މެޓް ގާލާގައި އެންމެ ރީތިކޮށް ހެދުން އެޅި ފިރިހެނަކީ ޝާހު

ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މި މަހުގެ ފަސްވަނަ ދުވަހު އެމެރިކާގެ ނިއުޔޯކް ސިޓީގައި ކުރިއަށްދިޔަ މި އަހަރުގެ މެޓް ގާލާގައި އެންމެ ރީތިކޮށް ހެދުން އެޅި ފިރިހެން އާޓިސްޓުގެ ގޮތުގައި އިންޑިއާގެ އެކްޓަރު ޝާހްރުކް ޚާން ހޮވިއްޖެއެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ރެޑް ކާޕެޓުގައި އެންމެ ރީތިކޮށް ހެދުން އެޅި ފިރިހެން އާޓިސްޓުގެ މަގާމު ޝާހުއަށް ލިބިފައި ވަނީ ފެޝަން ޑާޓާ ޕްލެޓްފޯމް ލޯންޗުމެޓްރިކްސް ކިޔާ ޕްލެޓްފޯމަކުން ހޮވި ވޯޓަކުންނެވެ.

ފެޝަން ދުނިޔޭގެ އެންމެ ބޮޑު އިވެންޓު ކަމަށްވާ މެޓް ގާލާއަށް ދިޔަ އިންޑިއާގެ ފުރަތަމަ ފިރިހެން އެކްޓަރުގެ ގޮތުގައި ޝާހު ވެފައިވާއިރު ރެޑް ކާޕެޓުގައި ޝާހު ފެނުނީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ސަބްޔަސާޗީ މުކަރުޖީ ފަރުމާކޮށްފައިވާ އަންނައުނުގައެވެ.

ޝާހްރުކް ޚާން އަދި ފެޝަން ޑިޒައިނަރު ސަބްޔަސާޗީ--ފޮޓޯ/އިބްޓައިމްސް

މެޓް ގާލާގެ ދެ ހޯސްޓުން ކަމަށްވާ ތެޔާނާ ޓެއިލާ އަދި އެގޯ ވޯޑިމްއަށް އިންޑިއާގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ މަގުބޫލުކަން ހާމަވެފައި ނެތުމުން ފެޝަން ޑިޒައިނަރު ސަބްޔަސާޗީ ބުނެފައި ވަނީ، ހަމަގައިމުވެސް މުޅި ދުނިޔޭގެ އެންމެ މަޝްހޫރު ފިރިހެނުންގެ ތެރޭ ޝާހްރުކް ޚާން ހިމެނޭނެ ކަމަށެވެ.

ޝާހު މެޓް ގާލާގައި ފެނިގެންދިޔަ ގޮތާ ބެހޭގޮތުން ގިނަ ބައެއްގެ ތައުރީފު އެކްޓަރަށް ލިބުނުއިރު ރެޑް ކާޕެޓުގައި ވެސް އެއީ ކިންގްއެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. މެޓް ގާލާގައި ޝާހު ލައިގެން ހުރި އަންނައުނާއި އަޅައިގެން ހުރި ގަހަނާތަކުގެ އަގު 2.5 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އިންޑިއާގެ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

އިންޑިއާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ދިލްޖީންތު ދޮސާންޖް--ފޮޓޯ/ހޮލީވުޑްރިޕޯޓާއިންޑިއާ

ޝާހުއާ އެކު މި ފަހަރުގެ މެޓް ގާލާ އިވެންޓުގައި ފުރަތަމަ ފަހަރަށް ބައިވެރިވި އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ ދިލްޖީތޮ ދޮސާންޖް ވަނީ އެންމެ ރީތިކޮށް މި ހަފްލާގައި ހެދުން އެޅި ފިރިހެނުންގެ ލިސްޓުންގެ ތިން ވަނައިން ޖާގަ ހޯދާފައެވެ.

އިންޑިއާގެ ސިކުންގެ ސަގާފީ ހެދުން އެޅުމުގެ ސްޓައިލް ރެޑް ކާޕެޓްގައި ދައްކާލި ދިލްޖީންތު ދޮސާންޖަށް މި އިވެންޓުން ލިބުނު "މީޑިއާ އިމްޕެކްޓް ވެލިއު" (އެމްއައިވީ) 7.3 މިލިއަށް އެމެރިކާ ޑޮލަރަށް އަރާއިރު ޝާހުއަށް ލިބުނު އެމްއައިވީގެ އަދަދު 19 މިލިއަން ޑޮލަރަށް އަރައެވެ.

comment ކޮމެންޓް