ކުޅިވަރުގެ ގައުމީ ފަންޑެއް ތަރައްގީކުރުން ހިމެނޭހެން، މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދެވޭ ގޮތަށް ކުޅިވަރާބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
އެ ބިލު ތަސްދީގުކުރައްވާފައި ވަނީ އެ ކަމަށް ޚާއްސަކޮށްގެން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުޅިވަރާބެހޭ ގާނޫނަށް ގެނެވުނު އިސްލާހަކީ ކުޅިވަރު ކުޅޭ މީހުންނާއި، ޖަމިއްޔާތަކާއި ދާއިރާގެ އެކި ފަރާތްތަކުން އެ ދާޢިރާއަށް ތަރައްގީ ގެނައުމަށް އެދެމުންދިޔަ އިސްލާހުތަކެއް ކަމަށެވެ.
ޖުމްލަ 70 އަށްވުރެ ގިނަ އިސްލާހު ހިމެނޭއިރު އޭގެތެރެއިން އެއްކަމަކަށް، މި އިސްލާހާއެކު ކުޅިވަރުގެ ދާއިރާގެ ކަންކަން ލާމަރުކަޒު ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ރައްޔިތުން އެކި އަތޮޅުތަކުގައި ދިރިއުޅެމުންދާއިރު އަބަދުވެސް ވެފައި އޮންނަގޮތަކީ ގައުމީ ޓީމުތަކަށް މާލޭގައި ނޫނީ މާލެ ސަރަހައްދުގައި އުޅޭ ކުޅުންތެރީންނަށް ފުރުސަތު ދެވިގެންދަނީ. މުޅީން އެހެންނެއްނޫން އެކަމު ގާތްގަނޑަކަށް އެހެން ވެފައި މި އޮންނަނީ.ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކުޅިވަރު ކުޅޭ ކުޅުންތެރީން އުފެއްދުމާއި، ހުނަރު އިތުރުކުރުމާއި، ކުޅުންތެރީން ދެނެގަތުމާއި، ގައުމީ ޓީމުތަކަށް ކުޅުންތެރީން ނެގުމުގައި މުޅި ރާއްޖެ ޝާމިލުވާގޮތަށް އެންމެ މޮޅު ކުޅުންތެރީން ހޮވޭގޮތް ވުމަކީ މި ގާނޫނުގެ ތެރެއިން ފަހިވެގެންދާނެ ކަމެއް ކަމަށެވެ.

ކުޅިވަރާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ވަނީ މިއަދު ތަސްދީގުކުރެވުނު ގާނޫނުގެ ދަށުން ކުޅިވަރުގެ ގައުމީ ފަންޑެއް ތަރައްގީކުރާނެކަމަށާއި އެ ފަންޑަކީ ގައުމީ ގޮތެއްގައި ކުޅިވަރު ތަރައްގީކުރުމަށް ޓަކައި ގާއިމްކުރާ ފަންޑެއް ކަމަށް ވިދާޅުވެފައެވެ.
އަދި އެ ފަންޑުގެ ނަތީޖާއަކަަށް ވާނީ ލާމަރުކަޒުކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެއް ފެންވަރެއްގައި އެތުލީޓުން ތަރައްގީކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކުޅުންތެރިންނާއި ކޯޗިންއާއި ވަސީލަތްތަކާއި، މި ހުރިހާ ގޮތަކުން ވެސް ކަންކަން ކުރުމުގައި ގައުމީ ކުޅިވަރު ފަންޑުގެ ބޭނުން ހިފޭނެ،" ރައީސް ވިދާޅުވިއެވެ.

ކުޅިވަރާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
މީގެ އިތުރުން މޯލްޑިވްސް ޕެރައޮލިމްޕިކް ކޮމެޓީގެ ދަށުން ހިންގާ ޚާއްސަ ޑިވިޝަންތައް ކުޅިވަރު އެސޯސިއޭޝަންތަކުގައި އުފައްދާނެއެވެ.
އަދި ކުޅިވަރުގެ ދާއިރާގައި، އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރު ކޮށްދީ، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ" ވަކި މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި މި ގާނޫނުގެ ދަށުން ގެންނާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.
މި އިސްލާހުގެ ދަށުން ސްޕޯޓްސް އާބިޓްރޭޝަން ނިޒާމު ރާއްޖޭގައި ޤާއިމުކޮށް ޢަމަލުކުރަން ފެށުމަށް ކަނޑައެޅުން ވެސް ހިމެނެއެވެ.
މި ބިލަކީ މި މަހުގެ ފަސްވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލަކަށްވާއިރު މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ.