ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ ކަމަށާއި އަދިވެސް އެ ޚިދުމަތް ދިނުމުގައި ރަނގަޅުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 19ގައެވެ.
ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނީ އެސްޓީއޯއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ.
ރޭ ބޭއްވި އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، 11،500 މެޓްރިކް ޓަނުގެ ތެޔޮ މިހާތަނަށް ވިއްކައިގެން އެ ވިޔަފާރިން 124 މިލިއަން ރުފިޔާގެ އާމްދަނީ މިހާތަނަށް ލިބިފައިވާ ކަމަށެވެ.
ރޭ ބޭއްވި އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވާހަކަދައްކަވަނީ -- ފޮޓޯ/ އެސްޓީއޯ
އެގޮތުން، މި ފަހުން ރާއްޖެ އައި ދުނިޔޭގެ އެންމެ ބޮޑު އެއް ކްރޫޒްލައިނާއަށް ވެސް ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދީފައިވާނެ ކަމަށް ޝިމާދު ވިދާޅުވިއެވެ. ހަމައެކަނި އެ ކްރޫޒްލައިނާއަށް ވެސް 1،200 މެޓްރިކް ޓަނުގެ ތެޔޮ ވިއްކާފައިވާ ކަމަށް ޝިމާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް އެ މަޝްރޫއު ކާމިޔާބެވެ.
"[އެނގިގެންދަނީ] އަޅުގަނޑުމެންނަށް ބައިނަލްއަގްވާމީ ބޮޑެތި ޝިޕިން ލައިނާސްތަކުގެ އިތުބާރު ލިބިފައިވާކަން،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އަދިވެސް އެ ޚިދުމަތް ދިނުމުގައި ރަނގަޅުކުރަންޖެހޭ ނުވަތަ ބަދަލުތަކެއް ގެންނަންޖެހޭ ކަންތައްތައް އެބަހުރި ކަމަށް ޝިމާދު ވިދާޅުވިއެވެ. އެހެންނަމަވެސް، އެއީ ކޮންކަހަލަ ބަދަލުތަކެއް ކަމެއް އޭނާ ހާމައެއްނުކުރައްވައެވެ.
ބަންކަރިންގެ ޚިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާ ގުޅިގެންނެވެ.

ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ފެށުން: މިއީ އިގްތިޞާދަށް އިންގިލާބީ ބަދަލެއް ގެންނާނެ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ބުނޭ -- ސަން ފޮޓޯ/ މޫސާ ނަދީމް
ނޮވެންބަރު 13 ގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ބަންކަރިން ޚިދުމަތުން 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެ މުއްދަތުގައި ލިބުނުކަމަށް ވިދާޅުވެފައެވެ. ރާއްޖެއިން މި ޚިދުމަތް ފެށީ، މަޑުމަޑުން މި ޚިދުމަތް ތަރައްގީކޮށް 400 މިލިއަނެއްހައި ރުފިޔާގެ ފައިދާ ހޯދަންކަމަށް ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ބަންކަރިންނަށް ޚާއްސަކޮށްފައި އޮތް، އިހަވަންދިއްޕޮޅު ސަރަހައްދު ހިއްކައި، ތެޔޮ ރައްކާ ކުރެވޭނެ އިންތިޒާމާ އެއްކޮށް ބަނދަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ވެސް މިނިސްޓަރު ވަނީ ހާމަކުރައްވައިފައެވެ.
ބަންކަރިންގެ ޚިދުމަތްތަކަށް ކަސްޓަމަރުން ހޯދުމަށް 24 ގަޑިއިރުގެ ކޯލް ސެންޓަރެއް ވެސް ގާއިމްކޮށްފައިވެއެވެ.
އޮފްޝޯ ހިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިން ފެށިއިރު އެ ޚިދުމަތް ފޯރުކޮށްދިނުމަށް ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓެކެވެ. އެެއީ، 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާއެވެ. މި ދެ ބޯޓަކީ މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަޤްވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރް ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށްފައިވާ ބޯޓުފަހަރެވެ.
މި ދެ ބޯޓަކީ އެސްޓީއޯއާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ޚިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފައިވާ ދެ ބޯޓެވެ.