ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ، އެކްޓަރު އަދި ވިޔަފާރިވެރިޔާ ރިއާނާ އަހަރުތަކަކަށް ފަހު ނެރުނު އާ ލަވަ ގިނަ ބަޔަކަށް ކަމު ނުދާ ކަމަށް ބުނަން ފަށައިފިއެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނިކޮށް އަހަރުތަކަކަށްފަހު ރިއާނާ ވަނީ އާ ލަވައެއް ނެރެފައެވެ. ނަމަވެސް އަލަށް ނެރުނު ލަވައަކީ އޭނާގެ ސިންގަލް އެއް ނޫނެވެ.
ދާދިފަހުން ރިލީޒްކޮށްފައިވާ ލަވައަކީ މަޝްހޫރު "ސްމާފްސް" ފްރެންޗައިޒްގެ "ސްމާފެޓް" ކެރެކްޓަރުގެ ޕްރޮމޯއަށް ތައްޔާރުކޮށްފައިވާ ލަވައެކެވެ. މިއީ ރިއާނާގެ އާންމު ޓާގެޓް އޯޑިއަންސްއަށް ތައްޔާރުކޮށް ނެރެފައިވާ ލަވައެއް ނޫނެވެ. ރިއާނާއަކީ ސްމާފެޓް ކެރެކްޓަރަށް އަޑު އަޅާވެސް އެކްޓަރެވެ. އެހެންވީމާ މި ކެރެކްޓަރަށް ބިނާކޮށް ލަވައެއް އުފެއްދުމަކީ އާ ކަމަކަށް ނުވާނެއެވެ.
ކޮންމެއަކަސް ލަވަ ރިލީޒް ކުރުމާއެކު ފޭނުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އެއް ބަޔަކު ތަރުހީބު ދެމުން އަންނައިރު އަނެއް ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ގިނަ ބައެއްގެ ފާޑުކިޔުން ރައްދުވެފައިވަނީ އޭނާގެ އަޑަށެވެ.
އެތައް ބަޔަކު ބުނަމުން އަންނަނީ ރިއާނާގެ އަޑު "ގެއްލިއްޖެ" ކަމަށެވެ. ކުރީގެ ހުރި ރިއާނާގެ ވަރުގަދަ އަޑު މިހާރު ނެތް ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ރިއާނާގެ އަޑު މިހާރު އެވަރަށް ފެންވަރު ރަނގަޅު ނޫން ކަމަށްވެސް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. ފަހަރުގައި މިއުޒިކާ މާ ދުރުގައި ހުރުމުން ކަމުގައި ވެދާނެ ކަމަށް ފޭނުން ބުނެއެވެ.
ރިއާނާ އެންމެ ފަހުން ލަވައެއް ނެރެފައިވަނީ 2022 ވަނަ އަހަރުގައެވެ. އެ ލަވައަކީ ވެސް އޭނާގެ އަމިއްލަ މިއުޒިކެއް ނޫނެވެ. އެ ފަހަރުވެސް ލަވައެއް ނެރެފައިވަނީ ފިލްމަކަށެވެ. އެގޮތުން އެ އަހަރު ނެރެނު "ލިފްޓް މީ އަޕް" އަކީ ޑިޒްނީގެ މާވެލް "ބްލެކް ޕެންތާ"ގެ ދެވަނަ ފިލްމަށް ކިޔާފައިވާ ލަވައެކެވެ. ރިއާނާގެ އަމިއްލަ މިއުޒިކެއް އާންމުންނަށް އެންމެފަހުން އިވިފައިވަނީ މީގެ ނުވަ ވަރަކަށް އަހަރު ކުރީންނެވެ.