މި ސަރުކާރުން އުފެއްދި, ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) އަށް މިދިޔަ މާޗް މަހުގެ 25 ގެ ނިޔަލަށް 6.5 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށް, ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ޑީބީއެމް އިފުތިތާހުކުރީ ނޮވެންބަރު 16، 2024 ގައެވެ. އެކަމަކު، އަދިވެސް އެ ބޭންކްގެ ޚިދުމަތް ރަސްމީކޮށް ދޭން ފެށިފައެއް ނުވެއެވެ.
ގާނޫނީ ވަކީލު އަޙްމަދު މައުރޫފް, ހުށަހެޅި އާރުޓީއައިއަކަށް ފިނޭންސް މިނިސްޓްރީން ދީފައިވާ ޖަވާބުގައި ބުނެފައި ވަނީ އެ ބޭންކް އުފައްދަން ފެށީންސުރެން, މިދިޔަ މާޗް މަހުގެ 25 ގެ ނިޔަލަށް, އެކަމާ ގުޅޭއެކިއެކި ކަންކަމަށް ފިނޭންސް މިނިސްޓްރީން 6.5 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށެވެ.
އެ ހަރަދުތައް ކުރިގޮތުގެ ތަފްސީލެއް ފިނޭންސްއިން ހާމަ ކޮށްފައެއް ނުވެއެވެ.
އެ ބޭންކްގެ ސީއީއޯ ކަމަށް ރާއްޖޭން ބޭރުގެ ތަޖުރިބާކާރެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އައްޔަންކުރެއްވީ އޮގަސްޓް 26 ގައެވެ. އެކަމަކު، މާ ގިނަ ދުވަހެއް ނުވެ އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އޭނާ ވަނީ އިސްތިއުފާ ދެއްވި ނޯޓިސް މުއްދަތުގެ މުސާރައާއި އިނާޔަތްތައް ނުލިބިގެން އޭޕްރީލް ހަތް ވަނަ ދުވަހު އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައެވެ.
ސީއީއޯ އިސްތިއުފާ ދެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވެ މިދިޔަ މަހުގެ 23 ވަނަ ދުވަހު ވަނީ, އެ ބޭންކުގެ ބޯޑު މެންބަރު ކަމުގެ މަގާމުގައި ހުންނެވި މއ. ވޭސައިޑް, 805 ފްލެޓް، އަޙްމަދު ޢަލީ، ވެސް އިސްތިއުފާ ދެއްވައިފައެވެ.
ޑީބީއެމްގެ ސީއީއޯ އިސްތިއުފާ ދެއްވުމާ ގުޅިގެން އައު ސީއީއޯ އާއި މެނޭޖިން ޑިރެކްޓަރެއް އައްޔަންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑީބީއެމްއިން ބުންޏެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވި ޑިވެލޮޕްމަންޓް ބޭންކްގެ ޚިދުމަތް ނުފެށި ލަސްވާތީ ވެސް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެކަމަކު، އެ ބޭންކްގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަކާއި ވިޔަފާރިތަކަށް އެހީވުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އިގުތިސާދު ކުރިއަރަމުން އަންނަކަން ކަށަވަރު ކުރުމުގައި ޑިވެލޮޕްމެންޓް ބޭންކުން މުހިންމު ދައުރެއް އަދާކުރާނެއެވެ.
މިއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފެއްދި ބޭންކެކެވެ.
އަދި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރު ކުރުމަށް އެ ބޭންކުން މަސައްކަތް ކުރާނެއެވެ.
ޑިވެލޮޕްމެންޓް ބޭންކުތަކަކީ، ގައުމުގައި އިންޑަސްޓްރީތަކާއި، ވިޔަފާރިތައް އުފައްދާ، ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭންކުތަކެވެ. އެގޮތުން ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ލޯނާއި އެހެނިހެން މާލީ އެހީތެރިކަން ވެސް ޑިވެލޮޕްމަންޓް ބޭންކުތަކުން ފޯރު ކޮށްދޭނެއެވެ.