ދިވެހީންނަށް ގިނައިން ދަރިން ހޯދޭނީ ފައިސާގެ އެހީ ދޭނަމަ: ދިރާސާ

ކުޑަދިންތަކެއް: ގައުމީ ޔުނިވާސިޓީން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ދަރިން ގިނައިން ހޯދޭނީ ފައިސާގެ އެހީ ދިނުމުން ކަމަށް ގިނަ ބަޔަކު ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރިން ގިނައިން ހޯދަން ބާރު އެޅޭނެ އެއްގޮތަކީ، ގިނަ ދަރިން ތިބޭ މީހުންނަށް ދައުލަތުން ފައިސާގެ އެހީ ދިނުން ކަމަށް، ދަރިން ހޯދާ މިންވަރު މަދުވާ ސަބަބު ދެނެގަންނަން ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި، ޔޫއެންއެފްޕީއޭ ގުޅިގެން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.

ރާއްޖޭގައި ދަރީން ހޯދާ މިންވަރު ދަށީ ކީއްވެތޯއާއި އެ ކަމާ ގުޅިފައިވާ ކަންކަން ދެނެގަތުމަށް ކުރިއަށް ގެންދިޔަ ދިރާސާއިން ދެނެގަނެވުނު ކަންކަން ގައުމީ ޔުނިވާސިޓީން ބުރާސްފަތި ދުވަހު ވަނީ ހާމަކޮށްފައެވެެ.

އެ ދިރާސާއިން ދެއްކި ގޮތުގައި ރާއްޖޭގައި ދަރިން ހޯދުން މަދުވާ އެންމެ މައިގަނޑު ދެ ސަބަބަކީ މާލީ ދަތިކަމާއި ބޯހިޔާވަހިކަމުގެ ދަތިކަމެވެ.

https://sun.mv/206111

ތަފުސީލީ ގޮތެއްގައި އެކި ކަންކަމަށް އެ ދިރާސާގައި އަލިއަޅުވައިލައިފައިވާއިރު، ގިނަ ދަރިން ހޯދަން ހިތްވަރު ދެވޭނެ ނުވަތަ މަގުފަހިކުރެވޭނެ ގޮތްތައް ދިރާސާގެ ބައިވެރިންގާތު އަހައިފައިވެއެވެ.

އެގޮތުން އެންމެ ގިނަ ބަޔަކު ބުނެފައިވަނީ ގިނަ ދަރިން ހޯދުމަށް 'ހިތްވަރު' ލިބޭނެ އެއް ކަމަކީ ފައިސާގެ އެހީ ދިނުން ކަމަށެވެ.

ދަރިން ހޯދަން ހިތްވަރު ދިނުމުގެ ގޮތުން، ހޯދާ ކޮންމެ ކުއްޖަކަށް ވަކި އެލަވަންސެއް ދިނުމަކީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ކޮށް އުޅޭ ކަމެކެވެ.

ދެވަނައަށް، ދިވެހީންނަށް މިހާރަށްވުރެ ޖާގަ ތަނަވަސް ގެދޮރު ނުވަތަ ބޯހިޔާވަހިކަން ލިބުމާއި، ތިންވަނައަށް ހިލޭ ނުވަތަ ހެޔޮ އަގުގައި ބޯހިޔާވަހިކަން ލިބުމަކީ އިތުރު ދަރިން ހޯދާނެ ސަބަބެއް ކަމަށް ދިރާސާއިން ދައްކައެވެ.

މީގެ އިތުރުން ކުޑަކުދިން ބަލައިދޭ ތަންތަނުން ހިލޭ ޚިދުމަތްތައް ލިބޭ ގޮތަކަށް ހުރުމާއި، ޓެކްސްތަކުން ޑިސްކައުންޓް ދިނުމަކީ ވެސް ބައެއް މީހުން ބުނި ގޮތުގަައި ގިނަ ދަރިން ހޯދަން ބާރު އެޅުވޭނެ ގޮތެކެވެ.

ގިނަ އަދަދެއްގެ މީހުން ސެންޓްރަލް ޕާކަށް އެއްވެފައި: ދަރިން ގިނައިން ހޯދުމަށް ހިތްވަރު ދިނުމަށް ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި ފައިސާގެ އެހީ ދިނުން ހިމެނޭ ކަމަށް ދިރާސާގައި ބައެއް މީހުން ބުނެފައިވޭ --- ފޮޓޯ/ ރައީސް އޮފީސް

މި ދިރާސާގައި ބައިވެރިވި، ސިޔާސަތުތައް އެކުލަވައިލާ ބޭފުޅުންގެ ފޯކަސް ގްރޫޕުން ވަނީ ސިޔާސަތު އެކުލަވައިލުމުގެ މަރުހަލާގައި ފާހަގަވާ މުހިންމު މައްސަލަތައް ހާމަކޮށްފައެވެ. އެ ބޭފުޅުންގެ ފަރާތުން އެނގުނު ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ގައުމީ ދަރިމައިވުމުގެ ސިިޔާސަތެއް ނެތުން
  • ޑޭކެއާ، ވަޒީފާގެ މާހައުލުގެ ސިޔާސަތުތައް ބިނާވެފައިހުރީ ދަރިން ހޯދުން އިތުރުކުރުމުގެ ލަނޑުދަނޑިއާ ދިމާނުވާހެންކަން
  • ދައުލަތުގެ ވުޒާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގައި ހުރި ދަތީގެ ސަބަބުން އެންމެ ރަނގަޅު ސިޔާސަތެއް އެކުލަވައިލަން ހުރަސް އެޅޭކަން
  • ޒުވާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލު އެނގުނު ނަމަވެސް އެ ކަމަށް ސިޔާސަތުތައް ބިނާކުރުމުގައި އެކަށީގެންވާ އިޖާބައެއް ނުދެވުން

ދިރާސާގެ ބައިވެރިއަކު ބުނި ގޮތުގައި ވަޒީފާއަށް ހޮވާ އިންޓަވިއުތަކުގައި އަދިވެސް، އެ މީހަކު 'ކައިވެނިކޮށްގެން ހުރިތޯ، ނުވަތަ ދަރިން ތިބިތޯ' އެހުމަކީ ވަރަށް އާންމު ކަމެކެވެ.

"ވަޒީފާދޭ މީހުން ހީކުރަނީ ކައިވެނިކޮށްގެން ތިބޭ އަންހެނުންނަކީ ފްލެކްސިބަލް ބަޔަކަށް ނުވާނޭ. އެހެންވެ ކައިވެނިކޮށްގެން ތިބޭ އަންހެނުން ގިނަ ފަހަރު ވަޒީފާތަކަށް ނެގުމުން ދުރުވޭ،" ރިސާޗަށް މައުލޫމާތު ދިން ބައިވެރިއަކު ބުންޏެެވެ.

މީގެ އިތުރުން މާބަނޑު އަންހެނުންނަށް ނުވަތަ އަލަށް މައިންނަށްވާ އަންހެނުންނަށް އިހުސާސްކުރެވިފައި އޮންނަނީ އެ މީހުންގެ ގާބިލްކަން ދައްކަން އިތުރަށް މަސައްކަަތް ކުރަންޖެހޭކަން ކަމަށް ވެސް ދިރާސާގައިވެއެވެ.

އެ ނޫން ވެސް މިފަދަ ކަންބޮޑުވުންތައް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

ތަންފީޒުކުރުން މުހިންމު ކަމަށް ހުށަހަޅާ ސިޔާސަތުތައް

  • ދެ ކުދިންނަށްވުރެ ގިނައިން ތިބޭ އާއިލާތަކަށް ބޯހިޔާވަހިކަމުގެ ރަނގަޅު ފުރުސަތުތައް ފަހިކުރުން
  • ދައުލަތުން ސަބްސިޑީ ދީގެން ޚަރަދުކުރާ ޑޭކެއާ ސެންޓަރުތައް އާންމު އޮފީސްތައް ކައިރީ ހިންގުން
  • މަސައްކަތް ކުރުމަށް ލުއި ލިބޭ ގޮތަށް ފްލެކްސިބަލް ސިޔާސަތުތައް ތަންފީޒުކުރުން
  • ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގައި މަންމައާއި ބައްޕައަށް އެކީ ޗުއްޓީ ލިބޭހެން ހެދުމާއި، ބައްޕައިންގެ ބައިވެރިވުން އިތުރުކުރުން

މި ދިރާސާގައި ޖުމްލަ ގޮތެއްގައިވަނީ ދަރިން ހޯދާ ނިސްބަތް މަދުވުމަކީ ފެންނަންހުރި ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް، އެކި ދާއިރާތަކުން އިޖާބަދޭންޖެހޭ ކަމެއް ކަމަށް ބުނެފައެވެ.

އިގްތިޞާދީ، ސަގާފީ، އަދި ސިއްހީ ގޮތުން ކުރިމަތިވާ ހުރަސްތަކަކީ އާއިލާއެއް ބިނާކުރުމުގައި ނުފޫޒު ފޯރާ ކަންކަން ކަމަށާއި، އާއިލާތައް ބާރުވެރިކުރުވޭ ފަދަ ސިޔާސަތުތަކާއި ސިއްހީ ރަނގަޅު ނިޒާމެއް މުހިންމު ކަމަށް ވެސް ދިރާސާގައި ވަނީ ބުނެފައެވެ.

ހަމައެއާއެކު މުސްތަގްބަލުގައި އަޅާ ފިޔަވަޅުތަކަކީ ގައުމީ ވިސްނުމާއި، ޒުވާނުންގެ ހުވަފެންތަކާއި، އާބާދީއަށް ބޭނުންވާ މުހިންމު ކަންކަމާ ދިމާވާ ފިޔަވަޅުތަކަށް ހެދުން މުހިންމު ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް