ޔޫރަޕްގެ ފްރާންސް އަދި ބެލްޖިއަމްގެ އަވަށްތަކުގައި ދިރިއުޅޭ މީހުންނަށް ހިލޭ ކުކުޅު ދޭން ފަށާފައި ވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ.
ފަރަންސޭސިވިލާތުގެ އުތުރު އިރުމަތީގެ އަވަށެއް ކަމަށްވާ ކޮލްމާރުގައި ދިރިއުޅޭ މީހުންނަށް މިކަން ތަޢާރަފްކޮށްފައި ވަނީ އެ އަވަށުގެ ކުނި ކަލެކްޝަން ޑިޕާޓްމަންޓުންނެވެ. އެ ޑިޕާޓްމަންޓުން އަޖުމަ ބެލުމުގެ ގޮތުން ތައާރަފްކުރި ކުކުޅު ހިލޭ ބެހުމުގެ މި ސްކީމްގެ މަގްސަދަކީ ކާބޯތަކެތި ބޭނުންކުރުމަށްފަހު އުކާލެވޭ ކުނީގެ މިންވަރު މަދުކުރުމެވެ.
ކޮލްމާރު އަވަށުގެ ރައީސްގެ މަގާމުގައި 2015 ވަނަ އަހަރު ހުރި ރައީސް ގިލްބާޓް މި ސްކީމް ފަށާފައި ވަނީ "ކޮންމެ އާއިލާއަކަށް، އެއް ކުކުޅު މި ޝިއާރުގެ ދަށުންނެވެ.

ހިލޭ ކުކުޅު ގެންގުޅުމުގެ ހާއްސަ ސްކީމްގެ ސަބަބުން ފްރާންސްގެ މި އަވަށުގައި ކާ ކުނި ނައްތާލުމަށް ވަރަށް ބޮޑު އެހީއަކަށް ވަނީ ވެފައި--ފޮޓޯ/ބީބީސީ
މި ސްކީމް ތައާރަފް ކުރުމަށްފަހު ޖެހިގެން އައި އަހަރުން ފެށިގެން މިއަދާ ހަމައަށް މިސްކީމް ކުރިއަށްގެންދަނީ ކޮލްމާރު އަވަށު ކައިރީގައި ހުންނަ ކުކުޅުތައް ގެންގުޅޭ ފާމަކާ ގުޅިގެންނެވެ.
މި އަވަށުގެ މީހުން ގެންގުޅެން ދެވޭ ހިލޭ ކުކުޅުގެ ސަބަބުން އެ މީހުންނަށް ކޮންމެ ދުވަހެއްގެ ވެސް ކެއުމުގައި ބޭނުންކުރާނެ ބިސް ހިލޭ ލިބޭނެ މަގުފަހިވެފައި އޮތުމަކީ މިކަމުން އެމީހުންނަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް ކަމަށް އެ އަވަށުގެ ރައީސް ވަނީ ބުނެފައެވެ.
މި ސްކީމުން ލިބޭ ފައިދާތައް ފަހުމުވުމާ އެކު ކޮލްމާރުގައި ދިރިއުޅޭ 200އަށް ވުރެ ގިނަ ގޭބިސީތަކުން ވަނީ އެތަނުގެ މުނިސިޕަލްޓީގައި ރަޖިސްޓްރީ ކުރުމަށްފަހު ގޭގައި ގެންގުޅޭނެ ދެ ކުކުޅު ހިލޭ ހޯދާފައެވެ.

ފްރާންސްގެ ކޮލްމާރުގެ ގޭބިސީއެއްގައި ގެންގުޅޭ ކުކުޅުތައް އަޅާފައިވާ ބިސްތަކެއް--ފޮޓޯ/ބީބީސީ
ކޮލްމާރުގެ ކުނި ކަލެކްޝަން ޑިޕާޓްމަންޓުން ކޮލްމާރުގެ ގޭބިސީތަކުގެ ވެރިންނަށް ކުކުޅު ހިލޭ ދީފައި ވަނީ އެކަމަށް ހާއްސަ އެއްބަސްވުމެއްގައި ވެސް ސޮއިކުރުމަށްފަހުއެވެ. މި އެއްބަސްވުމުގައި ބުނެފައިވާ ގޮތުގައި ހިލޭ ދެވޭ ކުކުޅާ އެކު ކުކުޅު ދިރިއުޅޭނެ ގެއެއް އެ ގޭބިސީތަކަށް ފޯރުކޮށެއް ނުދޭނެއެވެ.
ކުކުޅުތައް ދިރިއުޅޭނެ ތަނެއް އިމާރާތް ކުރުން ނުވަތަ ގަތުމަކީ ގޭބިސީތަކުގެ ވެރިންގެ ޒިންމާއެއް ކަމަށާއި ކުކުޅު ދިރިއުޅުމަށް ތައްޔާރުކުރާ ގޭގޭ ބޮޑު މިނުގައި 86 އަކަފޫޓާއި 108 އަކަފޫޓާ ދެމެދުގެ ޖާގައެއް ހުންނަން ޖެހޭނެ ކަމަށް މި އެއްބަސްވުމުގައި ވަނީ ބުނެފައެވެ. އޭގެ އެންމެ ބޮޑު އެއް ބޭނުމަކީ މިނިވަންކަމާ އެކު ކުކުޅަށް ބިސް އެޅުމުގެ ފުރުސަތު ދިނުން ކަމަށް މި އެއްބަސްވުމުގައި ވަނީ ފާހަގަކޮށްފައެވެ.
މިއަދާ ހަމައަށް ފްރާންސާއި ބެލްޖިއަމްގެ އަވަށްތަކުގެ މީހުންނަށް ހިލޭ ދެވުނު ކުކުޅުގެ އަދަދު 5،282އަށް އަރާފައިވާއިރު ކުރިއަށް އޮތް ޖޫން މަހުގެ ނިޔަލަށް ކުކުޅު ހިލޭ ބެހުމުގެ އިތުރު ބުރެއް ބާއްވަން ރާވާފައިވާ ކަމަށް ކޮލްމާރުގެ ރައީސާ ހަވާލާދީ ބީބީސީއިން ވަނީ ބުނެފައެވެ.
މިގޮތަށް ގޭބިސީތަކަށް ހިލޭ ކުކުޅު ބެހުމުގެ ޕްރޮގްރާމެއް ތައާރަފްކުރެވުމާ އެކު އެ އަވަށްތަކުގެ މީހުންނަށް އަގަކާއި ނުލައި ހިލޭ ބިސް ލިބުމުގެ އިތުރުން ގޭގައި ހުންނަ ކުނި ބޭނުންތެރި ގޮތުގައި ނައްތާލުމަށް މަގުފަހިވެފައިވާ ކަމަށް ބީބީސީއިން ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފައެވެ. ސަބަބަކީ ގޭބިސީތަކުން ކެއުމުގައި ބޭނުންކުރުމަށްފަހު އުކާލާ ގިނަ ކުނިތައް ގޭގައި ގެންގުޅޭ ކުކުޅުތަކަށް ކާނާގެ ގޮތުގައި ދޭން ފަށާފައިވާތީއެވެ.
އާއްމުކޮށް ކުކުޅެއްގެ އުމުރަކީ ހަތަރު އަހަރު ކަމަށް ވާއިރު ދުވާލެއްގެ މައްޗަށް ކޮލްމާރުގައި ގެންގުޅޭ ކުކުޅުތަކަށް ކާނާގެ ގޮތުގައި ދެވޭ ކާ ކުނީގެ މިންވަރަކީ 150ގުރާމެވެ. އެހެންކަމުން 2015 ވަނަ އަހަރުން ފެށިގެން ބެލި ނަމަވެސް މިހާތަނަށް 273.35 ޓަނުގެ ބައޯ-ވޭސްޓް ގުދުރަތީ ގޮތުން ނައްތާލެވިފައިވާ ކަމަށް ކޮލްމާރުގެ މިހާރުގެ ރައީސް އެރިކް ސްޓްރޯމަން ވަނީ ބުނެފައެވެ.
ޖޯކަކަށް ހަދައިގެން ފްރާންސްގެ އަވަށެއްގައި ފެށި މި ހަރަކާތަކީ ހަގީގަތުގައި ވެސް ފައިދާހުރި ހަރަކާތަކަށްވުމާ ގުޅިގެން ބެލްޖިއަމްގެ ބައެއް ސިޓީތަކާއި ޕްރޮވިންސްތަކުގެ 2،500އަށް ވުރެ ގިނަ އާއިލާއިން އަހަރެއްގެތެރޭ ގިނަ އަދަދަކަށް ވަނީ ކުކުޅު ގެންގުޅެން ފަށާފައެވެ.