ޕީއެންސީގެ އިތުބާރު އެބައޮތް، އަމީން ވަކިކުރަން ފާހެއްނުވި

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން: އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ވަނީ ބޭރުކޮށްލާފައި -- ފޮޓޯ/ މަޖިލީސް

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނަށް އިތުބާރު އެބައޮތް ކަމަށް ނިންމައި، އޭނާ މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ފާހެއް ނުވިއެވެ.

އަމީން ވަކިކުރަން ހުށަހެޅީ ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައެވެ. އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުން ވަނީ ސޮއިކޮށްފައެވެ.

އެ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓުން އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ. އަމީންގެ އިތުބާރު ނެތް ކަމަށް ވޯޓުދެއްވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 11 މެންބަރަކު އެކަންޏެވެ.

އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު ޔުމްނު ވެއްޓުމުގެ ކުރިން އެ ހާދިސާގައި ހިމެނޭ މީހުން މިނިސްޓަރު އަމީންގެ ގޭގައި މަސްތުވާތަކެތި ބޭނުންކޮށް ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާފައިވާކަމާއި އެ ކަމުގައި އަމީންގެ އާއިލީ ދެ މީހަކު ހިމެނޭކަން އެނގެން އޮތް ކަމަށެވެ.

https://sun.mv/206062

މައްސަލައިގައި އަމީންގެ ގެއާއި އާއިލީ ބަޔަކު ހިމެނޭކަން ފޮރުވަން ފުލުހުން މަސައްކަތްކުރި ކަމަށް ވެސް އެމްޑީޕީން ތުހުމަތުކުރެއެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު ފުލުހުން ހާމަކުރީ ހާދިސާއަށް ހަ ދުވަސްވީ ފަހުންނެވެ. މި މައްސަލައިގައި ހިމެނޭ މީހުން ފުރަތަމަ ދިޔަ އަމީންގެ އާއިލީ ގެކޮޅު މއ. މާންދޫގެދެކުނުގޭގެ ނަން ވެސް ފުލުހުން ބުނީ އެ ގޭގެ ނަން ނުބުނާތީ ގިނަ ބަޔަކު ނުރުހުން ފާޅުކުރަން ފެށި ފަހުންނެވެ.

ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވަން މިނިސްޓަރު އަމީން މަސައްކަތްކުރި ކަމަށާއި އެ މައްސަލައިން އާއިލީ ދެ މީހުން ސަލާމަތްކުރަން ވެސް އޭނާ މަސައްކަތްކުރި ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލައިގައިވެއެވެ.

https://sun.mv/205351

އެމްޑީޕީން ހުށަހެޅި މައްސަލައުގައި ބުނެފައިވަނީ، ގާނޫނުއަސާސީގެ 132 ވަނަ މާއްދާގެ ހ ގައި ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު ގާނޫނުއަސާސީއާއި ގާނޫނަށް ތަބާވެ، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރަން ވާނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި، ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ ހ ގައި އެއްވެސް މީހަކު އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނުވަތަ ވަކި މީހަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ބޭނުންކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންވެ، އަމީން އިތުރަށް ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމުގައި ހުރުމަކީ ރައްޔިތުންގެ ހައްގުތައް ގެއްލި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަމެއް ކަމަށް އެމްޑީޕީން ގަބޫލުކުރެއެވެ. އެ މައްސަލައިގައި އަމީން ވަކިކުރަން ހުށަހެޅީ އެހެންވެއެވެ.

އެކަމަކު، މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން އެ މައްސަލައިގައި ޖަވާބުދާރީވަމުން މިނިސްޓަރު އަމީން ވިދާޅުވީ، އެ މައްސަަލައިގައި އޭނާގެ އާއިލީ ބަޔަކު ނުވަތަ ތިމާގެ އެއްވެސް މީހަކު ހިމެނޭ ކަމަށް އެއްވެސް ތަހުގީގު އިދާރާއަކުން މިހާތަނަށް ނިންމާފައިނުވާ ކަމަށެވެ. އަދި، އޭނާ ދިރިއުޅޭ ގޭގައި މަސްތުވާތަކެތި ބޭނުންކުރި ކަމަށް ވެސް އެއްވެސް އިދާރާއަކުން ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/205298

އެހެންވެ، އެމްޑީޕީ މެންބަރުންނަށް އެ ފަދަ ހެކިތަކެއް ލިބިފައިވާނަމަ އެކަން ތަހުގީގު އިދާރާތަކަށް ހުށަހަޅުއްވަން އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އަމީން ވިދާޅުވީ، އެ މައްސަލައަށް އޭނާ ނުފޫޒު ފޯރުވާފައިނުވާނެ ކަމަށާއި ނުފޫޒު ފޯރުވަންޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. މި މައްސަލައިގެ ތެރެއިން އޭރު ހުންނެވި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް ގުޅުއްވީ ވެސް ތަހުގީގަށް ފަސޭހަކޮށްދެއްވަން، އޭނާގެ ގެކޮޅަށް ފުލުހުން ވަންނަން ކޯޓު އަމުރެއް ބޭނުންނުވާނެ ވާހަކަ ދަންނަވަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގެ ބަހުސްގެ ވަގުތުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަނީ އަމީންގެ ދިފާއުގައި ވާހަކަަދައްކަވައިފައެވެ. އެ ގޮތުން، މި މައްސަލައާ އަމީނާ ގުޅުމެއް ނެތް ކަމަށް އެ މެންބަރުން ވަނީ ވަކާލާތުކުރައްވައިފައެވެ.

https://sun.mv/206059

ޔުމްނު ވެއްޓުނު ރޭ އޭނާއާ އެކު އުޅުނު އެންމެން ފުރަތަމަ ދިޔައީ އަމީންގެ އާއިލީ ގެކޮޅަށެވެ. އެ ގޭގައި 'ޕާޓީކުރި' ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެ މީހުން އެ ގެއިން ނުކުމެގެން ހ. ގައި ހުންނަ ގެއަކަށް ދިޔަ ކަމަށާއި އޭގެ ފަހުން ހ. ފެންޓެނޯއީ ގެއަށް ދިޔައީ ޔުމްނުއާއި އޭނާއާ އެކު އެ ރޭ އުޅުނު ރައުދު އަހުމަދު ޒިލާލް އެކަނި ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މި ހާދިސާއަށް ހަ ދުވަސްވީ ފަހުން ފުލުހުން ވަނީ ރައުދު ހައްޔަރުކޮށްފައެވެ. އޭނާ ވަނީ މަސްތުވާތަކެއްޗަށް ވެސް ޕޮޒިޓިވްވެފައެވެ. ރައުދުގެ ބަންދު ހަތަރުވަނަ ފަހަރަށް އިތުރުކޮށް، މިއަަދު ވަނީ އިތުރު 20 ދުވަސް އޭނާގެ ބަންދަށް ޖަހައިފައެވެ.

https://sun.mv/205781

އެކަމަކު، މި މައްސަލައިގައި އިތުރު މީހުން ހިމެނޭ ކަމަށާއި އަމީން މި މައްސަލައަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ޒުވާނުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ. އެ އިހުތިޖާޖުތަކުގައި އަންނަނީ އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ކުރިން ހުންނެވި ކޮމިޝަނަރު ޝުޖާއު އިސްތިއުފާދެއްވީ ވެސް މި މައްސަލައިގައި އޭނާގެ އިސްތިއުފާއަށް ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށެވެ.

މި މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވައިފައެވެ.

comment ކޮމެންޓް