އޭޕްރިލް މަހު އިމްޕޯޓް ޚަރަދު 4.7 ބިލިއަނުގައި، އެކްސްޕޯޓުން ލިބުނީ 292 މިލިއަން

ކަސްޓަމްސް ސަރަހައްދު: އޭޕްރިލްމަހު ރާއްޖެއަށް އެކްސްޕޯޓުކުރި މުދަލާއި އިމްޕޯޓުކުރި މުދާ ވަނީ އިތުރުވެފައި --- ސަން ފޮޓޯ/ޖަޒްލާން މުހައްމަދު

މިދިޔަ އޭޕްރިލް މަހު ރާއްޖެއަށް މުދާ އެތެރެކުރަން 4.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެކްސްޕޯޓް ކުރި މުދަލުން ލިބުނީ 292 މިލިއަން ރުފިޔާ ކަމަށް މޯލްޑިވަސް ކަސްޓަމްސް ސާވިސްއިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މާރިޗް މަހު ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 204 މިލިއަން ރުފިޔާގެ މުދާ ކަމަށްވާއިރު، މިދިޔަ މަހު އެކްސްޕޯޓުން ލިބުނު އާމްދަނީއަކީ 43 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް އިމްޕޯޓުކޮށްފައިވާ މުދަލަށް ބަލާއިރު އޭޕްރީލް މަހު ވަނީ ތެޔޮ ހިމެނޭހެން 4.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައެވެ. އަދި ތެޔޮ ނުހިމަނައި 3.8 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓުކޮށްފައެވެ. އެހެންކަމުން މާރިޗް މަހާ އަޅާބަލާއިރު އޭޕްރިލް މަހު އިމްޕޯޓު ކޮށްފައިވާ މުދަލުގެ އަގު ވަނީ 6.8 ޕަސެންޓު އިތުރުވެފައެވެ.

ކަސްޓަމްސްއަށް އާމްދަނީގެ ގޮތުގައި އޭޕްރިލްމަހު ވަނީ 379 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ މާރިޗު މަހުގެ އާމްދަނީގެ ގޮތުގައި ލިބުނު 350 މިލިއަން ރުފިޔާއާ އަޅައިބަލާއިރު 88 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މުދަލުގެ ތެރޭގައި ހިމެނެނީ:

  • ކާބޯތަކެއްޗާއި، ދުންފަތާއި އޫރުމަހާއި ބަނގުރާ
  • އިންޖީނު ތެލާއި އޭވިއޭޝަން ގޭސް
  • މެޝިނަރީއާއި މެކޭނިކަލް އަދި އިލެކްޓްރިކް ސާމާނު
  • ދަގަނޑުގެ ބާވަތްތައް
  • ކެމިކަލް ބާވަތްތައް

އޭޕްރިލްމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ:

  • އެކުވެރި އަރަބި އިމާރާތް: 1333 މިލިއަން ރުފިޔާގެ މުދާ (28 ޕަސެންޓު)
  • އިންޑިއާ: 735 މިލިއަން ރުފިޔާގެ މުދާ (16 ޕަސެންޓު)
  • ޗައިނާ: 472 މިލިއަން ރުފިޔާގެ މުދާ (10 ޕަސެންޓު)
  • ސިންގަޕޯ: 425 މިލިއަން ރުފިޔާގެ މުދާ (9 ޕަސެންޓު)
  • މެލޭޝިއާ: 261 މިލިއަން ރުފިޔާގެ މުދާ (6 ޕަސެންޓު)

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ދަރަނި ބޮޑުވެ، ޑޮލަރުގެ ތާށިކަން ދިމާވެފައިވާ މި ދަނޑިވަޅުގައި ސަރުކާރުން އަންނަނީ އިމްޕޯޓް މަދުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.

comment ކޮމެންޓް