ޣައްޒާގައި އިންސާނީ އެހީ ފޯރުކޮށްދޭ ސެންޓަރެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ސައިޓްތަކެއް އިސްރާއީލުން ތައްޔާރުކުރަމުން އަންނަކަން ސެޓެލައިޓް ފޮޓޯތަކުން ދައްކައިފި ކަމަށް ބީބީސީން ރިޕޯޓުކޮށްފިއެވެ.
ފޮޓޯތައް ފެނިފައި މި ވަނީ އިސްރާއީލު ސިފައިން ހިމާޔަތްދޭ އަމިއްލަ ކުންފުނިތަކުން ޣައްޒާގެ އެތެރޭގައި ހުންނަ ސިލްސިލާ ހަބްތަކަށް އެހީ ފޯރުކޮށްދިނުމުގެ އާ ނިޒާމެއް ގާއިމުކުރަމުންދާކަން އެމެރިކާއިން މިދިޔަ ހަފުތާ ކަށަވަރުކޮށްދީފައިވަނިކޮށެވެ.
ބީބީސީން ބުނީ، ފޮޓޯތަކުން ދައްކާ ގޮތުގައި ޣައްޒާގެ ބައެއް ސަރަހައްދުތައް މިހާރު ސާފުކޮށްފައިވާއިރު، ފާއިތުވި ހަފުތާތަކުގައި ޣައްޒާގެ ދެކުނާއި މެދުތެރޭގެ ގިނަ ތަންތަނުގައި އާ މަގުތަކާއި ސްޓޭޖިން އޭރިއާތައް ހަދާފައިވެއެވެ.
އެ ހަބްތައް ހުންނާނެ ތަންތަން އިސްރާއީލުން ހާމަ ނުކުރި ނަމަވެސް އެހީދޭ ޖަމާއަތްތަކުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ހަބްތައް ހުންނާނީ ޣައްޒާގެ ދެކުނުގައެވެ. އެ ސަރަހައްދުގައި ގާތްގަޑަކަށް ހަތަރު ސެންޓަރު ތައްޔާރުކުރާއިރު، އުތުރުގައި ތައްޔާރުކުރާނީ އިސްރާއީލު އަސްކަރިއްޔާއިން ކޮންޓްރޯލްކުރާ ބިމެއްގައެވެ.
މި ޕްލޭނަށް އެހީތެރިވުމަށް އުފެއްދި ޖަމިއްޔާއެއް ކަމަށްވާ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަނުން ފުރަތަމަ ބުނީ، ކާބޯތަކެއްޗާއި ފެނާއި ސާފުތާހިރުކަމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނީ އާބާދީގެ 60 އިންސައްތައަށް ވުރެ މަދު ބަޔަކަށް ކަމަށެވެ.
އިސްރާއީލު ސަރުކާރުން ވަނީ މާޗު މަހު ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސް ޑެލިވަރީކުރުން ހުއްޓުވާފައެވެ. އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި ޣައްޒާއަށް ފޯރުކޮށްދޭ އެހީގެ ބޭނުން ކުރަނީ ހަމާސްއިންނެވެ.
އދ އާއި ޔޫރަޕާއި މެދުއިރުމަތީގެ ލީޑަރުން ކުށްވެރިކޮށްފައިވާ މި ފިޔަވަޅަކީ ހަމާސްއިން ބާކީ ތިބި ރަހީނުން ދޫކޮށްލުމަށް ޕްރެޝަރު ކުރުމަށް ކުރި ކަމެއް ކަމަށް އިސްރާއީލުގެ ވަޒީރަކު ވަނީ ވިދާޅުވެފައެވެ.
އެ ޕްލޭނަކީ އިސްރާއީލުގެ ސަރުކާރުން ކުރިން ފާސްކުރި ޕްލޭނާ އެއްގޮތް ޕްލޭނެއް ކަމަށާއި އަދި އެއީ އިންސާނީ އަސާސީ އުސޫލުތަކާ ފުށުއަރާ ކަމެއް ކަމަށް ބުނެ އދ ގެ އެޖެންސީތަކުން ވަނީ އެ ޕްލޭނަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފައެވެ.
އެހީ ފޯރުކޮށްދިނުން ހުއްޓުވާފައި އޮތުމުގެ ސަބަބުން ކާބޯތަކެއްޗާއި ބޭހާއި ތެލުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށާއި ހޯމަ ދުވަހު ކުރި އެސެސްމަންޓެއްގައި ގާތްގަނޑަކަށް 2.1 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ނުރައްކާ ވަރަށް ބޮޑަށް އެބައޮތް ކަމަށް އދ އިން ބުނެއެވެ.