ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރުމަށް އެކަމާ ގުޅޭގޮތުން, ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ފުލުހުން މިއަދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ފުލުހުންނާއި އެޗްޑީސީގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި މި ބައްދަލުވުމުގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރުމަށާއި ހުޅުމާލޭގެ ރައްޔިތުންނަށް ފުލުހުންނާއި އެޗްޑީސީ ގުޅިގެން ފަސޭހަ އަދި ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމަށް އިތުރަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވާރަކޮށްފައިވެއެވެ.

ފުލުހުންގެ އިސްވެރިންނާ އެޗްޑީސީގެ އިސްވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ހޯމް މިނިސްޓްރީ
މި ބައްދަލުވުމުގައި އެޗްޑީސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފައްޔާޒް މަންސޫރާއި ޗީފް ޕްލޭނިން އޮފިސަރު އަޙްމަދު ޒިނާފާއި ކޮމާޝަލް އެކްޓިން ޑިވިޝަން ހެޑް އަޙްމަދު އަސްލަމްގެ އިތުރުން ޑިރެކްޓާ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސޭލްސް އަޙްމަދު ރަބީއުއެވެ.
އޭގެއިތުރުން، މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީނުގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މޫސާ އަލީ ބައިވެރިވެވަޑައިގެންފައިވެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރުމަށް މަޝްވަރާކުރިއިރު، މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވާތީ، ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާ ގޮތަށް ޕޮލިސީއަށް ބަދަލު ގެނެސް، އެއަށް އަމަލުކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަސްތުވާތަކެތީގެ މައްސަލައާއި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރެވެ. އެ ސަރަހައްދުގައި ވަކި ޚާއްސަ ޕޮލިސް ޔުނިޓެއް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ.