ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ: ރައީސް

ކުޅިވަރާބެހޭ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން: ރައީސް ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ކުޅިވަރާބެހޭ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ޖަލްސާގައެވެ.

އެ ބިލުގައި ހިމަނައިފައިވާ ކަންތައްތަކުގެ ތެރޭގައި، ކުޅިވަރު އެސޯސިއޭޝަންތަކުގެ މާލީ ކަންކަން ކުރިއަށްގެންދިޔުމުގައި އަމަލުކުރަން މަޖުބޫރުވާ ޚާއްސަ ގަވައިދުތަކެއް ހަދަން ލާޒިމުކުރުމާއި އެސޯސިއޭޝަންތައް ހިންގާނެ އަސާސީ އުސޫލުތަކުގެ ގަވައިދެން ހެދުން ހިމެނެއެވެ.

ރައްޔިންތުގެ މަޖިލީހުގައި އެ ބިލުގެ ބަހުސްގައި މެމްބަރުން ވަނީ ކުޅިވަރު ދާއިރާ ކުރިއެރުވުމަށްޓަކައި ސިޔާސީ ނުފޫޒު އެއްކިބާކުރަންޖެހޭ ކަމަށާއި، އެކަން ނުކޮށް ދާއިރާ ކޮޅަށްނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/199527

އެ ބިލު ތަސްދީގު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ކަމުގައި ވީނަމަވެސް، އަދި އެހެން ކުޅިވަރު އެސޯސިއޭޝަނެއް ކަމުގައި ވީނަމަވެސް ހިންގުމުގެ ތެރެއަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށެވެ.

ސަރުކާރުގެ ޒިންމާއަަކަށް ވާނީ އަދި ސަރުކާރުން ޔަގީންކުރާނީވެސް ގާނޫނުގެ ދަށުން ކުރަންޖެހޭ ހުރިހާ ކަމެއް އެ ކުރަންޖެހޭ އުސޫލުން ކުރުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ސަރުކާރުން އެންޝުއާ ކުރާނީ ގާނޫނު ތަންފީޒުކުރުމަށް. ގާނޫނުގެ ދަށުން ކުރަންޖެހޭ ހުރިހާ ކަމެއް އެ ކުރަންޖެހޭ އުސޫލުން ކުރުން ސަރުކާރުން އެންޝުއާ ކުރުން ސަރުކާރުގެ ޒިންމާއަކަށް ވާނީ،" ރައީސް ވިދާޅުވިއެވެ.

ކުޅިވަރާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުން: ސަރުކާރުން އެސޯސިއޭޝަންތަކަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި -- ފޮޓޯ/ ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން ޖުމްލަ ގޮތެއްގައި ބަލާނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުޅިވަރާބެހޭ ސިޔާސަތު ތަންފީޒުކުރުމަށް ކަމަށެވެ.

އިންޓަނޭޝަނަލް ބޮޑީސްތައް އެހެރީ އެ ބޮޑީތަކާ ގުޅޭ އެސޯސިއޭޝަންތަކާ ގުޅޭ ރެގިއުލޭޓަރީ ކަންކަންކުރަން. ފީފާއިން އެފްއޭއެމްއާ ގުޅޭ ކަންކަން ކުރާނީ. ދެންހުރި އެސޯސިއޭޝަންތަކަށް އެކަމާގުޅޭ އިންޓަނޭޝަނަލް އެސޯސިއޭޝަންތަކުން ނޫނީ ޖަމިއްޔާތަކުން ކުރާނީ. ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

އެމަނިކުފާނު ވިދާޅުވީ މި ގާނޫނުގެ ތެރެއިން ކުޅިވަރުގެ ކަންކަމުގައި ދެފުށް ފެންނަކަން އިތުރުކުރެވި ހިންގުން ހަރުދަނާ ކުރެވޭނެ ކަމަށެވެ.

ކުޅިވަރާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުން: ސަރުކާރުން އެސޯސިއޭޝަންތަކަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި -- ފޮޓޯ/ ރައީސް އޮފީސް

ކުޅިވަރާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ނިމިދިޔަ 2024 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.

ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމަކީ މިއީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން، މިހާރު ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް މި އިސްލާހުތަކާ އެކު ހައްލުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

comment ކޮމެންޓް