ރާއްޖޭގައިި ދަރިން ހޯދާ ނިސްބަތް ދަށްވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ މާލީ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަަލަ ބޮޑުވެފައި އޮތުން ކަމަށް ދިވެހި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި، ޔޫއެންއެފްޕީއޭ ގުޅިގެން ކުރިއަށްގެންދިޔަ ދާރާސާ އަކުން ހާމަވެއްޖެއެވެ.
ރާއްޖޭގައި ދަރީން ހޯދާ މިންވަރު ދަށީ ކީއްވެތޯއާއި އެ ކަމާ ގުޅިފައިވާ ކަންކަން ދެނެގަތުމަށް ކުރިއަށް ގެންދިޔަ ދިރާސާއިން ދެނެގަނެވުނު ކަންކަން ގައުމީ ޔުނިވާސިޓީން އިއްޔެ ވަނީ ހާމަކޮށްފައެވެެ.
މި ދިރާސާގައި ވަނީ ދަރިން ހޯދާ މިންވަރު ދަށީ:
- މުޖުތަމައުގެ ގަބޫލުކުރުންތަކުގެ ސަބަބުންތޯ ނުވަތަ
- ސިއްހީ މައްސަލަތަކުގެ ސަބަބުންތޯ ނުވަތަ
- އާއިލާތަކުގެ މާލީ ހާލަތުގެ ސަަބަބުންތޯ ނުވަތަ
- ކުޑަކުދިން ބަލަހައްޓާ ތަންތަން މަދުވީމާތޯ ނުވަތަ
- އަންހެނުން ތައުލީމު އުނގެނި ވަޒީފާ އަދައިކުރާތީތޯ ނުވަތަ
- އާއިލާގެ އެއްބާރުލުން ނުލިބޭތީތޯ ސުވާލު ކުރިމަތިކުރުވައިފައެެވެ.
މި ދިރާސާއަށް މައުލޫމާތު ހޯދައިފައިވަނީ އެންމެ ފަހުން ހެދި 2022ވަނަ އަހަރުގެ ބޯހިމެނުމުންނާއި، ކުރީގެ ބައެއް ސާވޭތަކުންނާއި، މި ދިރާސާއަށް ކުރެވުނު އިންޓަވިއުތަކާއި ސާވޭތަކުގެ އިތުރުން ފޯކަސް ގްރޫޕުތަކުންނެވެ.
އެގޮތުން އުމުރުން 18 އަހަރާއި 49 އަހަރާ ދެމެދުގެ 479 އަންހެނުންނާ ސުވާލުކޮށްފައިވެއެވެ. އަދި ފިރިހެނުންނާއި، ސިއްހީ މާހިރުންނާއި، ސިޔާސަތު އެކުލަވާ މީހުންގެ ފޯކަސް ގްރޫޕުތައް ހިމެނެއެވެ.
ރާއްޖޭގައި ދަރިމައިވާ މިންވަރު ދަށްވުމަށް މަގުފަހިވާ އިގްތިސޯދީ ސަބަބުތަކާ ބެހޭ ދިރާސާއެއް ނިންމައިފި -- ފޮޓޯ/ އެމްއެންޔޫ
ދިރާސާގެ މުހިންމު ހޯދުންތައް:
މާލީ ދަތިކަމާއި، ބޯހިޔާވަހިކަމުުގެ ދަތިކަން
މި ދިރާސާގެ ހޯދުންތަކުން އެނގުނު ގޮތުގައި ގިނަ ބަޔަކު ދަރިން ހޯދާ މިންވަރު މަދުކުރާ އެއް ސަބަބަކީ އިގްތާޞާދީ ނުވަތަ މާލީ ގޮތުން ހުރި ދަތިތަކާއި، ބޯހިޔާވަހިކަން ހޯދުމުގައި ހުރި ގޮންޖެހުންތަކެވެ.
އެގޮތުން ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް އުޅެނީ މާލޭގައި ކަމަށްވުމާއެކު މި ސަރަހައްދުގައި ބޯހިޔާވަހިކަން ހޯދުން ދަތިވުމާއި، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް މަތިވުމަކީ ސަބަބެއްކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.
ދިރާސާއިން އެނގުނު ގޮތުގައި ގޭބިސީއަކަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހޭދަވަނީ ކުއްޔަށެވެ. އަދި ގިނަ އާއިލާތަކެއް އެކީ އުޅެނީ ކުދިކުދި ޖާގަތަކުގައެވެ.
"ތިން ޖީލުގެ މީހުން މި ތިބެނީ ދެ ކޮޓަރިއަށް ފިތި ގަންނަވާފައި،" ފޯކަސް ގްރޫޕަށް މީހަކު ދިން ޖަވާބުގައިވެއެވެ.
މީގެ އިތުރުން ކުއްޖަކަށް ކުރަންޖެހޭ ހޭދަ އިތުރުވުން ފަދަ ކަންކަން ވެސް ހިމެނެއެވެ. އެގޮތުން ޑޭކެއާފަދަ ޚިދުމަތްތައް މަދުވުމާއި، އެ ފަދަ ޚިދުމަތަކަށް ވެސް މަހަކު 6000 ރުފިޔާއާ ހަމައަށް ހޭދަކުރަން ޖެހޭކަމަށް ދިރާސާގެ ބައިވެރިއަކު ބުނެފައިވެއެވެ.
"ޑޭކެއާއަށް އެބަ ޚަރަދުވޭ ޕްރައިވެޓް ސްކޫލަކަށް ކުރަންޖެހޭ ޚަރަދަށްވުރެ ބޮޑަށް،" މީހަކު ބުނެފައިވެއެވެ.
ހަމައެއާއެކު ވަޒީފާއަކީ ވެސް ދަރިން ހޯދާ މިންވަރު ކަނޑައެޅުމުގައި ދައުރެއް އަދައިކުރާ އެއް ކަންތަކެވެ. ދިރާސާއިން އެނގުނު ގޮތުގައި ވަޒީފާގައި އުޅޭ އަންހެނުންގެ ތިބި ދަރިން، ވަޒީފާގައި ނޫޅޭ އަންހެނުންނާ އަޅައިބަލާއިރު މަދެވެ.
އޭގެ ސަބަބެއްކަމަށް ވަނީ، ވަޒީފާގައި އުޅެންޖެހޭ ވަގުތުތައް ފްލެކްސިބަލް ނުވުމާއި، ދަރިން ބަލައި އަންހެނުންނަށް ވަޒީފާގެ މާހައުލުގައި ކުރިމަތިކުރުވާ ތަފާތުކުރުންތަކެވެ. އާއިލާއަށް ލިބޭ އާމްދަނީއާއި، ވަޒީފާއަކީ ދަރިން މަދުން ހޯދާ ސަބަބުތަކާ ގުޅޭ ކަމެކެވެ. އެއީ ބޮޑު އާއިލާއެއް ބިނާކުރުމަށްވުރެ މާލީ ފުދުންތެރިކަމަށް އާއިލާތަކުން އިސްކަންދޭތީއެެވެ.

ހުޅުމާލެ: ހުޅުމާލެއަކީ ސޯޝަލް ހައުސިންއިން ފުރިފައިވާ ތަނެއް -- ފޮޓޯ/ ޔޫއެންޑީޕީ
މީހުންގެ ވިސްނުމާއި، މިންތީގެ ތަފާތުތައް
މީގެ އިތުރުން ސަގާފީ އާދަކާދަތަކަށް އަންނަ ބަދަލާއި، މީހުންގެ ވިސްނުމަށް އަންނަ ބަދަލު ވެސް ދަރިން މަދުން ހޯދާ ސަބަބާ ގުޅިފައިވާކަން ދިރާސާއިން ހާމަވެއެވެ. އެގޮތުން ގިނަ ދަރިން ތިބޭނަމަ "ތިއީ މަހެއްތަ، ކީއްވެ އެހާ ބައިވަރު ކުދިން،" ފަދަ ސުވާލުތައް އަމާޒުކުރުވާ ކަމަށް މީހަކު ދިރާސާގައި ބުނެފައިވެއެވެ.
ރާއްޖޭގެ ޒުވާން އާބާދީގެ 93 ޕަސެންޓު ގަބޫލުކުރަނީ ދަރިންގެ ކަންކަން ދެ ޖިންސުގެ މެދުގައި ހަމަހަމަ ގޮތެއްގައި ބަހައިގެން ކުރިއަށް ގެންދަން ވާނެ ކަމަށާއި ނަމަވެސް އަންހެނުންނަށާއި ފިރިހެނުންނަށް ޚާއްސަ ދައުރުތަކެއް ވާކަމަށެވެ. 50-54 ޕަސެންޓާ ދެމެދުގެ މީހުން ގަބޫލުކުރާ ގޮތުގައި ފިރިހެނުން އަންހެނުންނަށް ވުރެ ގިނައިން އާމްދަނީ ހޯދަންވާނެއެވެ.
އަންހެނުންނަށް ތަޢުލީމު ދިނުމަކީ މުހިންމު ކަމެއް ކަމުގައިވާއިރު، އެއީ ވެސް ދަރިން ހޯދުން މަދުވާ ނުވަތަ ލަސްވާ ސަބަބެކެވެ. ސާވޭކުރެވުނު އަންހެނުންގެ ތެރެއިން 77 ޕަސެންޓު އަންހެނުންނަކީ ޔުނިވާސިޓީ ޑިގްރީ ހާސިލުކޮށްފައިވާ އަންހެނުން ކަމުގައިވާއިރު، ގިނަ އަންހެނުން އިސްކަންދެނީ ވަޒީފާއަށެވެ.
އަދި 18-25 އަހަރާ ދެމެދުގެ ޒުވާން އަންހެނުން ބުނާ ގޮތުގައި ދަރިން ހޯދުމުގެކުރިން މާލީ ގޮތުން މިނިވަންވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ރާއްޖޭގައި މީހުން ދަރިން ހޯދާ މިންވަރު ވަނީ 1990ވަނަ އަހަރު 6.4 ގައި ހުރުމަށްފަހު ދަށްވަމުން އައިސް 2022ވަނަ އަހަރު 1.7 އަށް ދަށްވެފައެވެ.

އައިޖީއެމްއެޗްގައި ނަރުހުން: -- ފޮޓޯ/ އައިޖީއެމްއެޗް
ސިއްހީ މައްސަލަތައް
ދިރާސާގައި ބައިވެރިވި ސިއްހީ މާހިރުންގެ ފަރާތުން އެނގުނު ގޮތުގައި ރާއްޖޭގައި އަންނަނީ ދަރިމައިނުވުމުގެ މައްސަަލަތައް އިތުރުވަމުންނެެވެ. މި ކަން މެދުވެރިވާ އެއް ސަބަބަކީ ފަލަބައްޔާއި، ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް)ގެ އިތުރުން ނަފްސާނީ ހާސްކަމާއި ބުރައެވެ. ސިއްހީ މާހިރުން ބުނި ގޮތުގައި ޕީސީއޯއެސްއަކީ މިއަދު ޒުވާން ދިވެހި އަންހެނުންގެ މެދުގައި އޮތް ބޮޑު ބަލިމަޑުކަމެކެވެ.
މި ކަން ކަން މިހެން ހުރިއިރު، ގިނަފަހަރަށް ދުންފަތުގެ އިސްތިޢުމާލުކުރުމާއި ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިފައިވާ ފިރިހެނުންނަށް ދަރިން ހޯދުމުގައި ހުރި ގޮންޖެހުންތަަކަށް، މުޖުތަމައުގެ ވިސްނުން ހުންނަ ގޮތުން އެކަށީގެންވާ ސަމާލުކަމެއް ނުދެވޭކަން ވެސް ދިރާސާއިން ހާމަވެއެވެ.
އަދި އުމުރުން 25 އަހަރުން މައްޗަށް ދިއުމުން ބަލިވެއިނުން ލަސްކުރުމުން ބަލިވެއިނުމުގެ އުނދަގޫތައް އިތުރުވެ، ފާޓިލިޓީ ދަށްވުން ވެސް ހިމެނެއެވެ. ސިޒޭރިއަން ރޭޓް މަތިވުން (އުފަންވާ ކުދިންގެ 50 އިންސައްތަ) އާއި ރައްކާތެރިނޫން ގޮތްގޮތަށް އެބޯޝަން ހެދުން ފަދަ ކަންކަމުން އުފަންވެރިކަމުގެ ދުޅަހެޔޮކަމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިކުރުވާކަމަށް ދިރާސާއިން ދައްކައެެވެ.
އަދި އައިވީއެފް ފަދަ ފަރުވާތަކަށް ވާސިލުވުން އަދިވެސް ވަނީ މަދު އަދި އަގުބޮޑު ކަމަކަށް ކަން ދިރާސާގައިވެއެވެ.
މި ކަން ހައްލުކުރުމަށް ދިރާސާގައި ވަނީ ކަންތައްތަކެއް ހުށަހަޅައިފައެވެ. އެ ކަންކަމަކީ:
- ގިނަ ދަރިން ތިބި އާއިލާތަކަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން
- ދައުލަތުގެ ޚަރަދުގައި، އޮފީސްތައް ކައިރި ޑޭކެއާ ސެންޓަރުތައް ހިންގުން
- ވަޒީފާ އަދައިކުރުމުގައި، އެ މީހަކު ހުރި ތަނެއްގައި މަސައްކަތް ކުރުން ފަދަ ފަސޭހަ ފްލެކްސިބަލް ސިޔާސަތުތައް ހެދުން
- މައިންބަފައިންނަށް ޗުއްޓީ ލިބޭހެން
- އައިވީއެފް، ޕީސީއޯއެސް ފަދަ ކަންކަމުގެ ފަރުވާ އަތްފޯރާ ފަށަށް ތިރިކުރުން
- އާއިލާ ބިނާކުރުމާއި، ސަގާފީ އަދި އިސްލާމި އުސޫލުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުވުން
މި ދިރާސާގައި ވަނީ ދަރިން ހޯދުން މަދުވެފައިވާ ސަބަބުތަކަށް އަވަސް ހައްލު ގެނައުން މުހިންމުކަމަށް ފާހަގަކޮށްފައެެވެ. އެހެން ނޫން ނަަމަ ރާއްޖެއަށް ކުރިމަތިލާން އޮތީ މުސްކުޅިވަމުން އަންނަ އާބާދީއަކާ ކަމަށާއި، މިއީ އިގްތިޞާދަށް ވެސް އެކަމުގެ ގެއްލުން ވާނެ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެެ.