ދަރަވަންދޫ އީދު މަސްރޭސް، އެއްވަނަ ޓީމަށް 15،000 ރުފިޔާ

ބ. ދަރަވަންދޫ --

ބ. ދަރަވަންދޫ މަގޭ އީދު 1446ގައި ކުރިއަށްގެންދާ، "ހަނީބަނީ މަސްރޭސް 1446"ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.

ދަރަވަންދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، މި މުބާރާތް އޮންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހު 02:30 އިން ފެށިގެން 21:30އާ ހަމައަށް ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް މި މަހުގެ 31ވަނަ ދުވަހުގެ 23:59ގެ ކުރިން ފޯމު ހުށަހެޅުމަށް ވެސް ވަނީ އެދިފައެވެ.

މި މުބާރާތަކީ އެ ރަށު ހަނީބަނީ ރެސްޓޯރަންޓުގެ އެހީތެރިކަމައެކު ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގެ މަގުސަދަކީ ރަށަށް ޒިޔާރާތްކުރާ މީހުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މަސްވެރިކަމަށް ލޯބި ޖެއްސުމެވެ.

މުބާތާރުގެ ގަވާއިދު:

  • ބައިވެރިވާ ކޮންމެ ޓީމެއްގައި މަދުވެގެން ހަތަރު މެމްބަރުން ތިބެން ޖެހޭނެ
  • މި މުބާރާތުގައި ދެ ޖިންސުގެ މީހުންނާއި ކުދިންނަށް ބައިވެރި ވެވޭނެ 16 އަހަރުން ދަށުގެ ކުދިން ބައިވެރިވާނަމަ، އެ ކުއްޖަކާ ހަވާލުވެގެން ހުންނަ މީހަކު ކައުންސިލަށް އަންގަން ޖެހޭނެ
  • ކޮންމެ އުޅަނދަކަށް އޮފިޝަލަކު އިންތިޒާމުކުރާ ފަރާތުން އަރުވަން ޖެހޭނެ
  • ކޮންމެ ޓީމަކަށް ނަމެއް އޮންނަން ވާނެ
  • ކޮންމެ ޓީމެއް ވެސް ތިބެންވާނީ އެ ޓީމަކަށް ޚާއްސަ ޓީޝާޓެއްގައި
  • ޓީމު ލިސްޓު ހުށަހަޅާއިރު، މެމްބަރުންގެ ނަން އެނގެން އޮންނަން ވާނެ
  • މަސްރޭހުގައި ބައިވެރިކުރާ އުޅަނދާއި އާލާތްތައް ހަމަޖައްސާނީ ޓީމުގެ ފަރާތުން

މި މުބާރާތުގެ އެއްވަނަ ޓީމަށް ހުށަހަޅާފައިވާ އިނާމަކީ 15000 ރުފިޔާއެވެ. ދެވަނަ ޓީމަށް 8,000 ރުފިޔާ އަދި ތިންވަނަ ޓީމަށް 5000 ވަނީ ހުށަހަޅާފައެވެ. އެންމެ ބަރު މަސް ބާނާ ފަރާތަކަށް 2000 ރުފިޔާ ހުށަހަޅާފައި ވެއެވެ.

ދަރަވަންދޫން މިއަހަރު ފާހަގަ ކުރަނީ ދަރަވަންދޫއަށް ޒިޔާރާތް ކުރުމުގެ އަހަރުގެ ގޮތުގައެވެ. އެގޮތުން އީދު ފާހަގަކުރުމަށް ވެސް ފޯރިގަދަ ހަރަކާތްތަކެއް އެރަށުގައި ވަނީ ރާވާފައެވެ.

comment ކޮމެންޓް