ކާޑެއްދޫ އެއާޕޯޓުގައި މިފަހުން ހުވަނީގެ އުނދަގޫ ބޮޑުވެފައިވީ ނަމަވެސް އެ އެއާޕޯޓުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގައި ހައްލަކަށް އެދިފައި ނުވާ ކަމަށާއި، ނަމަވެސް ސޯޝަލް މީޑިއާއިން މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައުމާއެކު، ހައްލުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފިއެވެ.
ކާޑެއްދޫ އެއާޕޯޓުގެ މެނޭޖުމަންޓުގައި މަސައްކަތްކުރާ އިސް އޮފިޝަލަކު 'ސަން'އަށް މީގެ ކުރިން ވިދާޅުވީ، އެއާޕޯޓުގެ އިތުރުން އަތޮޅުގެ އިތުރު އެހެން ރަށްރަށުގައި ވެސް ހުވަނި އަޅާފައިވާ ކަމަށެވެ. އެގޮތުން، އެއާޕޯޓުގައި އެންމެ ފުރަތަމަ އެޅީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށާއި އެފަހަރު ތިން ހަފުތާއެއްހާ ދުވަހުގެ މަސައްކަތުން ހުވަނި އެއްކޮށް ނައްތާލެވުނު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް މިހާރު އަނެއްކާ ވެސް ހުވަނީގެ އުނދަގޫ ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު މާރިޔާ -- ފޮޓޯ/ ރައީސް އޮފީސް
އެ މައްސަލައާ ގުޅިގެން އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނީ ކާޑެއްދޫ އެއާޕޯޓުގައި ހުވަނި ގިނަވެ، އެކަން ކޮންޓްރޯލުކުރުމަށް އެހީއަށް އެދި އެ މިނިސްޓްރީއަށް އެ އެއާޕޯޓުން ސިޓީއެއް ނުވަތަ މެއިލްއެއްވެސް ފޮނުވައިފައި ނުވާ ކަމަށެވެ. އެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައި ވަނީ ސޯޝަލްމީޑިއާގެ ޒަރީއާއިން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު ކަމާ ގުޅުންހުރި އިދާރާއިން އެ އެއާޕޯޓަށް ގުޅައި، އެތަނުގައި މީގެކުރިން އަމަލުކޮށްފައިވާ ގޮތް ބަލައި، އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުގެ މައުލޫމާތު ދީފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހުވަނި ކޮންޓްރޯލްކުރުމާ ބެހޭ ފަންނީ މައުލޫމާތު ކަރުދާސް އެ އެއާޕޯޓަށް މެއިލްކޮށްފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ހުވަނި ކޮންޓްރޯލް ކުރުމަކީ ރަށު ކައުންސިލްގެ ޒިންމާއެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެ މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށެވެ.
ހަމަ މިފަދައިން ސިނާއި މަސައްކަތްކުރާ ރަށްތަކުގައިވެސް ހުވަނި ކޮންޓްރޯލްކުރުމަށް އެ ރަށެއްގެ މެނޭޖްކުރައްވާ ފަރާތްތަކުން ދުރާލާ ތައްޔާރުވުން މުހިންމު. މިފަދަ ފަރާތްތަކަށް ވެސް ބޭނުންވާ ފަންނީ އެހީތެރިކަން މިވުޒާރާއިން ފޯރުކޮށްދޭނެ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ

ކާޑެއްދޫ އެއާޕޯޓުގެ ގަސްތަކުގައި ހުވަނި އަޅައިގެން ސައިބޯނި ފެން ޖަހަނީ --- ފޮޓޯ/ ހަބީބް
ކާޑެއްދޫ އެއާޕޯޓުގައި ހުވަނި ނައްތާލަން ގަސްތަކަށް ޖަހާފައިވަނީ ސައިބޯނި ފެނެވެ.
ރައްކާތެރި ދުރުމިނެއް ބަހައްޓައިގެން އެ މަސައްކަތް އެއާޕޯޓުގެ މީހުން ކުރަނީ، ކަމާ ގުޅޭ ތަޖުރިބާކާރުންގެ ލަފާގެ މަތިން ކަން އެއާޕޯޓުގެ އޮފިޝަލް ފާހަގަކުރެއްވިއެވެ. އަދި، ބިމަށް ހުވަނި ފޭބުމުން ޖަހަނީ މިނިސްޓްރީން ވެސް ދޭ ބޭސް ކަމަށް މައުލޫމާތު ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، ފަޔާ ލޮރީތައް ބޭނުންކޮށްގެން ސައިބޯނި ފެން ޖެހުމުން ހުވަނިތައް ބިމަށް ފޭބުމުން ކެމިކަލެއް ޖަހައިގެން ނައްތާލަނީއެވެ.
އެ ހުވަނިތައް ބިމަށް ފައިބައިގެން އެއްތަނަކަށް އެއްވާތީ، އެތަކެތި ނައްތާލަން ފަސޭހަ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުވަނީގެ ފަނި، ގަސްތަކުގެ ފަތްތައް ކެއުމުން ގަހަށް ގެއްލުން ލިބެއެވެ. އަދި ހުވަނީގެ ކެހެރި އިންސާނުންގެ ގައިގައި ޖެހުމުން އެ ތަނެއް ގަދައަށް ހިރުވާ، ކަހާ، ފިތްގަނޑު ނަގާ، ރަތްވެ ދުޅަވާގޮތް ވެސްވެއެވެ.
މިނިސްޓްރީއިން މިދިޔަ އަންގާރަ ދުވަހު އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ހުވަނީގެ މައްސަލައަކީ ރާއްޖޭއަށް ކޮންމެ އަހަރެއްގެ ވަކި މޫސުމެއްގައި ވަރަށް ބޮޑަށް ގިނަވާ އެއްޗެކެވެ.
ކާޑެއްދޫ އެއާޕޯޓް ހިންގަނީ ވިލާ އެއާއިންނެވެ. ނަމަވެސް އެއާޕޯޓުގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށްނުދާ ކަމަށާއި ވިލާ އެއާއިން އެއާޕޯޓާ ހަވާލުވި ފަހުން ޚިދުމަތުގެ ފެންވަރު ދަށްވެ، ވީރާނާވަމުންދާ ކަމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.
އެ މައްސަލައިގައި މަޖިލީހުގެ އިގްތިޞާދީ ކޮމިޓީގައި ފެބްރުއަރީ 18، 2025ގައި ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ ބޭނުންވަނީ އެ ކުންފުނިން ހިންގަމުން އަންނަ ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ކަމަށާއި ނަމަވެސް ސަރުކާރުން ބޭނުންވާނަމަ، ދެ ފަރާތަށް ވެސް ގެއްލުންނުވާ ފަދަ އެއްބަސްވުމެއްގެ ދަށުން އެއާޕޯޓް ދޫކުށްލަން ތައްޔާރުކަމަށެވެ.
ނަމަވެސް ކާޑެއްދޫ އެއާޕޯޓު ސަރުކާރާ ހަވާލުކުރަން ވިލާ ކުންފުނިން ހުށަހަޅާފައި ނެތް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ މިދިޔަ މެއި މަހުގެ ހަތް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.