޯން ކުޅެދެނީ 20 ކްރޯޑު ރުޕީސް (2.41 މިލިއަން ޑޮލަރަ)ށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސައުތު އެކްޓަރު ޕްރަބާސްއާ އެކު ދީޕިކާ ފެންނާނެ ފިލްމު "ސްޕިރިޓް"އަށް ބަތަލާ ހުށަހެޅި ފީ އަކީ މިހާތަނަށް ދީޕިކާގެ ކެރިއަރުގައި ބަތަލާއަށް ފިލްމަކުން ލިބޭނެ އެންމެ ބޮޑު އާމްދަނީއެވެ.
ހަމައެއާއެކު މިއީ ދީޕިކާގެ ފިރިމީހާ އެކްޓަރު ރަންވީރު ސިންގް ފިލްމު ކުޅެދޭ އަގުތަކަށް ބަލާއިރު އޭގެ އެތައް ގުނައެއް ބޮޑު އަދަދެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދީޕިކާގެ ފިލްމު "ކޮކްޓެއިލް"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ސަންދީޕްގެ ފިލްމު "ސްޕްރިޓް" ދީޕިކާއަށް އެންމެ ފުރަތަމަ ހުށަހެޅި 2024ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ބަތަލާ ބަލިވެއިނުމާ ގުޅިގެން ސަންދީޕްގެ ހުށަހެޅުން ދީޕިކާ ވަނީ އޭރު ގަބޫލުނުކޮށް ފިލްމަށް ނޫނެކޭ ބުނެފައެވެ.
ސަންދީޕަކީ އޭނާ އުފައްދާ ފިލްމެއް އެންމެ ފުރިހަމައަށް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ބޭނުންވާ ޑައިރެކްޓަރެއް ކަމުން ދީޕިކާ މި ފިލްމަށް އެއްބަސްނުވުމުން ސަންދީޕް ނިންމީ މިދިޔަ އަހަރު ފިލްމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށެވެ.
ޕިންކްވިލާގައި ބުނެފައިވާ ގޮތުން ފިލްމު "ސްޕްރިޓް" ވެގެންދާނީ ދަރިފުޅު ދުއާ ލިބުމަށްފަހު ދީޕިކާ މަސައްކަތް ކުރާނެ ފުރަތަމަ ފިލްމަށެވެ.
ދާދިފަހުން ބަތަލާ ދީޕިކާ ބައިވެރިވި އިންޑިއާގެ ވޭވްސް ސަމިޓްގައި ބަތަލާ ބުނެފައި ވަނީ މިވަގުތު އޭނާއަށް މުހިއްމީ އަލަތު ދަރިފުޅާ އެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރުމަށް ކަމަށެވެ. އެހެންކަމުން ފިލްމު "ސްޕްރިޓް"ގެ މަސައްކަތް ދީޕިކާ ފަށާނެ ވަކި ތާރީޚެއް މި ފިލްމު ގެނެސްދޭ ކުންފުންޏަށް އަދި ދީފައިނުވާ ކަމަށް ވެސް ޕިންކްވިލާގައި ވަނީ ބުނެފައެވެ.
ރިޕޯޓުތައް ބުނާގޮތުން ސަންދީޕްގެ މި ފިލްމުން ބަތަލާ ކަރީނާ އަދި ސައިފް އަލީ ޚާން ވެސް ފެންނާނެއެވެ.
ދީޕިކާ ވަނީ މީގެކުރިންވެސް ސައިފްއާ އެކު ދެ ފިލްމެއްގައި މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ކޮކްޓެއިލް" ހިމެނެއެވެ.