ޑައިރެކްޓަރު ފާތިމަތު ނަހުލާ މިއަހަރު ނެރުމަށް ތައްޔާރުވަމުން އަންނަ ޑްރާމާ ފިލްމު "ސޮރީ" އަކީ މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމެވެ. ފިލްމު ޕްރޮމޯޝާން ފެށުނު ހިސާބުން ވެސް ބުނަމުން އަންނަނީ މި ފިލްމާއެކު ފޭނުން ވަރަށް ގަދައަށް ރޮއްވާލާނެ ކަމެވެ. ނަމަވެސް ކެމެރާ ފަހަތުގެ ހާލަތުވެސް ހުރީ އެކަހަލަ ގޮތަކަށް ކަން މިއޮތީ ހާމަވެފައެވެ.
އަންނަ މަހު އާންމުންނަށް ދައްކަން ފެށުމަށް ހަމަޖެހިފައިވާ ސޮރީ އަކީ ބެލުންތެރިން އެއްގޮތަކަށް ވެސް ހަނދާނުން ނެތިގެން ނުދާނެ ވަރުގެ ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން ނަހުލާ ދެއެވެ. މިއީ ބެލުންތެރިންގެ ހިތުގައި އަޅުވާލެވޭނެ ބޮޑު ޒަހަމެއް ކަމުގައިވެސް ފިލްމު ސިފަކޮށްފައިވެއެވެ.
މި ފިލްމުން ބެލުންތެރިން ރޮވޭނެ ކަމަށް ބުނާއިރު ކާސްޓުންގެ ހާލަކީވެސް އެއީއެވެ. ނަހުލާ ދާދިފަހުން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ސޮރީގެ ކެމެރާ ފަހަތުގެ މަންޒަރުތަކެއް ދައްކާލާފައިވެއެވެ. މި މަންޒަރުތަކުގައި ފެނިގެން ދަނީ ބައެއް ސީންތަކުން އެކްޓަރުން ވެސް ރޮއިރޮއި ހަލާކުވާ ތަނެވެ.
އަދި އެކި މަންޒަރުތަކުގައި އެކްޓަރުން ރޮއިފައިވާ މިންވަރު އެހެން އެކްޓަރުން ކިޔައިދެއެވެ. މިއިން އެއް މަންޒަރެއްގައި ފިލްމުގެ ލީޑް މަރިޔަމް އައްޒައަށް ރޮވިގެން ގޮސް ލޮލުންނާއި ނޭފަތުން ފެން އަންނަ ވަރު ވެފައިވެއެވެ.
ކޮންމެއަކަސް މި ތަރީންތައް ރޯ ސަބަބެއް އެނގިގެން ދާނީ އަންނަ މަހުގެ 17 އަށް ފަހުގައެވެ.
ފިލްމުގައި އައްޒަގެ އިތުރުން ދެން ފެނިގެންދާނީ ޔޫސުފް ޝަފީއުގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި ދޮށީ ދަރިފުޅު މަރިޔަމް އީނާޝް ސިނާންގެ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހު ވެސް ފެންނާނެއެވެ.
ސޮރީއަކީ ނަހުލާ ފިލްމު ޕްރޮޑިއުސް ކުރުމުން ބޮޑު ބްރޭކެއް ނެގުމަށް ފަހު އާ ފިލްމެއް އާންމުންނަށް ދޫކޮށްލާ ފުރަތަމަ ފަހަރެވެ. ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020އަށް ދެއްކިއެވެ.