ވިޔަފާރިތައް ދަށްވެ، 760 މިލިއަން ރުފިޔާގެ އެނގުމެއް

ބާޒާރުމަތީ މީހަކު ބިސް ކޭސްތަކެއް ހިފައިގެން: ވިޔަފާރިތައް ދަށްވެ، ވިޔަފާރީގެ އާމްދަނީން ނަގައި ޓެކުހުން 760 މިލިއަން ވަނީ ދަށްވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް ނުވަތަ ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކުހުން ދައުލަތަށް ލިބޭ އާމްދަނީން 760.1 މިލިއަން ރުފިޔާ ދަށަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން އެނގިއްޖެއެވެ.

މިދިޔަ ރޯދަމަހު ވެސް ވިޔަފާރިތައް ދަށްވެ، އާމްދަނީ ދަށްވާކަމުގެ ކަންބޮޑުވުން ބޮޑުވިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މި މަހުގެ 12ވަނަ ދުވަހާ ހަމައަށް ހިނގި ޚަރަދާއި އާމްދަނީގެ ތަފުސީލުތައް ހާމަކޮށްފައެވެ. އެ ތަފުސީލުތަކުގައި ވާގޮތުންވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކުހުގެ ގޮތުގައި މި އަހަރު މިހާތަނަށް ލިބިފައިވަނީ 2.1 ބިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރަށްވުރެ 760.1 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އެހެންވެ، ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ މި ވަނީ 26 އިންސައްތަ ދަށަށް ގޮސްފައެވެ.

އެކަމަކު، ފާހަގަކޮށްލެވޭ ގޮތުގައި ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާ ބަލާއިރު އިތުރުވެފައެވެ. އެ ގޮތުން، ޖީއެސްޓީގެ ގޮތުގައި މިހާތަނަށް 2.26 ބިލިއަން ރުފިޔާ ލިބިިފައިވާއިރު އެއީ މިދިޔަ އަހަރަށްވުރެ 107.2 މިލިއަން އިތުރު އަދަދެކެވެ.

https://sun.mv/203919

ޓީޖީއެސްޓީގެ ގޮތުގައި ވެސް މި އަހަރު 5.6 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ މިދިޔަ އަހަރަށްވުރެ 572.4 މިލިއަން އިތުރު އަދަދެކެވެ.

ޖީއެސްޓީން ލިބުނު އާމްދަނީ އިތުރުވިއިރު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ އަގު ވަނީ 6.16 އިންސައްތަ އުފުލިފައެވެ. މި އަހަރު ފެށުނުއިރު އިންފްލޭޝަން ހުރީ 4.80 އިންސައްތައިގައެވެ. އެއީ، ރިކޯޑު ބޮޑުވުމެކެވެ. ތަކެތީގެ އަގު ބޮޑުވުމަކީ ޖީއެސްޓީން ލިބޭ އާމްދަނީ އިތުރުވާ ސަބަބެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ފަހުން ބައެއް ޑިއުޓީތަކާއި ޓެކްސްތައް ބޮޑުކުރުމުގެ ސަބަބުން މި މުއްދަތުގައި ޖުމުލަ އާމްދަނީ ވަނީ އިތުރުވެފައެވެ. އެ ގޮތުން، މި އަހަރު މިހާތަނަށް 16.9 ބިލިއަންގެ އާމްދަނީ ލިބުނުއިރު އެއީ މިދިޔަ އަހަރަށްވުރެ 960 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މި ފަހުން އާމްދަނީ ދަށްވާކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ވިޔަފާރިވެރިން އަންނަނީ ފާޅުކުރަމުންނެވެ. އެ ގޮތުން، މީގެ ކުރީ ރޯދަމަސްތަކުގައި 30،000 ރުފިޔާގެ އާމްދަނީއެއް ދުވާލަކު ލިބުނު މާރުކޭޓު ގޮޅިތަކަށް މި ރޯދަމަހު ދުވާލަކު ލިބުނީ 4،000 އެއްހައި ރުފިޔާގެ އާމްދަނީއެއް ކަމަށް ބައެއް ވިޔަފާރިވެރިން މީގެ ކުރިން ބުނެފައިވެއެވެ.

ރައީސް މުއިއްޒާއި ފިނޭންސް މިނިސްޓަރު ޒަމީރު: ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކުހުގެ އާމްދަނީ ވަނީ ދަށްވެފައި -- ފޮޓޯ/ ރައީސް އޮފީސް

ވިޔަފާރީގެ އާމްދަނީއާއި މުދަލުން ނަގައި ޓެކްސް ދަށްވާ މައިގަނޑު އެއް ސަބަބަކީ އިގުތިސާދީ ހަރަކާތްތަކާއި ވިޔަފާރި ދަށްވުމެވެ. މަޝްރޫއުތައް ނުހިނގުމުގެ ސަބަބުން ވެސް ވިޔަފާރިތައް ދަށްވެ، މީހުންގެ އާމްދަނީއަށް އަސަރުކުރެއެވެ.

ފިނޭންސްގެ ހިސާބުތަކުން އެނގޭ ގޮތުގައި މަޝްރޫއުތަކަށް ކުރަނީ ވަރަށް ކުޑަކުޑަ ޚަރަދެކެވެ.

އެ ގޮތުން، މި އަހަރު މަޝްރޫއުތަކަށް ޚަރަދުކޮށްފައިވަނީ އެންމެ 1.5 ބިލިއަނެވެ. އެކަމަކު، މިދިޔަ އަހަރުގެ މި މުއްދަތުގައި 5.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެހެންވެ، މަޝްރޫއުތަކަށް ކުރި ޚަރަދުން 3.8 ބިލިއަން ރުފިޔާ މި ވަނީ ދަށްވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުން އަމިއްލަ ވިޔަފާރިވެރިންނަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދޭކަމުގެ ކަންބޮޑުވުން ވެސް އޮތީ ބޮޑުވެފައެވެ. މަޝްރޫއުތައް ހިންގާފައި ނުދީ ހުރި ފައިސާ މިދިޔަ ރޯދަމަހުގެ ކުރިން ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެ ފައިސާ މިހާތަނަށް ދޫކޮށްފައެއް ނުވެއެވެ.

މި ސަރުކާރުން ހަވާލުކުރި ގިނަ މަޝްރޫއުތައް ހިންގަން ހަވާލުކުރީ ސަރުކާރު ކުންފުނިތަކާއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ: މާލީ ކަންބޮޑުވުންތައް ބޮޑުވެ ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް އޮތީ 'ޖަންކް'ގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރު ކުންފުނިތަކަށް ގިނަ މަޝްރޫއުތައް ހަވާލުކުރަނީ ޚަރަދު ކުޑަކުރުމުގެ ގޮތުންނެވެ. އެކިއެކި ރިފޯމްތައް ގެނެސްގެން ޚަރަދު ކުޑަކުރަން ކުރިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށް، މަޝްރޫއުތައް ހިންގާ ގޮތަށް ބަދަލު ގެނެސްގެން ޚަރަދު ކުޑަކުރަން ނިންމީ ކަމަށް އެ މަނިކުފާނު މި މަހުގެ ތިންވަނަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ 15.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ، މިދިޔަ އަހަރަށްވުރެ 4.6 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެކަމަކު، ޚަރަދުން ބޮޑު ބައެއް ސަލާމަތްވީ މަޝްރޫއުތައް ނުހިންގާތީއެވެ. ރިކަރަންޓު ޚަރަދުން ކުޑަވީ 800 މިލިއަން ރުފިޔާއެވެ. ބާކީ ބައި ކުޑަވީ މަޝްރޫއުތައް ނުހިންގާތީއެވެ.

ވިޔަފާރީގެ އާމްދަނީން ނަގައި ޓެކުހާއި މުދަލުން ނަގައި ޓެކުހުން ދައުލަތަށް ލިބޭ އާމްދަނީ މިހާ ބޮޑަށް ދަށްވީ، މާލީ ދަތިތަކުގެ ސަބަބުން ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ދަށްކޮށްފައި އޮއްވައެވެ. އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީޒްއިން ވެސް ރާއްޖެއަށް ދީފައިވަނީ 'ޖަންކް' ރޭޓިންއެކެވެ. ފިޗުން 'ސީސީ' ރޭޓިންއެކެވެ. މޫޑީޒްއިން ދީފައިވަނީ 'ސީއޭއޭ2' ރޭޓިންއެކެވެ.

އެއީ، ދަރަނީގެ ކަންބޮޑުވުންތައް ބޮޑުވެ، އެކަށީގެންވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ތަންފީޒުކުރާތަން ނުފެންނާތީއެވެ. ދެ އެޖެންސީން ވެސް ވަނީ ރާއްޖޭގެ 'ޖަންކް' ރޭޓިން ދަމަހައްޓަން ނިންމައިފައެވެ.

https://sun.mv/206097

ދިވެހިރާއްޖެއިން މި އަހަރު 688 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ދަރަނި ދައްކަން ޖެހެއެވެ. އަންނަ އަހަރު ދަރަންޏަށް އެއް ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އެހެންވެ، އެ ދަރަނިތައް ވަގުތުގައި އަދައިނުކުރެވިދާނެކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ.

އެކަމަކު، އެކަށީގެންވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ތަންފީޒުވާތަން ނުފެނުނު ނަމަވެސް ދަރަނި އަދައިކުރުމުގައި ދަތިތަކެއް ދިމާނުވާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. ރާއްޖެ ބަނގުރޫޓުނުވެ، ސަލާމަތްކުރުމަކީ ރައީސްގެ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

މި އަހަރުގެ ބަޖެޓުގައި ވެސް ސަރުކާރުން 7.7 ބިލިއަން ރުފިޔާގެ މާލީ އިސްލާހީ ފިޔަވަޅުތައް ހިމެނިއެވެ. އެކަމަކު، އެ އިސްލާހުތައް ތަންފީޒުކުރެވޭ ތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި މަޝްރޫއުތައް ހިންގާ ގޮތް ބަދަލުކޮށްގެން ޚަރަދު ކުޑަކުރަން ނިންމިކަމަށް ރައީސް ވިދާޅުވީ ނޫސްވެރިން އެ ސުވާލުކުރުމުންނެވެ.

ރާއްޖޭގެ މާލީ ހާލަތާ ގުޅިގެން ބޭރުގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ.

comment ކޮމެންޓް