ސައިކަލުން ޖެހި ވެއްޓި އެއް އަހަރުގެ ކުއްޖާގެ ބޯ ޖެހުނީ ތާރުގަނޑުގައި, ބޯ ވަނީ ދުޅަވެފައި

ހުޅުމާލޭގައި ހިނގި އެކްސިޑެންޓް: ވީޑިއޯއިން ފެންނަ ގޮތުގައި، ކުޑަކުއްޖަކު އުރައިގެން ދާ އަންހެން މީހެއްގެ ގައިގައި ސައިކަލަކުން ޖެހި، ބިންމަތީގައި ކުއްޖާގެ ބޯ ޖެހޭ -- ފޮޓޯ/ އެމްވީކްރައިސިސް

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި، ކުޑަކުއްޖަކު އުރައިގެން ނިރޮޅުމަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.

އެ އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ އަންހެން މީހާ ނިރޮޅުމަގު ހުރަސްކުރަނިކޮށް، ސައިކަލެއް ގޮސް އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ.

އެ އަންހެން މީހާގެ ފައިގައި ސައިކަލު ޖެހި، އުރުގައިން އިން ކުއްޖާއާއެކު މަގުމައްޗަށް ވެއްޓުނުއިރު، ފުރަތަމަ ވެސް ތާރުގަނޑު މަތީގައި ޖެހުނީ ކުއްޖާގެ ބޮލެވެ.

އެ ވަގުތު އެ ސަރަހައްދުން ދެ ސައިކަލެއްގައި ދިޔަ ދެ މީހަކާއި، ކާރެއްގައި ދިޔަ މީހަކު ވެސް މަޑުކޮށް، އަންހެން މީހާއަށް އެހީވާ މަންޒަރު ފެނެއެވެ.

އެކްސިޑެންޓުވި ވަގުތު ސައިކަލު ދުއްވަން އިން މީހާ ވެއްޓި، އަތުގައި ހިފަހައްޓައިގެން ހުންނަތަން ވީޑިއޯއިން ފެނެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން އެ އެކްސިޑެންޓު ރިޕޯޓުކުރީ ހެނދުނު 9:23ހާއިރެވެ.

ފުލުހުން ބުނީ، އަންހެން މީހާގެ އުރުގައި އިނީ އެއް އަހަރާއި އަށް މަހުގެ ކުއްޖެއް ކަމަށާއި އެ ކުއްޖާގެ ބޯ ދުޅަވެފައިވާ ކަމަށެވެ. އަދި އަންހެން މީހާގެ ވާއަތު އުޅަނބޮށި މަށައިގެން ގޮސްފައިވާއިރު، ސައިކަލު ދުއްވި މީހާގެ ވާއަތު ކޮނޑުހުޅުން ބިނދި، ކަނާތު ފައިތިލަ މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެންމެންނަށް ވެސް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހިނގާފައި މަގު ހުރަސްކުރާއިރު، އެއީ ކަފިހި ހުރަސް މަތިން ކަމުގައިވީ ނަމަވެސް، ސައިކަލާއި ކާރުން ޖެހި މީގެ ކުރިން އެކްސިޑެންޓުތައް ހިނގާފައި އެބަހުއްޓެވެ. އެފަދަ އެކްސިޑެންޓުތަކުގައި ވަރަށް ހަގު ކުދިންނަށް ބޮޑެތި އަނިޔާތައް ވެސް ލިބިފައިވެއެވެ.

comment ކޮމެންޓް