ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ޒުވާނުން ހިމެނޭހެން އެކި އުމުރުގެ އެތައް ސަތޭކަ ބަޔަކާއެކު، އުރީދޫ ފަން ރަން ނިންމައިލައިފިއެވެ.
މިއަދު ހުޅުމާލޭގައި މި ދުވުން ކުރިއަށް ގެންދިޔައިރު، މިއީ ކޮންމެ އަހަރަކު ވެސް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ދުވުމުގެ އެންމެ ފޯރިގަދަ އެންމެ ބޮޑު އެއް ހަރަކާތެވެ.
މި ދުވުން ޚާއްސަ ވަނީ މި ދުވުމުގައި އެކި އުމުރުގެ މީހުންނަށް ޚާއްސަ މަޖާ ކަންކަން ހިމެނޭތީއެވެ. އޭގެ ތެރޭ ކުލަ ޖެހުމާއި، ފެންޖެހުމާއި، އެ ނޫން ވެސް އެކި ކަންކަން ހިމެނެއެވެ.

19 ޑިސެމްބަރު 2025: މި އަހަރުގެ އުރީދޫ ފަންރަންގެ ބައިވެރިންތަކެއް ކުލަޖެހުމުގައި. މި ދުވުން ޚާއްސަ ވަނީ ކުލަޖެހުމާއި، މަޖާ އެތައް ހަރަކާތެއް ހިމެނޭތީ -- ފޮޓޯ: އުރީދޫ
ކޮންމެ އަހަރެއްގެ އުރީދޫ ފަން ރަން ވެސް ފަށަނީ އުރީދޫގެ އިސްވެރިންނާއި، ދުވުމުގައި ބައިވެރިވާ ޚާއްސަ މެހުމާނުން ހިމެނޭ ސެލްފީއަކުންނެވެ. އެގޮތުން މި ދުވުން ފެށުމަށް، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ނެންގެވި ސެލްފީގައި، ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނާއި، ހޯމް ލޭންޑް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނާއި ސްޕޯޓްސް މިނިސްޓަރު އަލީ ރާފިއުގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯސް، އިބްރާހިމް ހިލްމީ ބައިވެެރިވެވަޑައިގަތެވެ.
ދުވުން ފެށުމުގެ ކުރިން ޒުންބާގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން މަކާއޯ ދޫނިތައް ގެންގުޅޭ ފަރާތްތަކުން އެ މީހުންގެ ދޫނިތައް ވެސް އުދުއްސައިލައިފައިވެއެވެ.

19 ޑިސެމްބަރު 2025: މި އަހަރުގެ އުރީދޫ ފަންރަންގެ ކުޑަ ކުދީންތަކެއް ކުލަޖެހުމުގައި. މި ދުވުން ޚާއްސަ ވަނީ ކުލަޖެހުމާއި، މަޖާ އެތައް ހަރަކާތެއް ހިމެނޭތީ -- ފޮޓޯ: އުރީދޫ
ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުން ފެށި މި ދުވުން ފޭސް އެކަކާއި ދޭއްގެ މަގުތަކުން ވެސް ކުރިއަށް ގެންދިޔައިރު، އެކި ހިސާބުތަކުން ކުލަޖެހުން އޮތެވެ. އަދި މި ފަހަރުގެ ދުވުމުގައި ވެސް އުރީދޫން ވަނީ އޮބްސްޓެކަލް ސްޓޭޝަންތައް ބަހައްޓައިފައެވެ. މި އޮބްސްޓެކަލް ސްޓޭޝަންތައް މަތިން ކުޑަކުދިންނާއި ޒުވާނުން ދިޔައިރު މިކަން ވީ ވަރަށް ގިނަ ބަޔަކަށް ވަރަށް ބޮޑު މަޖަލަކަށެވެ.
މީގެ ކުރިން އުރީދޫން ބުނި ގޮތުގައި އުރީދޫ ފަންރަން އަކީ ހަމައެކަނި ދުވުމެއް ނޫނެވެ. މިއީ މުޖުތަމައުގެ ދުޅަހެޔޮކަމާއި، އުފާވެރިކަން ދައްކުވައިދޭ ހަރަކާތެކެވެ. އަމާޒަކީ ވެސް އެންމެން އެއްތަނަކަށް އެއްކޮށް، ހަރަކާތްތެރި ދިރިއުޅުމަކަށް ހިތްވަރު ދިނުންކަމަށް ވެސް އުރިދޫއިން ވަނީ ބުނެފައެވެ.