ދުނިޔޭގެ އެންމެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ސެމްސަން އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ފޮޓޯއިން ވީޑިއޯ އުފެއްދޭ އައު ފީޗަރެއް ތަރައްޤީކުރަމުންދާ ކަމަށް ޓެކް ރިޕޯޓުތަކުން ދައްކައިފިއެވެ.
ޓެކްނޮލޮޖީ ދާއިރާގެ ލީކަރެއް ކަމަށްވާ ޕަންޑާފްލޭޝް އިން ހާމަކުރި ގޮތުގައި، މި އައު ފީޗާއަކީ ފޯނުގެ ގެލަރީގައި ހުންނަ ކޮންމެ ފޮޓޯއެއް ވެސް "ސިކުންތު ތަކެއްގެ" ދިގުމިނުގެ ވީޑިއޯއަކަށް ބަދަލުކުރެވޭނެ ފީޗަރެކެވެ.
މި ފީޗަރާ ބެހޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ ސެމްސަންގެ ގެލެކްސީ އޭއައި ފީޗަރުތަކުގެ ތެރެއިން އެއް ފީޗަރު ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި ނެރޭނެ ކަމަށް ބެލެވޭ ވަން ޔޫއައި 8.0 އޮޕަރޭޓިން ސިސްޓަމް (އޯއެސް) އަޕްޑޭޓާއެކު މި ފީޗަރު ތައާރަފުކުރެވިދާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
މި ފީޗަރު ތަރައްޤީކުރުމުގައި ސެމްސަންއިން ގޫގުލްގެ ވެއޯ-2 މޮޑެލް ބޭނުންކޮށްފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ރިޕޯޓުތަކުން ދައްކައެވެ.
މި ރިޕޯޓު ނެރުނު ތާރީޚުގެ ދުވަސްކޮޅެއް ކުރިން، އޮނާ 400 ސީރީޒްގައި ފޮޓޯއިން ފަސް ސިކުންތުގެ ވީޑިއޯ އުފެއްދޭނެ ފީޗަރެއް ހިމެނޭނެ ކަމަށް އެ ކުންފުނިން އިއުލާނުކޮށްފައިވެއެވެ. އަދި ޓިކްޓޮކް އިން ވެސް "އޭއައި އަލައިވް" ގެ ނަމުގައި މިފަދަ ފީޗަރެއް ތައާރަފުކޮށްފައިވެއެވެ.
ނަމަވެސް މި ފީޗަރުތަކަކީ ހަމައެކަނި ފޮޓޯ އެނިމޭޓްކޮށްދޭ ފީޗަރުތަކެއް ކަމަށާއި، އަސްލު ފޮޓޯއަށް ބަލައިގެން އުފެއްދުންތެރި އަދި އާ ވީޑިއޯތަކެއް އުފައްދާ ފީޗަރުތަކެއް ނޫން ކަމަށް ވެސް ރިޕޯޓުތަކުން ދައްކައެވެ.
އޮނާ އިން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ އޭއައި ފީޗަރު ރަން ކުރާނީ ގޫގުލްގެ ވެއޯ-2 ވީޑިއޯ ޖެނެރޭޝަން މޮޑެލުންނެވެ. ސެމްސަން އިން ވެސް ފޮޓޯއިން ވީޑިއޯ އުފެއްދުމުގެ ފީޗަރަށް މި މޮޑެލް ބޭނުންކުރުމަކީ އެކަށީގެންވާ ކަމެކެވެ. މިދިޔަ އަހަރު ސެމްސަން އިން ގޫގުލްއާއެކު ގެލެކްސީ އެސް 24 ސީރީޒްގައި "ސާކަލް ޓު ސާޗް" ފީޗަރު ތައާރަފުކޮށްފައިވެއެވެ.
ސެމްސަންގެ އޭއައި ބޭނުންކޮށްގެން ވީޑިއޯ އުފެއްދުމުގެ ފީޗަރު އިތުރުވުމުން ގެލެކްސީ އޭއައިގެ ގާބިލިއްޔަތު އިތުރުވެގެންދާނެއެވެ. މިހާރު ވެސް މި ސޮފްޓްވެއާގައި ޓެކްސްޓް ނުވަތަ ފޮޓޯއިން އިމޭޖް އުފެއްދުމުގެ ފީޗަރުތައް ހިމެނެއެވެ. ނަމަވެސް މިހާތަނަށް ވީޑިއޯ އުފެއްދުމުގެ ފީޗަރެއް ނުހިމެނެއެވެ. އަދި ރަސްމީކޮށް ނަމެއް ނުދީވާ މި ފީޗަރު ވަން ޔޫއައި 8.0 އަޕްޑޭޓްގައި ހިމެނިދާނެ ކަމަށް މާހިރުން ލަފާކުރައްވައެވެ.
މީގެ އިތުރުން ސެމްސަން އިން އޭއައި ބޭނުންކޮށްގެން ވީޑިއޯ ޚުލާސާކުރެވޭ ފީޗަރެއް ވެސް ތަރައްޤީކުރަމުންދާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މި ފީޗަރު އިން އޮންލައިން ވީޑިއޯތަކުގެ ޓެކްސްޓް ޚުލާސާއެއް އުފެއްދޭނެ ކަމަށް ބުނެވެއެވެ. އަދި މި ފީޗަރު ޔޫޓިއުބް އަދި ވިމިއޯ ފަދަ ޕްލެޓްފޯމްތަކާ ގުޅޭ ގޮތަށް ތައްޔާރުކުރެވޭނެ ކަމަށް ވެސް ރިޕޯޓުތަކުން ދައްކައެވެ.