ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލަގްޒަރީ ރިސޯޓެއް އެއްކޮށް ތަރައްގީކުރުމަށް ބޭނުންވާނެ 'ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް ފައިނޭންސިން' މިއަދު ހަމަޖައްސައިފިއެވެ.
ބޭންކުން މިއަދު ބުނީ މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެގޮތުން 118 ކޮޓަރީގެ މި ފައިވް ސްޓާ ރިސޯޓަކީ ރާއްޖޭގެ މަތީ ފަންތީގެ ކުންފުންޏެއް ކަމަށްވާ އެލިއާ ގްރޫޕާއި، މިހާރުވެސް ރާއްޖޭގައި ނުވަ ރިސޯޓް ހިންގަމުން އަންނަ ބައިނަލްއަގުވާމީ ކުންފުންޏެއްކަމަށްވާ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޖޮއިންޓް ވެންޗާ، ސެންޓޯރިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑްއިން ތަރައްގީކުރާ ރިސޯޓެކެވެ.
އެކަމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ބީއެމްއެލް އިސްލާމިކްގެ ދަށުން ފައިނޭންސްކުރެވޭ ފުރަތަމަ ރިސޯޓް ޕްރޮޖެކްޓް އެކަނި ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިއީ ރާއްޖޭގައި ޝަރީއާ ހަމަތަކާ އެއްގޮތަށް މުޅިން ފައިނޭންސްކުރެވޭ ފުރަތަމަ އިސްލާމިކް ރިސޯޓް ފައިނޭންސިންގް ވެސްމެ. އަދި މިއީ ކޯޕަރޭޓް ސެކްޓާގައި އިސްލާމިކް ފައިނޭންސިން އިންސްޓްރޫމަންޓްތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް
ބޭންކުން ބުނީ މި ފެސިލިޓީއާއެކު ރާއްޖޭގެ މާލީ ދާއިރާގައި ބޭންކް އޮފް މޯލްޑިވްސްއިން އަދާކުރަމުން އަންނަ ދައުރު އިތުރަށް ހަރުދަނާވާނެ ކަމަށެވެ.