ހޮލީވުޑްގެ މަޝްހޫރު އޭ ލިސްޓް ތަރި ކްރިސްޓެން ސްޓްވާޓް ޑައިރެކްޓް ކުރި ފުރަތަމަ ފިލްމު އާންމުންނަށް ދައްކާލައިފިއެވެ.
އުމުރުން 34 އަހަރުގެ ސްޓްވާޓް ޑައިރެކްޓް ކޮށްފައިވާ ފުރަތަމަ ފިލްމު "ދަ ކްރޮނޮލޮޖީ އޮފް ވޯޓާ" އަކީ އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ. މި ފިލްމު އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ 2022 ގައެވެ.
އެންމެފަހުން ފިލްމު ފުރަތަމަ ފަހަރަށް ދައްކާފައިވަނީ އިއްޔެ ފްރާންސްގައި ކާންސް ފެސްޓިވަލްގައެވެ. ކާންސް ފެސްޓިވަލްގައި ފިލްމު ފުރަތަމަ ފަހަރަށް ދެއްކިއިރު އެ ފިލްމަށް ވަނީ ހަތަރު މިނެޓުގެ ސްޓޭންޑިން އޮވޭޝަނެއް ލިބިފައެވެ. އެއާއެކު ކްރިސްޓެންއަށް ރޮވިފައިވާ ކަމަށް އެތައް ބަޔަކު ވަނީ ބުނެފައެވެ.
މި ފިލްމަކީ އޭނާ އެތައް އަހަރެއްގެ މަސައްކަތް ކަމާއި އާންމުން ފިލްމު ބަލައިގަތްކަން ގަބޫލު ކުރެވިއްޖެ ކަމަށް ކްރިސްޓެން ވަނީ ބުނެފައެވެ.
އަލަށް ނެރުނު ފިލްމުގައި ލީޑުން ފެނިގެންދާނީ އެޒްމޭ ކްރީޑް މައިލްސް އާއި އިމޮޖެން ޕޫޓްސް އަދި މައިކަލް އެޕް އެވެ. މި ފިލްމަކީ އާންމު ދިރިއުޅުމުން ތަފާތު އެކި ކަހަލަ ތަޖުރިބާތައް ކިޔައިދޭ ޑްރާމާ ފިލްމެކެވެ. ފެސްޓިވަލްގައި ފިލްމު އެޅުވިއިރު އަދި އާންމުންނަށް މި ފިލްމު ފެންނާނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކާންސް އިން ފެންނަ ފިލްމު ތަކަކީ އަހަރު ނިމެން ވާއިރަށް ކޮންމެވެސް ގޮތަކަށް އާންމުންނަށް ދޫކޮށްލާ ފިލްމުތަކެކެވެ. އެހެންވީމާ މި އަހަރުގެ ތެރޭގައި ބެލުންތެރިންނަށް މި ފިލްމު ފެންނާނެ ކަމަށް ބެލެވެއެވެ.
ކްރިސްޓެން އާންމުންނަށް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ލަވް ލައިސް ބްލީޑިން" ނަމަކަށް ކިޔާ ޑްރާމާ ތުރިލާ ފިލްމަކުންނެވެ. އާންމުންގެ ތެރެއަށް އެންމެ ގިނަ ބައެއްގެ މެދުގައި އޭނާ މަގުބޫލުވެފައިވަނީ "ޓްވައިލައިޓް" ފްރެންޗައިޒް އިންނެވެ.