ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ތެލުގެ އައު ޝިޕްމަންޓެއް ރާއްޖެ ގެނެސްފިއެވެ.
މިދިޔަ ފެބްރުވަރީ މަހު އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ފެށި ހަނގުރާމައާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ތެލުގެ ސަޕްލައިއަށް ބުރޫއަރައި، އަގުތައް ވަނީ އުފުލިފައެވެ.
އެހެންވެ، ދުނިޔޭގެ 85އަށް ވުރެ ގިނަ ގައުމުތަކުގައި ތެލުގެ އަގު ބޮޑުވިއިރު، ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު ދިހަ ގައުމުގެ ތެރޭ ރާއްޖެ ހިމެނެއެވެ. މި ދަނޑިވަޅުގައި އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ އެފްއެސްއެމުން ވަނީ، އެ ކުންފުނިން ވިއްކާ ތެލުގެ އަގު 18 އިންސައްތަ އާއި 26 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައެވެ.
އެގޮތުން ބައެއް ރަށްރަށުގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ބޮޑުވެފައެވެ.
އެސްޓީއޯއިން މިއަދު ބުނީ، ރާއްޖެއަށް އެތެރެކުރާ ތެލުގެ ދަތިކަން މިވަގުތަށް ނެތް ކަމަށެވެ. ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައިވިޔަސް ތެލުގެ އައު ޝިޕްމަންޓެއް ލިބިފައިވާ ކަމަށާއި، އިތުރު ޝިޕްމަންޓެއް ރާއްޖެ އައުމުގެ މަގުމަތީގައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ތެލުގެ އިތުރުން ގޭހުގެ އިތުރު ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށްވެސް، އެސްޓީއޯއިން މައުލޫމާތުދެއެވެ.
ހަނގުރާމަ ފެށުނުތާ ހަތަރު ދުވަސްފަހުން، މި މަހުގެ ތިން ވަނަ ދުވަހު އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވަނީ އެ ހަނގުރާމައާ ގުޅިގެން ރާއްޖެ ތެލާއި ގޭހަށް ނުޖެހޭނެ ކަމަށާއި މެދުކެނޑުމެއްނެތި ރާއްޖެއަށް ކާޑު ވެސް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
އޭގެ ފަހުން ތެލުގެ އަގު އުފުލިފައިވާއިރު، އެކަން ހައްލުކުރުމަށް، ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ޚަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން ސަރުކާރުން ވަނީ ނިންމައިފައެވެ. އަދި ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް އިންޑިއާގެ އެހީއަށް ސަރުކާރުން ވަނީ އެދިފައެވެ.
ހަނގުރާމަ ކުރިއަށްދާނަމަ، ރާއްޖެއަށް ކުރާ އިގުތިޞާދީ އަސަރު ވަރަށް ބޮޑުވާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެ، ތެޔޮ ރައްކާކުރުމުގެ ގޮތުން އެކި ގަޑީގައި ކަރަންޓު ކަނޑައި އެއްގަމު އުޅަނދު ދުއްވުން މަދުކުރުން ފަދަ ފިޔަވަޅުތައް އަޅަން ގޮވާލައްވައިފައެވެ.