'ކިންގް'އަށް ބޭނުންވި ރާނީ އެންމެ ފަހުން ޝާހު ހޯދައިފި

ބޮލީވުޑްފެ ފިލްމީ ތަރިން ކަމަށްވާ ޝާހްރުކް ޚާން އަދި ރާނީ މުކަރުޖީ--ފޮޓޯ/ފިލްމުފެއަ

ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް"އަށް ބޭނުންވާ ރާނީ އެކްޓަރު އެންމެފަހުން ހޯދައިފި ކަމަށާއި ފިލްމުގެ މަސައްކަތް މި އަހަރުގެ އޮކްޓޯބަރު ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު "ކިންގް"ގެ ރޯލަކަށް ބަތަލާ ރާނީ މުކަރުޖީ ސޮއިކޮށްފައިވާ ކަމަށް ބޮލީވުޑް ރިޕޯޓުތަކުން ބުނެފައިވާއިރު ރާނީ ފިލްމުގައި ކުޅޭނެ ކަމަށް ލަފާ ކުރެވެނީ ސުހާނާގެ މަންމަގެ ރޯލެވެ. ރާނީ އާއި ޝާހު 19 އަހަރަށްފަހު ސްކްރީނުން ފެންނަ ޚަބަރާ އެކު ޔަޝް ރާޖް އެރާގެ ޖާދޫ އަލުން އެނބުރި ސްކްރީންތަކަށް އަންނަނީ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

ޝާހު އާއި ރާނީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2006 ވަނަ އަހަރު ކަރަން ޖޯހަރު ގެނެސްދިން ފިލްމު "ކަބީ އަލްވިދަނާ ކެހެނާ"އިންނެވެ. ހަމައެއާއެކު ރާނީ ވަނީ މި ފިލްމުގެ ޓީމުގައި ހިމެނޭ ޑައިރެކްޓަރު ސިދާތު އާނަންދުއާ އެކު ވެސް މީގެކުރިން މަސައްކަތް ކޮށްފައެވެ.

ޝާހު އާއި އަންހެން ދަރިފުޅު ސުހާނާ ޚާން, އަދި ޝާހު ރާނީއާއެކު --ފޮޓޯ/ފިލްމުފެއާ

ސިދާތުގެ އަމިއްލަ ފިލްމު ކުންފުންޏާއި ޝާހުގެ ފިލްމު ޕްރޮޑަކްޝަން ކުންފުނި ރެޑް ޗިލީސް ގުޅިގެން ގެނެސްދޭ މި އެކްޝަން ތުރިލާގެ ކާސްޓަށް ރާނީ އިތުރުވިއިރު މި ފިލްމުން ފެންނާނެ ކަމަށް ބުނާ ތަރިންގެ ތެރޭ، ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން، އަނިލް ކަޕޫރު، އަބޭ ވަރުމާގެ އިތުރުން އަރުޝަދު ވަރްސީ ހިމެނެއެވެ.

މި ފިލްމުގެ މަސައްކަތް މި މަހުގެ ތެރޭ ފަށަން މީގެކުރިން ނިންމި ނަމަވެސް އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދުނު ނުތަނަވަސްކަމާ ގުޅިގެން ޝާހު ވަނީ ފިލްމުގެ މަސައްކަތް ފެށުން ލަސްކޮށްފައެވެ. ބޮލީވުޑް ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ މަސައްކަތް ފެށުމަށް މިހާރު ތާވަލު ކުރެވިފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހެވެ.

ބެލުންތެރިންގެ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ ފިލްމު "ކިންގް"އަކީ ވަރަށް ބޮޑު ހޭދައެއްކޮށްގެން އުފައްދާ ފިލްމެކެވެ.

comment ކޮމެންޓް